އެމެރިކާގައި ކޮވިޑް-19 ޖެހިގެން މަރުވާ މީހުންގެ އަދަދު ދޮޅު ލައްކައަށް އަރާނެ: ޓްރަމްޕް

ޓްރަމްޕް

ވޯޝިންޓަން (23 ޖޫން 20) : އެމެރިކާގައި ކޮވިޑް-19 ޖެހިގެން މަރުވާ މީހުންގެ އަދަދު ދޮޅު ލައްކައަށް އަރާނެކަމަށް ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެ އެވެ.

ސްޕެކްޓްރަމް ނިއުޒް އަށް ދެއްވި ބަސްދީގަތުމެއްގައި ޓްރަމްޕް ވިދާޅުވީ ކޮވިޑް-19 ޖެހިގެން އެމެރިކާގައި މިހާތަނަށް މަރުވެފައި ވަނީ 120،000 މީހުން ކަމަށާއި ކޮވިޑް ކޮންޓްރޯލް ކުރެވުމުގެ ކުރިން އެއަދަދު ދޮޅުލައްކައަށް އަރާނެކަމަށް ބެލެވޭ ކަމުގަ އެވެ.

އެމެރިކާގައި ކޮވިޑް-19 ކޮންޓްރޯލް ނުކުރެވި ގިނަ ބަޔަކު އެރޯގާގައި މަރުވަމުން ދަނީ އެވަބާއާ ކުރުމަތިލުމުގައި ޓްރަމްޕްގެ ސަރުކާރަށް ހަރުދަނާ ސްޓްރެޓެޖީ އެއް ނުގެންގުޅެވުމުގެ ސަބަބުން ކަމަށް އެމެރިކާގެ އިދިކޮޅު ފަރާތްތަކުން ބުނެއެވެ. އަދި ކޮވިޑް ކޮންޓްރޯލް ކުރުމަށް ސްޓޭޓްތަކުގެ ލޯކަލް ސަރުކާރުތަކުން އަޅާފައިވާ ފިޔަވަޅުތަކަށް ބެލުމެއްނެތި މީހުން އަވަހަށް ވަޒީފާތަކަށް ނެރުމަށާއި އިގްތިސާދީ ހަރަކާތްތައް އަލުން ފެށުމަށް ބާރުއަޅުއްވައި ޓްރަމްޕް ވާހަކަ ދައްކަވައި އެކަމަށް މަސައްކަތް ކުރައްވާފައިވެ އެވެ. މިކަމުގެ ސަބަބުން ސްޓޭޓްތަކުގެ ގަވަރުނަރުން ގެ ފާޑުކިޔުންތައް ވެސް ޓްރަމްޕަށް އަމާޒުވެފައިވެ އެވެ.

މީގެ އިތުރުން ކޮވިޑް-19 އަކީ މާ ނުރައްކާތެރި ރޯގާއެއްނޫން ކަމަށް ދޭހަވާ ގޮތަށް ޓްރަމްޕްގެ ވާހަކަތަކާއި އޭނާގެ ސަރުކާރުގެ އަމަލުތައް ހުރިކަމުގެ ތުހުމަތު ވެސް ޓްރަމްޕްގެ މައްޗަށް ކުރެވިފައިވެ އެވެ.

ނަމަވެސް ސްޕެކްޓްރަމް ނިއުޒް އަށް ދެއްވި ބަސްދީގަތުމުގައި ޓްރަމްޕް ވަނީ އެކަންކަން ދޮގުކުރައްވާފަ އެވެ. ޓްރަމްޕް ވިދާޅުވީ ކޮވިޑް-19 ކޮންޓްރޯލް ކުރުމަށްޓަކައި އޭނާގެ ސަރުކާރުން ހަރުދަނާ ފިޔަވަޅުތަކެއް އެޅި ކަމަށާއި އެފިޔަވަޅުތައް ނޭޅި ނަމަ މިހާތަނަށް ދާއިރު އެރޯގާގައި އެމެރިކާގެ ދެ މިލިޔަނާއި ހަތަރު މިލިޔަނާ ދެމެދުގެ އަދަދެއްގެ މީހުންގެ ފުރާނަ ގެއްލިގެން ދިޔައީސް ކަމުގައެވެ.

މިހާރު ވެސް އެމެރިކާގައި ދުވާލެއްގެ މައްޗަށް އެވްރެޖްކޮށް 30،000 އާއި 33،000 އާ ދެމެދުގެ އަދަދެއްގެ މީހުން ކޮވިޑް-19 އަށް ޕޮޒިޓިވް ވަމުން ދާއިރު އެކަމަށް ބެލުމެއް ނެތި ޓްރަމްޕް ވަނީ ރިޔާސީ އިންތިޚާބަށް ކެމްޕޭން ކުރުމަށް ޓަކައިއ އެތައް ހާސްބަޔަކު އެއްތަނެއްގައި ގައިދުރު ކަމެއްނެތި ޖަމާވާ ގޮތަށް އޮކްލަހޯމާގެ ޓަލްސާގެ ސްޓޭޑިއަމެއްގައި ދާދިފަހުން ބޮޑު އެއްވުމެއްވުމެއް ވެސް ބާއްވައިފަ އެވެ.

މި ގޮތަށް މިދުވަސްވަރު އެއްވުން ބޭއްވުމާ ކަމާގުޅިގެން އެމެރިކާގެ ސިއްހަތާ ބެހޭ ފަރާތްތަކުން ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ. (ނޫސްއެޖެންސީތައް)

comment ކޮމެންޓް