ކޮވިޑް19 އާގުޅިގެން ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ނިންމާ ބައެއް ނިންމުންތަކާ ގުޅޭގޮތުން ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ސުވާލުއުފައްދަވައިފި އެވެ.
އެޗްޕީއޭގެ ނިންމުންތަކާ ގުޅޭގޮތުން މެމްބަރުން ސުވާލުއުފައްދަވައިފައި ވަނީ ކޮވިޑް 19 އިގެ ސަބަބުން އިގްތިސާދަށް ދިމާވެފައިވާ ގޮންޖެހުންތަކާ ކުރިމަތިލުމަށް ނިއު ނޯމަލްގެ ތެރެއިން ކޮވިޑް ފްރީ ޒޯނެއް ކަނޑައަޅައި އިގްތިސާދީ ހަރަކާތްތައް ހިންގޭނޭ ގޮތަށް ގައުމު ހުޅުވާލުމަށް ގޮވާލާ މަޖިލީހަށް ހުށަހެޅި ގަރާރަށް ބަހުސްކުރައްވަމުންނެވެ.
ގަރާރަށް ބަހުސްކުރައްވަމުން މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީ ވިދާޅުވީ، އެޗްޕީއޭ އިން ބައެއް ނިންމުންތައް ނިންމަނީ ކޮން "ފޯމިއުލާ"އަކުން ކަން ސާފުނުވާ ކަމަށާއި، ބައެއް ނިންމުންތަކާ ގުޅިގެން ވަރަށް ގިނަ އަދަދެއްގެ ރައްޔިތުން ޝަކުވާ ކުރަމުން އަންނަ ކަމަށެވެ.
"އަޅުގަނޑަށް ހީވަނީ އެބޭފުޅުން ދައްކާ ވާހަކަތަކަކީވެސް ރަނގަޅު ސައްހަ ވާހަކަތަކެއް ހެން. މިސާލަކަށް ކިހިނެތް ވެގެންތޯއޭ ކެފޭ ރެސްޓޯރަންޓްތަކުގެ ޑެލިވަރީ ސާވިސް، ރޭގަނޑު 10 އާ ހަމައަށް ލިމިޓް ވާންވީ، ކޮން ފޯމިއުލާއަކުން ތޯއޭ މިކަން މިގޮތަށް ނިމިގެން މި ދިޔައީ،" އިމްތިޔާޒް ސުވާލު އުފެއްދެވި އެވެ.
މެމްބަރު ވިދާޅުވީ މި ދަނޑިވަޅަކީ ވިޔަފާރިވެރިންނަށް ވީހާވެސް ބޮޑަށް ލުއިތައް ދީ، ކަންކަން ފަސޭހަކުރަންވީ ވަގުތު ކަމަށެވެ. އަދި ވިޔަފާރިތައް ކޮޅަށް ނަގަން ދެވެން ހުރި ހުރިހާ ފުރުސަތެއް ދިނުމުގެ ވިސްނުން ސަރުކާރުން ގެންގުޅޭނަމަ، ރާއްޖޭގެ އިގްތިސޯދަށާއި، ވިޔަފާރިތަކާއި ރައްޔިތުންނަށް ވެސް ލިބޭނެ ކުރިއެރުމެއް ކަމަށެވެ.
"މި ދަނޑިވަޅަކީ އެބޭފުޅުންނަށް ވެސް އެ ފުރުސަތު ބޮޑަށް ހޯއްދަވައިދިނުމުގެ ވިސްނުން ގެންގުޅެންވީ ވަގުތު،" މެމްބަރު ވިދާޅުވި އެވެ.
މީގެ އިތުރުން، ކޮވިޑް19ގެ ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ކާބޯތަކެތީގެ ވިޔަފާރިކުރާ ތަންތަނުގައި ޝީޝާ އަދި ވޭޕް ފަދަ އީސިނގެރޭޓް ވެސް ހިމެނޭގޮތަށް ދުންފަތުގެ އިސްތިއުމާލު ކުރުން މަނާކޮށް، ކާބޯތަކެތީގެ ހިދުމަތްދޭ ތަންތަނުގައި އަމަލުކުރަންވީ ގޮތުގެ އުސޫލު އެކުލަވާލާފައި ވާތީވެސް މެމްބަރު ސުވާލުއުފެއްދެވި އެވެ.
"މިއީ ކޮންކޮން ގޮތަކުން އައި ނިންމުމެއްތޯ އަޅުގަނޑަކަށް ވެސް ނޭނގޭ. އަޅުގަނޑަށް ހީވާ ގޮތުގައި މިކަންކަމަށް ހައްލު ބޮޑަށް އިތުބާރު ކުރެވޭނެ ގޮތަކަށް، އެންމެންގެ ވެސް ހިތްހަމަޖެހުން ބޮޑަށް ލިބިގެން ނިންމިދާނެ ހެން ގިނަ ވިޔަފާރިތައް ކުރާ މީހުންނާ ކުދި ވިޔަފާރިތައް ކުރާ މީހުން ސައި ހޮޓާ ހިންގާ މީހުންނާ މަޝްވަރާ ކުރެވިގެން ކަންކަން ނިންމީމާ،" މެމްބަރު ވިދާޅުވި އެވެ.
ހަމައެއާއެކު މި ދަނޑިވަޅުގައި އިމްޕޯޓު ޑިއުޓީވެސް ލުއި ކޮށްދޭން ޖެހޭ ކަމަށް މެމްބަރު ވިދާޅުވި އެވެ.
"ވީހާވެސް ގިނަ ބަޔަކު ޝާމިލުކޮށްގެން، ވިޔަފާރިވެރިންގެ އަޑު އަހައިގެން ކަންކަން ކުރީމާ ގައުމަށް ވެސް ފައިދާކުރާނެ،" އިމްތިޔާޒް ވިދާޅުވި އެވެ.
މެމްބަރު އިމްތިޔާޒްގެ އިތުރުން މައްޗަންގޮޅި އުތުރު ދާއިރާގެ މެމްބަރު މުހައްމަދު ރަޝީދު ވެސް ވަނީ އެޗްޕީއޭގެ ނިންމުންތަކާމެދު ސުވާލުއުފައްދަވައިފައެވެ.
މުހައްމަދު ރަޝީދު ވިދާޅުވީ އެޗްޕީއޭ އާއި ހެލްތު މިނިސްޓްރީގެ ބެލުމުގެ ދަށުން، ގައުމުގެ ކަންކަން ނިންމާނަމަ، ދިވެހި ރައްޔިތުން ތިބެންޖެހޭނީ އައިސީޔޫގައި ކަމަށެވެ.
"ހެލްތު މިނިސްޓްރީއާ އެޗްޕީއޭގެ ބެލުމުގެ ދަށުން މުޅި ގައުމު ހިންގަންޖެއްހިއްޖެއްޔާ އިކޮނޮމިކަލީ އަނެއްހެން ބުނާނަމަ، ވިޔަފާރީ އުސޫލުން ކަންކަން ކުރާނަމަ ދިވެހި ރައްޔިތުން ތިބޭނީ އައިސީޔޫގައި. އެއީ ބަނގުރޫޓުވެ، ބިނދި އެމީހުންނަށް ކުރެވޭ ނުކުރެވޭ ކަމެއް ނޭނގި، އެމީހުންނަށް ކުރާނެ މަސައްކަތާއި އެމީހުންނަށް އާމްދަނީ ހޯދޭނެ އެއްވެސް ގޮތެއް ނެތި ބަލިވެ އައިސީޔޫގައި ތިބެންޖެހޭނެ،" މެމްބަރު ވިދާޅުވި އެވެ.
މެމްބަރު ވެސް ވަނީ ނިއު ނޯމަލްގައި ކެފޭ، ރެސްޓޯރަންޓުތަކުގައި ދުންފަތުގެ އިސްތިއުމާލުކުރުން މަނާކުރުމަ ގުޅިގެން ނުރުހުން ފާޅުކުރައްވައިފަ އެވެ. މެމްބަރު ވިދާޅުވީ ގިނަ އަދަދެއްގެ ޒުވާނުންނާއި ރައްޔިތުންް ވެސް އެކަމާ ގުޅިގެން ކަންބޮޑުވުން ފާޅުކުރަމުން އަންނަ ކަމަށެވެ.
ކެފޭތަކުގައި ދުންފަތުގެ އިސްތިއުމާލުކުރުން މަނާކުރުމުން، ދެން މީހުން ސިނގެރޭޓު ބޯން ނުކުންނަންވީ މަގުމައްޗަށްތޯ މެމްބަރު ސުވާލު އުފެއްދެވި އެވެ.
"އަޅުގަނޑުވެސް ސުވާލެއް އުފެދޭ. މަގުމައްޗަށް ބާއޭ ދެން ސިނގިރޭޓު ބޯން ނުކުންނަންވީ. އާއިލާ ދަރިފަސްކޮޅު ގޮވައިިގެން، ކުޑަކުދިން ގޮވައިގެން މަގުމައްޗަށް ނުކުންނަ އިރު މަގުމަތީގަ ބާއޭ އެންމެން ކޮފީ ހިފައިިގެން ނުކުމެ ސިނގިރޭޓު ބޯން ތިބެންވީ. އެއީކީ ވެސް އެންމެ ރަނގަޅު އާދައެއް ނޫން،" މެމްބަރު ވިދާޅުވި އެވެ.
މެމްބަރު ވިދާޅުވީ އެޗްޕީއޭއިން ނިންމާ ނިންމުންތަކަކީ ކިހާ ވަރެއްގެ ނިންމުންތަކެއް ކަން، ރައްޔިތުންނަށް ސާފުވާންޖެހޭ ކަމަށާއި ނިންމުންތައް ނިންމުމުގައި ވީހާވެސް ގިނަ ބައެއްގެ ހިޔާލާއި މަޝްވަރާ ހޯދޭނެ ނިޒާމެއް ގާއިމުވާން ޖެހޭ ކަމަށެވެ.
އަދި ނިއު ނޯމަލް އަކަށް ދާއިރު، އާދައިގެ ކުދި ފަންތީގެ ވިޔަފާރިތަކާ އާދައިގެ ނިކަމެތި ރައްޔިތުންގެ ޖީބު އެއްކޮށް ހުސްވެ، ބަނގުރޫޓުވެފައިވާ ކަމަށް ވެސް މެމްބަރު ވިދާޅުވި އެވެ.