މި އަހަރު ހައްޖުގައި ބައިވެރިވެވޭނީ ސައުދީގައި އުޅޭ މީހުންނަށް އެކަނި

ހައްޖުވެރިން ސައުދި އަރަބއްިޔާގައި -- ފޮޓޯ/ އޭޕީ

މި އަހަރުގެ ހައްޖުގެ އަޅުކަމުގައި ބައިވެރިވެވޭނީ ސައުދީ އަރައްބިޔާގައި ދިރިއުޅޭ ފަރާތްތަކަށް ކަމަށް ސައުދީ ސަރުކާރުން ނިންމައި އިއުލާންކޮށްފި އެވެ.

ސައުދީ ސަރުކާރުގެ ހައްޖު މިނިސްޓްރީއާއި ހަވާލާދީ އެގައުމުގެ ރަސްމީ ނޫސް އެޖެންސީއިން ވަނީ ކޮވިޑް-19ގެ ސަބަބުން އެ ގައުމުން މި އަހަރުގެ ހައްޖުގެ އަޅުކަމުގެ ކަންތައް މަދު އަދަދެއްގެ ބަޔަކާއެކު ކުރިޔަށް ގެންދިޔުމަށް ނިންމައިފައިވާކަމަށް ބުނެފައެވެ.

އެގޮތުން މިހާރު ސައުދީ އަރައްބިޔާގައި ތިބި އަދި ދިރިއުޅޭ ފަރާތްތަކަށް ހައްޖުގެ އަޅުކަމުގައި ބައިވެރިވުމުގެ ފުރުސަތު އޮންނާނެކަމަށާއި އޭގެ ތެރޭގައި އެހެން ގައުމުތަކުގެ ރައްޔިތުންނަށްވެސް ފުރުސަތު ދެވޭނޭކަމަށް ސައުދީ ހައްޖު މިނިސްޓްރީއިން ވަނީ އިއުލާންކޮށްފަ އެވެ.

ސައުދީގެ މި ނިންމުމަކީ ކޮވިޑް-19ގެ ކޭސްތައް ގިނަވެފައިވާ ދަނޑިވަޅެއްގައި އިޖުތިމާއީ ގައިދުރުކަން ބަހައްޓައިގެން ހައްޖުގެ އަޅުކަން އަދާކުރުމަށް ދަތިތަކާއި ކުރިމަތިވާނެތީވެ ނިންމި ނިންމުމެއްކަމަށް އެގައުމުގެ ސަރުކާރުން ވަނީ ހާމަކޮށްފަ އެވެ.

ހައްޖުގެ އަޅުކަން އަދާކުރުމަށް ކޮންމެ އަހަރަކުހެން އެވަރެޖްކޮށް ދެ މިލިއަން މީހުން ސައުދީ އަރަބިއްޔާއަށް ދަތުރުކުރެ އެވެ. މިދިޔަ އަހަރު އެކަނިވެސް 2.5 މިލިއަން މީހުން ވަނީ ހައްޖުގެ އަޅުކަމުގައި ބައިވެރިވެފަ އެވެ.

ދިވެހިރާއްޖޭގެ އިސްލާމިކް މިނިސްޓްރީއިން މީގެ ކުރިން ވަނީ އެންމެ ފަހު ވަގުތާއި ޖެހެންދެންވެސ ރާއްޖެއިންް ހައްޖަށް މީހުން ފޮނުވުމުގެ މަސައްކަތް ކުރާނެކަމަށް ބުނެފަ އެވެ.

އެހެންނަމަވެސް ކޮވިޑް-19ގެ ނުރައްކާ ބޮޑުވެފައިވާ މި ދަނޑިވަޅުގައި އެހާ ގިނަ އަދަދެއްގެ ބަޔަކު އެއް ފަހަރާ އެއް ސަރަހައްދަކަށް އެއް ވުމަކީ ގިނަ ބަޔަކު ބައްޔަށް ހުށަހެޅިގެން ދިޔުމުގެ ފުރުސަތު ބޮޑުކަމެއްކަމަށް ސިއްހީ ބައެއް ފަރާތްތަކުން ވަނީ ފާހަގަކޮށްފަ އެވެ.

ސައުދީ ސަރުކާރުން ވަނީ މާޗު މަހުގެ ކުރީކޮޅު އުމްރާގެ އަޅުކަން އަދާކުރުމަށްވެސް މީހުން އެގައުމަށް ވަނުން މަޑުޖައްސާލައިފަ އެވެ. އަދި ހަރަމްފުޅާއި މަސްޖިދުއްނަބަވީވެސް ވަނީ ދުވަސްކޮޅަކަށް ބަންދުކޮށްފަ އެވެ.

ސައުދީ އަރަބއްިޔާއިން ކޮވިޑް-19 އަށް 158،000 މީހަކު ޕޮޒިޓިވްވެފައިވާއިރު 1،267 މީހަކު ވަނީ އެ ބަލީގައި އެގައުމުން މަރުވެފަ އެވެ. އެގައުމުގައި އެޅިފައިވާ ސަލާމަތީ ފިޔަވަޅުތަކަށް މިހާރު ލުއިދޭން ފަށައިފައިވީނަމަވެސް އެގައުމުގެ ބޯޑަރު ހުޅުވާލާކަށް ނިންމައިފައެއް ނުވެ އެވެ.

ދުނިޔޭގައި މިހާރު ގާތްގަނޑަކަށް 9 މިލިއަން ޕޮޒިޓިވް ކޭސް ފެނިފައިވާއިރު 450،000 އަށް ވުރެ ގިނަ މީހުން ވަނީ މި ބަލީގައި މަރުވެފަ އެވެ.

comment ކޮމެންޓް