ކޮވިޑް19: ކޮންމެ 10 މީހަކުން އެކެއްގެ އާމްދަނީ މުޅިން ހުއްޓުނު

ޖޫން 8، 2020: މާލޭގެ ފިހާރައެއް ކައިރީގައި މީހަކު ހުއްޓިލައިގެން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ކޮވިޑް19 އާ ގުޅިގެން، ގިނަ ބައެއްގެ ވަޒީފާއާއި އާމްދަނީއަށް އަސަރުކޮށްފައިވާއިރު، ކޮންމެ 10 މީހަކުން އެކަކުގެ އާމްދަނީ މުޅިން ހުއްޓިފައިވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީއާއި ދިވެހި ގައުމީ ޔުނިވަސިޓީ ގުޅިގެން ކުރިއަށް ގެންދިޔަ ސާވޭއަކުން ދައްކައިފިއެވެ.

ކޮވިޑް19ގެ އިޖްތިމާއީ އަދި އިގްތިސޯދީ ކަންކަމަށް ކުރި އަސަރު ދެނެގަތުމަށް އެޗްޕީއޭއާއި ޔުނިވާސިޓީ ގުޅިގެން ހުސްވި މޭ މަހު ވަނީ އޮންލައިން ސާވޭއެއް ކުރިއަށް ގެންގޮސްފައެވެ.

އެ ސާވޭގެ ފުރަތަމަ ބުރުގައި 2،871 ބައިވެރިޔަކު ވަނީ މައުލޫމާތު ހިއްސާކޮށްފައެވެ. އަދި އެ ސާވޭގެ ހޯދުންތައް އެޗްޕީއޭގެ ފަރާތުން މިހާރު އަންނަނީ އާންމުކުރަމުންނެވެ.

އެޗްޕީއޭއިން އެންމެ ފަހުން އާންމުކުރި ހޯދުންތަކުން އެނގޭ ގޮތުގައި، ސާވޭގައި މައުލޫމާތު ހިއްސާކުރި ބައިވެރިިންގެ ތެރެއިން ކޮންމެ 10 މީހަކުން އެކެއްގެ އާމްދަނީ ލިބޭނެ މަގު ވަނީ މުޅިން ބަންދުވެފައެވެ.

އަދި ކުރިއަށް އޮތް މަހުގެ ތެރޭގައި ވަޒީފާ ގެއްލުމުގެ ފުރުސަތު އޮތް ކަމަށް ވެސް 10 މީހަކުން އެކަކު ވަނީ ބުނެފައެވެ. މީގެ އިތުރުން ކޮންމެ 10 މީހަކުން ތިން މީހެއްގެ މުސާރަ ކުޑަކޮށްފައި ވީ ނަމަވެސް، ކޮންމެ 10 މީހަކުން ފަސް މީހަކަށް ވަޒީފާގެ ޔަގީންކަން އޮތެވެ.

ކޮވިޑް19 ބަލިމަޑުކަމާ ކުރިމަތިލާން ޖެހުނު އިރު، ދިރާސާގެ ބައިވެރިންގެ ތެރެއިން 71 ޕަސެންޓް މީހުން އާމްދަނީ ހޯދަމުން ދިިޔައީ އަދާކުރަމުން ދިިޔަ ވަޒީފާއިންނެވެ. ހަ ޕަސެންޓް މީހުން އާމްދަނީ ހޯދަމުން ދިޔައީ ތަންތަން ކުއްޔަށް ދީގެންނާއި ޕެންޝަން ފައިސާއިންނެވެ. ބައިވެރިންގެ ތެރެއިން 16 ޕަސެންޓް މީހުން ވިޔަފާރިިތަކުން އާމްދަނީ ހޯދަމުން ދިޔަ އިރު، ހަތް ޕަސެންޓް މީހުންނަށް އާމްދަނީއެއް ނުލިބެއެވެ.

ވިޔަފާރިތަކަށް ވަރަށް ބޮޑަށް އަސަރުކޮށްފައިިވޭ!

ވިޔަފާރިތަކަށް ބަލާއިރު، ކޮވިޑް19 އާ ގުޅިގެން ކޮންމެ 10 ވިޔަފާރިއަކުން ފަސް ވިޔަފާރިއަކަށް ވަނީ ވަރަށް ބޮޑެތި ގެއްލުންތަކާ ކުރިމަތިލާން ޖެހިފައެވެ.

އޭގެ އިތުރުން ކޮންމެ 10 ވިޔަފާރިއަކުން ހަތަރު ވިޔަފާރިއަކަށް ލިބެމުން ދިޔަ އާމްދަނީ މުޅިން ހުއްޓިފައެވެ. ކޮވިޑް19ގެ އަސަރު މާ ބޮޑަށް ނުކުރާ ކަމަށް ބުނެފައި ވަނީ 10 ވިޔަފާރީގެ ތެރެއިން އެންމެ ވިޔަފާރިއަކުންނެވެ.

އެހެންކަމުން ކޮވިޑް19ގެ ސަބަބުން ގިނަ ބައެއްގެ މާލީ ފުދުންތެރިކަމަށް ވަނީ ވަރަށް ބޮޑަށް އަސަރުކޮށްފައެވެ. ސާވޭގެ ބައިވެރިންގެ ތެރެއިން 65 ޕަސެންޓް މީހުންގެ މާލީ ފުދުންތެރިކަން ވަރަށް ބޮޑަށް ދަށަށް ދިޔައިރު، 23 ޕަސެންޓް މީހުންނަށް ކޮންމެސް ވަރަކަށް އަސަރުކުރިއެވެ.

ސާވޭގެ 12 ޕަސެންޓް މީހުން ބުނެފައި ވަނީ މާލީ ފުދުންތެރިކަމަށް ކޮށްފައިވާ އަސަރު ބުނަން އަދި ނޭނގޭ ކަމަށެވެ.

ކޮވިޑް19 އާ ގުޅިގެން މާލެ ސަރަހައްދު ފުރަބަންދު ކުރުމާ ގުޅިގެން 44 ޕަސެންޓް މީހުން ވަޒީފާއަށް ގޮސްފައެއް ނުވެއެވެ. ގޭގައި ތިބެގެން 37 ޕަސެންޓް މީހުން މަސައްކަތް ކުރިއިރު، އަށް ޕަސެންޓް މީހުން ވަނީ ހަފްތާއަކު ދެތިން ފަހަރު ވަޒީފާއަށް ނުކުމެފައެވެ. ފުރަބަންދުގައި ވެސް ގަވާއިދުން މަސައްކަތަށް ނުކުމެފައި ވަނީ 11 ޕަސެންޓު މީހުންނެވެ.

ކޮވިޑް19 އާ ގުޅިގެން ގައުމީ ޔުނިވާސިޓީން ގިނަ ދިރާސާތަކެއް ކުރަމުން އަންނަ އިރުު، ފުރަބަންދަށް ދިން ލުއިތަކާ އެކު މާލޭގައި ކޮވިޑް ފެތުރެމުންދާ މިންވަރު ބެލުމަށް ވެސް މިހާރު ވަނީ ދިރާސާއެއް ފަށައިފައެވެ.

އެ ދިރާސާގެ ދަށުން ފްރަންޓްލައިންގައި އުޅޭ ވެމްކޯފަދަ ތަންތަނުގައި މަސައްކަތްކުރާ ހައި ރިސްކު މީހުންނާއި ބަލި ފަސޭހައިން ޖެހިދާނެ މީހުންނަށް އަމާޒުކޮށް އަންނަނީ ސާމްޕަލް ނަގަމުންނެވެ.

ކޮވިޑް-19ގެ ސަބަބުން ކުރެވޭ މުހިންމު ދިރާސާތައް ފަދަ މަސައްކަތްތަކުގައި ގައުމީ ޔުނިވާސިޓީގެ 1،200 ދަރިވަރަކު ހަރަކާތްތެރިވަމުންދާކަމަށް ޔުނިވާސިޓީން މައުލޫމާތުދެއެވެ.

ގައުމީ ޔުނިވާސިޓީގެ ދިރާސާތައް އަމާޒުކުރެވޭ ދާއިރާތަކުގެ ތެރޭގައި ކޮންޓެކްޓް ޓްރޭސިންގް، މޮޑެލިންގް، ސޯޝިއޯ އިކޮނޮމިކް ޚަރަދުތަކުގެ އިތުރުން އިޖްތިމާއީ އިގްތިސާދީ ހާލަތާއި ނަފްސާނީ ސިއްހަތަށް އަންނަ ބަދަލުތައް ހިމެނެއެވެ.

މީގެ އިތުރުންވެސް ކޮވިޑް-19 އާ ގުޅިގެން މަތީ ތައުލީމުގެ ދާއިރާ، ކޮންސްޓްރަކްޝަން، އަދި ހައުސިންގްގެ ދާއިރާއަށް ކުރާ އަސަރުތައް ބެލުމަށްވެސް ދިރާސާތަކެއް ދަނީ ކުރެވެމުންނެވެ.

comment ކޮމެންޓް