ބައެއް ގައުމުތަކަށް އައްޔަނުކުރާ ސަފީރުންނަށް ރުހުން ހޯދަން މަޖިލީހަށް ފޮނުވައިފި

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގެ ތެރެެއިން

ބޭރުގެ ބައެއް ގައުމުތަކަށް ސަފީރުން ކަނޑައެޅުއްވުމަށް ނަންތައް ރައްޔިތުންގެ މަޖިލީހުގެ ރުހުން ހޯދުމަށް ރައީސުލްޖުމްހުރިއްޔާ މިއަދު ފޮނުއްވައިފިއެވެ.

އަލަށް އައްޔަންކުރެވޭ ސަފީރުންނާއެކު ރާއްޖެއިން ބޭރުގައި ތިއްބަވާ ދިވެހި ސަފީރުންގެ ތެރޭގައި މިންތީގެ ހަމަހަމަކަން އުފެދިގެންދާނެކަމަށް ފޮރިން މިނިސްޓްރީއިން ވަނީ ބުނެފަ އެވެ.

މިއަދު ރުހުން ހޯދުމަށް ފޮނުއްވި ބޭފުޅުންނަކީ:

1. ޔުނައިޓެޑް އަރަބް އެމިރޭޓްސްއަށް ރާއްޖެއިން ކަނޑައަޅާ ސަފީރުކަމަށް އައިމިނަތު ޝަބީނާ.

ޝަބީނާ އަކީ މިހާރު އިންޑިއާގައި ހުންނަ ދިވެހި އެކްޓިންގް ހައިކޮމިޝަނަރެވެ. ޝަބީނާއަކީ ފޮރިން ޚިދުމަތުގައި 26 އަހަރު ހޭދަކުރައްވާފައިވާ މާސްޓާސް އިން ބިޒްނަސް އެޑްމިނިސްޓްރޭޝަން ހާސިލް ކުރައްވާފައިވާ ފަރާތެކެވެ.

2. އިންޑިއާއަށް ކަނޑައަޅާ ރާއްޖޭގެ ސަފީރުކަމަށް ޑރ. ހުސެއިން ނިޔާޒް.

ނިޔާޒަކީ ޔޫއޭއީގައި މިހާރު ހުންނަވާ ދިވެހި ސަފީރެވެ.
އޭނާ އަކީ ފޮރިން ޚިދުމަތުގައި 14 އަހަރާއި 8 މަސް ހޭދަކުރައްވާފައިވާ ޕީއެޗްޑީ ހާސިލްކުރައްވާފައިވާ ފަރާތެކެވެ.

3. ބަންގްލަދޭޝްއަށް ކަނޑައަޅާ ރާއްޖޭގެ ސަފީރުކަމަށް ޝިރުޒިމަތު ސަމީރު:

ޝިރުމިޒަތު ސަމީރުއަކީ މިނިސްޓްރީ އޮފް ފޮރިން އެފެއަރޒްގެ މިހާރުގެ އެޑިޝަނަލް ސެކްރެޓަރީ އެވެ. ފޮރިން ޚިދުމަތުގައި 12 އަހަރާ 3 މަސް ހޭދަކުރައްވާއިވާ ޝިރުމިޒަތު އަކީ މާސްޓަރސް އިން ސޯޝަލް ސައިންސް ހާސިލްކުރައްވާފައިވާ ބޭކަނބަލެކެވެ.

4. ޕާކިސްތާނަށް ކަނޑައަޅާ ރާއްޖޭގެ ސަފީރުކަމަށް ފަރްޒާނާ ޒާހިރު:

ފަރްޒާނާއަކީ މިވަގުތު އދ. އަށް ކަނޑައަޅާފައި ހުންނަ ރާއްޖޭގެ ދާއިމީ މިޝަންގައި ހުންނަވާ ދާއިމީ މަންދޫބުގެ ނައިބެވެ. ފޮރިން ޚިދުމަތުގައި 19 އަހަރާއި 5 މަސް ހޭދަކުރައްވާފައިވާ ފަރްޒާނާއަކީ މާސްޓަރސް އިން ޑިވެލޮޕްމެންޓް ސްޓަޑީޒް ހާސިލްލުރައްވާފައިވާ ބޭކަނބަލެކެވެ.

5. ސްވިޓްޒަލެންޑްގެ ޖެނީވާގައި ހުންނަ އ.ދގެ އޮފީސްތަކަށް ކަނޑައަޅާފައި ހުންނަ ދިވެހިރާއްޖޭގެ ދާއިމީ މިޝަންގެ ދާއިމީ މަންދޫބުކަމަށް ޑރ. އާސިމް އަހްމަދު:

ޑރ. އާސިމަކީ މިވަގުތު ފޮރިން މިނިސްޓްރީގެ އެމްބެސެޑަރ އެޓް ލާޖް އެވެ. ޑރ. އާސިމާއަކީ ފޮރިން ޚިދުމަތުގައި 1 އަހަރާ 3 މަސް ހޭދަކުރައްވާފައިވާ ޔުނިސެފް/އައި.އެލް.އޯ-ޔޫއެން އެސްކެޕްގައި މަސައްކަތްކުރެއްވި، ޕީއެޗްޑީ ހާސިލްކުރައްވާފައިވާ ބޭފުޅެކެވެ.

ފޮރިން މިިނިސްޓްރީއިން ބުނިގޮތުގައި މި މަގާމުތަކަށް އައްޔަންކުރުމަށް މިއަދު ނަން ފޮނުއްވި ހުރިހާ ބޭފުޅުންނަކީވެސް މިހާރުވެސް ފޮރިން ޙިދުމަތުގައި މަސައްކަތްކުރައްވާ ފުންނާބުއުސް ޑިޕްލޮމެޓުންނެވެ.

ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވަނީ ސަފީރުންގެ ގޮތުގައި އަންހެން ފިރިހެން ބޭފުޅުން ހަމަހަމައަށް އައްޔަނުކުރެވުމަކީ ރާއްޖޭގެ ޑިޕްލޮމެޓިކް ތާރީޙުގަައި އަލަށް ހާސިލުކުރެވުނުކަމެއްކަމަށް އަދި ޖިންސީ ހަމަހަމަކަމާއިއެކު ކުރިއެރުން ހޯދުމަކީ ރާއްޖެއަށް ވަރަށް މުހިންމުކަމެއްކަމަށް ވިދާޅުވެފަ އެވެ.

ރުހުން ހޯދުމަށް ފޮނުވުނު މި ބޭފުޅުން އައްޔަނުކުރެވުމާއިއެކު ރާއްޖެއިން އައްޔަނުކުރެވިފައިވާ ބޭފުޅުންގެ ތެރެއިން 9 ބޭފުޅުންނަކީ އަންހެން ބޭފުޅުން އަދި 9 ބޭފުޅުންނަކީ ފިރިހެން ބޭފުޅުންނަށް ވާނެ އެވެ.

މިޝަންތަކުގެ އިސްވެރިންގެ ގޮތުގައި މިހާރު ތިއްބަވާ އަންހެން ބޭފުޅުންނަކީ ޕާކިސްތާން، މެލޭޝިއާ، ޗައިނާ، ބަންގްލަދޭޝް، ޔޫއޭއީ، އިނގިރޭސިވިލާތަށް އައްޔަނުކުރެވިފައިވާ ސަފީރުންނެވެ.

މީގެ އިތުރުންވެސް ޓްރިވެންޑްރަމްގައި ހުންނަ ކޮންސިއުލް ޖެނެރަލް އާއި، ނިއުޔޯކްގައި ހުންނަ އދގެ އޮފީހަށް ކަނޑައަޅާފައި ހުންނަ ދާއިމީ މަންދޫބުގެ އިތުރުން ތައިލެންޑްގައި ހުންނަ ޔޫއެން އެސްކެޕް އަށް ކަނޑައަޅާފައި ހުންނަވާ ދާއިމީ މަންދޫބުގެ ގޮތުގައިވެސް ތިއްބަވާނީ އަންހެން ބޭފުޅުންކަމަށް ފޮރިން މިނިސްޓްރީއިން ވަނީ ބުނެފައެވެ.

comment ކޮމެންޓް