މެމްބަރުން ކުރައްވާ ކަންކަމުގެ ތެރެއަށް ނުވަންނާނަން: އިމްރާން

ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ މަޖިލިސް ޖަލްސާގައި -- ފޮޓޯ/ މަޖިލިސް

ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަކީ ހައްގުތަކެއް ލިބިގެންވާ ބައެއް ކަމަށާއި، މެމްބަރުން ކުރައްވާ ކަންކަމުގެ ތެރެއަށް ނުވަންނާނެ ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އިއްޔެ ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ އިއްޔެގެ ޖަލްސާއަށް މިނިސްޓަރު އިމްރާން ހާޒިރުކޮށް، މެމްބަރުން ވަނީ ސުވާލުކުރައްވައިފަ އެވެ.

މިހާރު މަޖިލީހުގައި އޮތް ދިވެހި ފުލުހުންގެ ހިދުމަތުގެ ބިލަށް މެމްބަރުން ބަހުސްކުރައްވަމުން، މުޅި މުއައްސަސާގެ އަގު ވައްޓާލައި، ފުލުހުންނަށް މަލާމާތް ރައްދުވާގޮތަށް ވާހަކަދައްކަވާ އިރު، ފުލުހުންގެ ދިފާއުގައި މިނިސްޓަރު ވާހަކަ ނުދައްކަވަނީ ކީއްވެތޯ ނޮޅިވަރަމް ދާއިރާގެ މެމްބަރު މުހައްމަދު ނަޝީދު އަބްދުﷲ ވަނީ ސުވާލުކުރައްވައިފަ އެވެ.

އެ ސުވާލަށް ޖަވާބުދެއްވަމުން މިނިސްޓަރު ވިދާޅުވީ މެމްބަރުންނަށް ވެސް ހައްގުތަކެއް ލިބިގެންވާ ކަމަށް ގަބޫލުކުރައްވާ ކަމަށެވެ.

"މަޖިލީހުގެ މެމްބަރުން ކުރައްވާ ކަންތައްތަކުގެ ތެރެއަށް އަޅުގަނޑުމެން ވަނުމުގެ ވިސްނުމެއް އަޅުގަނޑު ނުގެންގުޅެން،" މިނިސްޓަރު ވިދާޅުވި އެވެ.

ގާނޫނުއަސާސީއަށް އިސްލާހު ގެނައި ރޭ، ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ މެދުގައި ހިނގި ހަމަނުޖެހުމުގެ މައްސަލަ ފުލުހުންނަށް ހުށަހަޅާފައިވާއިރު އިންސާފުވެރިކަމާ އެކު އެ މައްސަލަ ބަލައި އެ ކަންކަމުގައި އަޅަންޖެހޭ ގާނޫނީ ފިޔަވަޅު އަޅުއްވާނެ ކަމަށް މިނިސްޓަރު އިމްރާން ވިދާޅުވި އެވެ.

މިނިސްޓަރުގެ ވާހަކައާ ގުޅިގެން އެމްޑީޕީ މެމްބަރުން ވަނީ ވަރަށް ބޮޑަށް ނުރުހުން ފާޅުކުރައްވައިފަ އެވެ. އަދި މަޖިލީހުގެ އިންތިޒާމްތަކުގެ ތެރެއަށް އަރައިގަތުމުގެ ވިސްނުން ހޯމް މިނިސްޓަރު ނުގެންގުޅުމަށް އެމްޑީޕީގެ ޗެއާޕާސަން އަދި ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފް ވަނީ ގޮވާލައްވައިފަ އެވެ.

comment ކޮމެންޓް