ޣައިރު ގާނޫނީ އެއްވުންތައް ޕްރޮފެޝަނަލްކޮށް ރޫޅާލެވޭނެ ފަދަ ބަޔަަކަށް ފުލުހުން ހަދާނަން: އިމްރާން

ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ޣައިރު ގާނޫނީ އެއްވުންތައް ޕްރޮފެޝަނަލްކޮށް ރޫޅާލެވޭނެ ފަދަ ބަޔަަކަށް ފުލުހުން ހަދާނެކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.

ސިޔާސީ ހަަރަކާތްތައް ހިންގާ "ނަވައިނަވައި "އިން އިއްޔެ މަޖިލިސް ކުރިމަތީގައި ހިންގި މުޒާހަރާތައް ކުޑަވަގުތުކޮޅެއްގެ ތެރޭގައި ފުލުހުން ވަނީ ރޫޅައިލައިފަ އެވެ.

ނަވައިނަވައި އިން ކުރިއަށްގެންދިޔައީ ކޮވިޑާ ގުޅިގެން ކުލި ނުދެއްކި އާއިލާތައް މަގުމަތިކުުރުން ހުއްޓުވައި، ތިމާވެށި ހަލާކުކުރުން ހުއްޓުވައި އަދި ކުޑަކުދިންނާއި އަންހެނުންގެ ރައްކާތެރިކަން ކަށަވަރުކުރުމުގެ މަސައްކަތަށް ފައިސާ ހަމަޖެއްސުމާއި އިންކަމް ސަޕޯޓް އެލެވަންސް ނުލިބޭ ފަރާރްތަކަަށް އެލަވަންސް ދިނުން އަވަސްކުރުމަށް ގޮވާލުމުގެ ގޮތުންނެވެ.

އެ މުޒާހަރާތައް ރޫޅާލުމާ ގުޅިގެން ހާއްސަކޮށް މުޒާހަރާގެ ބައިވެރިން ދަމާފައި ދުރަށް ޖެއްސުމުން ބައެއް ފަރާތްތަކުގެ ފާޑުކިޔުން ސަރުކާރަށް ވަނީ އަމާޒުވެފަ އެވެ. ނަމަވެސް ފުލުހުން އެދިފައި ވަނީ ކޮވިޑްގެ ބަލިމަޑުކަމުގެ ތެރޭގައި މަގުތަކަށް އެއްވުމުގައި ބަދަލުގައި އެހެން ގޮތްގޮތަށް ހިޔާލުފާޅުކުރުމަށެވެ.

"އިންސާނީ ކަރާމާތަށް އިސްކަންދީގެން ޕްރޮފެޝަނަލްކޮށް ޣައިރު ގާނޫނީ އެއްވުންތައް ރޫޅާލެވޭނެ ގާބިލްކަން ފުލުހުންގެ ކިބައިގައި ހުންނަތަން ދެކެން ބޭނުން. ފުލުހުންނަށް ދެވޭ ތައުލީމާއި ތަމްރީންތަކުގެ ތެރެއިން ކުރިއަށް އޮތްތާ އެކަން ކަށަވަރު ކުރާނަން." މުޒާހަރާތަަކަށް އިޝާރާތްކުރައްވައި އިމްރާން ކުރެއްވި ޓުވީޓެއްގައި ވިދާޅުވިއެވެ.

ރޭ ރާއްޖެ ޓީވީގެ ފަަލަ ސުރުހީ ޕްރޮގްރާމްގައި ފުލުހުންގެ ސުޕްރިންޓެންޑް ހުސެއިން ސަމީރު ވިދާޅުވީ އިއްޔެގެ މުޒާހަރާތައް ކޮންޓްރޯލް ކުރުމަށްޓަކައި ޕްރޮފެޝަނަލް ފުލުހުންނާއި ފުލުހުންގެ ހިދުމަތާ އަލަށް ގުޅުނު މީހުންގެ ތެރެއިން ޓްރެއިނިންތައް ހަދަމުންދާ ފުލުހުންތަކެއް ވެސް އުޅުނު ކަމަށެެވެ.

ފުލުހުންގެ މުއައްސަސާ ރިފޯމްކުުރުމަށް ޓަކައި މަޖިލީހަށް ފުލުހުންގެ ހިދުމަތުގެ ބިލުގެ ނަމުގައި ބިލެއް ހުށަހަޅައި އޭގެ ބަހުސްތައް ކުރިއަށް އެބަދެއެވެ.

comment ކޮމެންޓް