އިބްރަހިމޯވިޗްއަށް ގޮތެއް ނިންމާނީ ސީޒަން ނިމެން ވީމަ: މިލާން

އޭސީ މިލާނުގެ ސްޓްރައިކަރު ޒްލަޓަން އިބްރަހިމޯވިޗް --- ފޮޓޯ: ލައިވްސްކޯ

އިޓަލީގެ އޭސީ މިލާނަށް ކުޅެމުން އަންނަ ޒްލަޓަން އިބްރަހިމޯވިޗްގެ ކޮންޓްރެކްޓާ މެދު ގޮތެއް ނިންމާނީ ސީޒަން ނިމެން ކައިރި ކޮށްފައި ކަމަށް އެކުލަބުން ބުނެފި އެވެ.

އެމެރިކާގެ އެލްއޭ ގެލެކްސީއާ އެކު ކާމިޔާބު ދެ ސީޒަން ހޭދަކުރުމަށް ފަހު އިބްރަހިމޯވިޗް މިލާނަށް ފްރީ އެޖެންޓެއްގެ ގޮތުގައި އައީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގަ އެވެ. މީގެ އަހަރުތަކެއް ވެސް މިލާނަަށް ކުޅެދިން އިބްރަހިމޯވިޗް ވަނީ މިފަހަރު އެކުލަބަށް އައިސް ކުޅުނު 10 މެޗުގައި ހަތަރު ގޯލު ޖަހައިފަ އެވެ.

އިބްރަހިމޮވިޗް މިލާނަށް ކުރިން ކުޅުނީ 2010 އިން 2012 އަށެވެ. އޭނާ ވަނީ އެ ޓީމާ އެކު އިޓާލިއަން ލީގު ކާމިޔާބުކޮށް 85 މެޗުން 56 ގޯލް ޖަހައިދީފަ އެވެ.

ކޮރޯނާ ވައިރަހުގެ ސަބަބުން އިޓަލީގެ ފުޓުބޯޅަ މެދުކަނޑާލުމަށް ފަހު އަލުން ފެށުމަށް ތައްޔާރުވުމުގެ ގޮތުން މިލާންގެ ފަރިތަކުރުން ކުރިއަށް ގެންދަނިކޮށް އިބްރަހިމޯޗަށް އަނިޔާވީ މިދިޔަ މަހު އެވެ. އެއާ އެކު އުމުރުން 38 އަހަރުގެ ސްޓްރައިކަރުގެ ކޮންޓްރެކްޓް މިލާނުން އައު ކުރުމާ މެދު ސުވާލު އުފެދިފައިވާ އިރު އެކަމަށް ގޮތެއް ނިންމާނީ ސީޒަން ނިމެން ކައިރި ވީމަ ކަމަށް އެކުލަބުގެ ޑިރެކްޓާ އޮފް ފުޓުބޯލް ފްރެޑެރިޗް މައްސަރާ ވަނީ ބުނެފަ އެވެ.

"އިބްރަހިމޯވިޗް އަކީ ޗެމްޕިއަނެއް،" ފްރެޑެރިޗް މައްސަރާ ބުންޏެވެ. "އޭނަ ކުލަބާއި ގުޅުމުން ކުޅުންތެރިންނާއި، ކުލަބަށް ދިރުމެއް އައިސް ޓީމުގެ ހާލަތު ރަނގަޅުވި. އެކަމަކު އޭނަގެ މުސްތަގުބަލާ މެދު އަދި ގޮތެއް ނުނިންމަން. ސީޒަން ނިމެން ކައިރި ވީމަ އެކަމާ ދެ ފަރާތުން މަޝްވަރާ ކުރާނެ."

ޔޫރޮޕުގެ ގިނަ ކުލަބުތަކަކަށް ކުރިން ކުޅުނު އިބްރަހިމޯވިޗް އަކީ މި ޖީލުގައި އުފެދުނު އެންމެ މޮޅު އެއް ސްޓްރައިކަރެވެ. ސްވިޑަންގެ މަލްމޯ އިން 1999ގައި ކެރިއަރު ފެށި އޭނާ ވަނީ ނެދަލެންޑްސްގެ އަޔެކްސްއާއި އިޓަލީގެ ޔުވެންޓަސް އާއި އިންޓަ މިލާނާއި ސްޕެއިނުގެ ބާސެލޯނާ އާއި ފްރާންސްގެ ޕީއެސްޖީ އަދި އިންގްލެންޑުގެ މެންޗެސްޓާ ޔުނައިޓެޑަށް ވެސް މީގެ ކުރިން ކުޅެފަ އެވެ. ނަމަވެސް އޭނާއަށް މިހާތަނަށް އެއްވެސް ޓީމަކާ އެކު ޗެމްޕިއަންސް ލީގުގެ ތައޓެއް އުފުލާލެވިފައެއް ނުވެ އެވެ.

comment ކޮމެންޓް