ސަމުރާއީ ބޮންޑު ނުވިއްކި، 300 މިލިއަން ޑޮލަރުގެ ސުކޫކެެއް ވިއްކަނީ

ރައީސް ސޯލިހު ނޫސްވެރިންނާ ބައްދަލު ކުރައްވަނީ --

ކުރިއަށް އޮތް ހަ މަހަކީ ދަތި އުނދަގޫ ދުވަސް ތަކަކަށް ވާނެ ކަމަށާއި ބަޖެޓަށް ބޭނުންވާ ފައިސާ ހޯދުމަށް 300 މިލިއަން ޑޮލަރުގެ ސުކޫކެއް ވިއްކަން ނިންމާފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

ރައީސް ސޯލިހު ވިދާޅުވީ މި އަހަރު ބަޖެޓުގައި ހިމަނާފައިގެން ޖަޕާނަށް ވިއްކަން ހަމަޖައްސާފައިވާ ސަމުރާއީ ބޮންޑު ވިއްކުން މިވަގުތަށް މަޑުޖައްސާލާފައިވާ ކަމަށެވެ.

މިއަހަރަށް ލަފާކުރި ދައުލަތުގެ ބަޖެޓުގައި ނިންމާފައިވަނީ 300 މިލިއަން ޑޮލަރުގެ ސަމުރާއީ ބޮންޑެއް ޖަޕާނަށް ވިއްކުމަށެވެ.

"ތި ވިދާޅުވާހެން އަޅުގަނޑުމެން ކުރިން ބަޖެޓުގައި ހިމަނައިގެން ހޯދަން އޅުނު ސަމުރާއީ ބޮންޑު މިވަގުތަކު ކުރިއަކަށް ނުދޭ. ކޮވިޑާ ގުޅިގެންނާ އެކީގައި އެއަށް ހުއްޓުމެއް އައިސްފައި އޮތީ. އެހެންކަމުން އަޅުގަނޑުމެން ބަޖެޓަށް ބޭނުންވާ ފައިސާ ހޯދުމަށް އެކި ގޮތްގޮތަށް މަސައްކަތް ކުރަމުން އެބަ ގެންދަން. އެގޮތުން 300 މިލިއަން ޑޮލަރުގެ ސުކޫކެއް ވިއްކުމުގެ މަސައްކަތް މިހާރު ކުރިއަށް އެބަ ގެންދަން،" ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ރާއްޖޭގެ ކްރެޑިޓް ރޭންކިން "ބީ" ގައި ހުރުމަށްފަހު، މިހާރު "ބީ ނެގެޓިވް" އަށް ވެއްޓިފައިވާ ކަމަށެވެ.

"އެއީ ހަމައެކަނި ރާއްޖެއަށް ދިމާވި ކަމެއް ނޫން. ހުރިހާ ގައުމެއްގެ ފައިނޭންޝަލް ރޭޓިން މިހާރު ހުރީ ދަށުގައި އަނެއްކާ އެ ރޭޓިން ދަށްކުރުމުގައި މޫޑީސް އިން ބުނެފައި އެބައޮތް މިއީ، މިވަގުތަށް ކޮވިޑާ ގުޅިގެން ދިމާވެފައި ހުރި މާލީ ދަތިތަކުގެ ސަބަބުން އަޅަން ޖެހުނު ފިޔަވަޅެކޭ،" ރައީސް ވިދާޅުވިއެވެ.

މިއާއެކު ލޯނުގެ އިންޓްރެސްޓު އުފުލިފައިވާ ކަން ފާހަގަ ކުރައްވާ ރައީސް ވިދާޅުވީ ބައެއް ލޯނު ތަކުގެ އިންޓްރެސްޓު ހުރީ ހައެއް ނުވަތަ އަށް ޕަސެންޓުގައި ކަމަށެވެ.

"ނަމަވެސް، މި ވިއްކުމަށް މަސައްކަތްކުރާ 300 މިލިއަން ޑޮލަރުގެ ސުކޫކަކީ ހަމަ ރަނގަޅު ރޭޓެއްގައި އަޅުގަނޑުމެންނަށް ލިބޭނެ ފައިސާއެއް. އެ ލިބިެއްޖެ ކަމަށް ވަންޏާ ކުރިއަށް އޮތް ހަ މަސްދުވަހު އެއްވެސް ދައްޗެއް ނެތި ކުރިއަށް ގެންދެވޭނެ،" ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ރާއްޖޭގެ ގާތް ގައުމުތަކުން މާލީ އެހީތެރިަކން ފޯރުކޮށްދޭނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށެވެ.

ކުރިއަށް އޮތް ހަ މަހަކީ އިގްތިސޯދަށް ދަތި ދުވަސްތަކަކަށް ވާނެ ކަމަށް ރައީސް މިއަދު ވިދާޅުވިއެވެ.

މިކަމުން އަރައިގަތުމަށް މަދުވެގެން 900 މިލިއަން ޑޮޮލަރު ނުވަތަ އެއް ބިލިއަން ޑޮލަރު ބޭނުންވާ ކަމަށް ރައީސް މިއަދު ވިދާޅުވިއެވެ.

ބޭރުގެ މާލީ އިދާރާތަކުން، 215 މިލިއަން ޑޮލަރު (3.3 ބިލިއަން ރުފިޔާ) ހޯދުމަށް ފިނޭންސް މިނިސްޓްރީއިން އަންނަނީ މަސައްކަތް ކުރަމުންނެވެ.

މިއަހަރަށް ލަފާކޮށްފައިވަނީ 37 ބިލިއަން ރުފިޔާގެެ ބަޖެޓެކެވެ. ކޮވިޑާއެކު އިގްތިސާދު ހުއްޓިފައިވާއިރު މިއަހަރު ލިބޭނެ ކަމަށް ލަފާކޮށްފައިވާ 29 ބިލިއަން ރުފިޔާގެ އާމްދަނީގެ ތެރެއިން މިހާރު ލަފާކޮށްފައިވަނީ ލިބޭނީ 15 ބިލިއަން ރުފިޔާ ކަމަށެވެ.

comment ކޮމެންޓް