މީރާއަށް ދައުވާ ކުރެވޭނީ ޓެކުހާއި އެއާ ގުޅުންހުރި ފައިސާ ހޯދަން: ސުޕްރީމް ކޯޓު

އޮކްޓޯބަރ 1، 2019: ދިވެހި ރާއްޖޭގެ ސުޕްރީމް ކޯޓް -- ސަން ފޮޓޯ/ ފަޔާޒު މޫސާ

މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އަށް ކޯޓުތަކުގައި ދައުވާ ކުރެވޭނީ، ޓެކްސް އާއި ޓެކްސްއާ ގުޅުންހުރި އެހެން ފައިސާތައް އަނބުރާ ހޯދުމަށް ކަމަށާއި، ދައުލަތަށް ދައްކަން ޖެހޭ ކުލި ފަދަ ފައިސާ ހޯދަން ދައުވާ ނުކުރެވޭނެ ކަމަށް ސުޕްރީމް ކޯޓުން ކަނޑައަޅައިފި އެވެ.

ސުޕްރީމް ކޯޓުން މިގޮތަށް ނިންމީ ދަނޑުވެރިކަން ކުރަން ނ. ބަނޑައިދިއްދޫ ދޫކުރަން، ހއ. ދިއްދޫ، ޕިންކް ރޯސް، މޫސާ ނަސީރާއި މިނިސްޓްރީ އޮފް ފިޝަރީޒް، އެގްރިކަލްޗާ އެންޑް މެރިން ރިސޯސަސްއާ ދެމެދު ވެފައި އޮތް އެއްބަސްވުމެއްގެ ދަށުން، ކުއްޔާއި ޖޫރިމަނާގެ ގޮތުގައި މޫސާ ނަސީރު ދައުލަތަށް ދައްކަންޖެހޭ ނުވަ މިލިއަން ރުފިޔާ ހޯދަން މީރާއިން ދައުވާ ކުރި މައްސަލައިގަ އެވެ.

ދަނޑުވެރިކަން ކުރުމަށް ރަށް ދޫކުރުމަށް 5 މާޗް 2008ގައި ހެދި އެއްބަސްވުމުގެ ދަށުން ދައްކަން ޖެހޭ ކުއްޔާއި ކުލި ދައްކާފައި ނުވާ މުއްދަތުގެ ތެރޭގައި ދައްކަން ޖެހޭ ހޯދުމަށް 2011 ވަނަ އަހަރު މީރާއިން ސިވިލް ކޯޓުގައި ދައުވާ ކުރި އެވެ. އެ މައްސަލައިގައި ސިވިލް ކޯޓުން މައްސަލަ ނިންމީ މީރާއާ އެއްކޮޅަށެވެ. މޫސާ ނަސީރުގެ ފަރާތުން އެ މައްސަލަ ހައިކޯޓުގެ އިސްތިއުނާފު ކުރުމުން އެ ކޯޓުން 2014 ވަނަ އަހަރު ސިވިލް ކޯޓުގެ ނިންމުން ދެމެހެއްޓި އެވެ.

ސިވިލް ކޯޓުގެ ހުކުމަށް ތާއީދުކޮށް ހައިކޯޓުގެ ހުކުމުގައި ބުނެފައި ވަނީ، ފިޝަރީޒް މިނިސްޓްރީއާއެކު ހެދޭ މި ބާވަތުގެ އެއްބަސްވުންތައް ތަންފީޒުކޮށް، އެ އެއްބަސްވުންތަކުުގެ ދަށުން ދައްކަން ޖެހޭ ފައިސާ ހޯދުމުގެ ގޮތުން އެއްބަސްވުމުގެ ބައިވެރިންގެ މައްޗަށް ލިބިގެންވާ ބާރެއްކަން ހައިކޯޓުގެ 2013 ވަނަ އަހަރުގެ ހަ ވަނަ ގަޒިއްޔާއިންނާއި، 2012 ވަނަ އަހަރުގެ 150 ވަނަ ގަޒިއްޔާއިން ކަނޑައަޅާފައިވާ ކަމަށެވެ.

މޫސާ ނަސީރުގެ ފަރާތުން ހައިކޯޓުގެ ހުކުމް ސުޕްރީމް ކޯޓުގައި އިސްތިއުނާފުކޮށް، ފާހަގަކޮށްފައި ވަނީ މީރާ އަކީ ރަށުގެ އެއްބަސްވުުމުުގެ ބައިވެރިއެއް ނޫން ކަމެވެ. އެހެންވެ، މީރާއަށް މި އެއްބަސްވުމުގެ ބަދަލު ހޯދަން ދައުވާ ނުކުރެވޭނެ ކަމަށް ބުނެފައިވެ އެވެ. ޓެކްސް ނެގުމާ ބެހޭ އިދާރީ ގާނޫނުގައި މީރާ އަށް ދީފައިވަނީ ޓެކްސްއާ ގުޅުން ހުރި ކަންކަމުގައި ކޯޓުތަކުގައި ދައުވާކުރުމުގެ ބާރު ކަމަށާއި ލީޒް ރެންޓް ފަދަ ފައިސާ ހޯދަން ދައުވާ ނުކުރެވޭނެ ކަމަށް އޭނާގެ ފަރާތުން ބުނެފައިވެއެވެ. ޓެކްސް ނެގުމާ ބެހޭ އިދާރީ ގާނޫނުން މީރާއަށް ލިބޭ ބާރުގެ ބޭރުން އަންގާ އެންގުމެއް ކަމަށް މުސާ ނަސީރުގެ ފަރާތުން ބުނެފައިވެ އެވެ.

މީރާ ތަމްސީލު ކުރާ އޭޖީ އޮފީހުން ބުނެފައި ވަނީ ޓެކްސް ނެގުމާ ބެހޭ އިދާރީ ގާނޫނުގެ ދަށުން ދައުލަތަށް އެހެން ފަރާތްތަކުން ދައްކަން ޓެކްސް ނޫން ފައިސާ ހޯދުމަށް މިރާއަށް ދައުވާ ކުރެވޭނެ ކަމަށެވެ. އެއީ އެ ގާނޫނުގެ ތިން ވަނަ މާއްދާގެ (ނ)އާއި 34 ވަނަ މާއްދާގެ (ހ) އާއި 35 ވަނަ މާއްދާއާ ހަވާލާދީ އެވެ.

ސުޕްރީމް ކޯޓުން އެ މައްސަލައިގައި ކުރި ހުކުމުގައި ފާހަގަކޮށްފައި ވަނީ މީރާގެ މަގުސަދުތަކުގެ ތެރޭގައި ހިމެނެނީ މުޅިންވެސް ޓެކުހާ ބެހޭ އެންމެހާ ކަންކަން ރާވައި އިންތިޒާމު ކުރުން ކަމެވެ. އަދި ޓެކްސްގެ މާނައިގެ ތެރޭގައި ކުލި ނުހިމެނޭކަން ގާނޫނު އަސާސީގެ 274 ވަނަ މާއްދާގެ (ހ)ގައި ޓެކްސް މާނަކޮށްފައިވާ ގޮތުން އެނގޭ ކަމަށް ހުކުމުގައި ފާހަގަކޮށްފައިވެ އެވެ.

ގާނޫނު އަސާސީގައި ޓެކްސް މާނަކޮށްފައިވާ ގޮތް:

  • ޓެކްސް ނުވަތަ ޓެކުހެއް ކަމުގައި ބުނެފައި އެވަނީ، ދެވޭ ޚިދުމަތެއް ނުވަތަ ކޮށްދެވޭ ކަމަކާ ގުޅިގެން، ޤަވާޢިދާ އެއްގޮތްވާގޮތުގެ މަތީން ނަގާ އަގެއް، ފީއެއް ނުވަތަ ކުއްޔެއް ފިޔަވައި، ދައުލަތަށް އާމްދަނީ އެއްހޯދުމުގެ ބޭނުމުގައި، ފަރުދެއްގެ އަތުން ނުވަތަ ޖަމާޢަތަކުން ނުވަތަ ޤާނޫނީއެނޫންވެސް ޝަޚްޞަކުން، ސަރުކާރަށް ނެގޭ ކޮންމެ ފައިސާއަކަށެވެ.

އެއްބަސްވުންތަކަށް ދައްކަން ޖެހޭ ފައިސާ އަދި ދައުލަތަށް ދައްކަން ޖެހޭ ކުލި ފަދަ ފައިސާ ދައްކަން ޖެހޭ ފަރާތްތަކުގެ ރެޖިސްޓްރީ ބެލެހެއްޓުން ފަދަ ގާނޫނީ ޒިންމާ މީރާއަށް ލިބިގެން ނުވާކަންވެސް ހުކުމުގައި ފާހަގަކޮށްފައިވެއެވެ.

ޓެކްސް ނެގުމާ ބެހޭ އިދާރީ ގާނޫނުގެ ތިން ވަނަ މާއްދާގެ (ނ)ގައިވާ ގޮތުން ދައުލަތަށް ދައްކަން ޖެހޭ ޓެކްސް ފީ އަދި އެހެނިހެން ފައިސާ ދައްކާކަން ކަށަވަރު ކުރުމަކީ މީރާގެ މަގުސަދެކެވެ. މި މާއްދާގައި "އެހެނިހެން ފައިސާ" މި އިބާރާތްތައް ބަޔާންކޮށްފައި ވަނީ ޓެކުހާއި ގުޅިގެން ދައުލަތަށް ދައްކަން ޖެހޭ ފައިސާގެ އެއްވެސް ބާވަތެއް އުނިވިޔަ ނުދިނުމުގެ ބޭނުމުގައި ކަމަށް ހުކުމުގައި ބުނެފައިވެއެވެ. އަދި އެހެނިހެން ފައިސާ އަކީވެސް ޓެކްސްއާ ގުޅޭ ފައިސާގެ ވާހަކަ ކަމަށް ބުނެފައިވެއެވެ.

ސުޕްރީމް ކޯޓުން ހުކުމް ކުރީ، ދައުލަތަށް ދައްކަން ޖެހޭ ޓެކްސް ނޫން ފައިސާ ހޯދަން މީރާއަށް ދައުވާ ނުކުރެވޭނެ ކަމަށެވެ.

"ނ. ބަނޑައިދިއްދޫ ކިޔާ ރަށާ ގުޅިގެން ދައުލަތަށް ލިބެން ޖެހޭ ކުއްޔާއި، ޖޫރިމަނާ ހޯދުމަށް ދައުވާ ކުރުމަކީ ގާނޫނީ ގޮތުން މޯލްޑިވްްސް އިންލެންޑް ރެވެނިއު އޮތޯރިޓީއަށް ލިބިފައިވާ ބާރެއް ކަމަށް އަހުރެން ނުދެކެން،" ހުކުމުގައިވެ އެވެ.

"މިފަދައިން ދައުލަތުގެ މިނިސްޓްރީތަކާއި އެހެނިހެން އިދާރާތަކާއި މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީއާ ދެމެދު ވެވޭ އެއްބަސްވުމަކުން ގާނޫނުގަައި ބަޔާންކޮށްފައި ނުވާ އިތުރު ޒިންމާތަކެއް މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީއިން އަދާ ކުރާ ނަމަ އެކަން ވެގެންދާނީ (ގާނޫނު ނަމްބަރު) ޓެކްސް ނެގުމާ ބެހޭ އިދާރީ ގާނޫނުގެ އިމުން ބޭރުން މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީއިން އަދާ ކުރާ ޒިންމާތަކަކަށް،"

ޓެކްސްއާއި ޓެކްސް ނޫން ފައިސާ ފިޔަވައި އެހެން ފައިސާތައް ބަލައިގަތުމުގެ ބާރު އޮތުމަކީ އެ ފައިސާ ހޯދަން ކޯޓުގައި ދައުވާ ކުރުމަކީ ދައުލަތުން އެދޭ ޒިންމާއެއް ކަމުގައިވާނަމަ އެކަން ކުރެވޭނީ ޓެކްސް ނެގުމާ ބެހޭ އިދާރީ ގާނޫނަށް އިސްލާހު ގެނެސްގެން ކަމަށް ދެކޭ ކަމަށް ހުކުމުގައިވެ އެވެ.

މި މައްސަލައިގައި ރިޔާސަތު ބެލެހެއްޓެވީ ފަނޑިޔާރު މަހާޒް އަލީ ޒާހިރެވެ. ދެން ތިއްބެވީ ފަނޑިޔާރު އާއިޝާ ޝުޖޫން މުހައްމަދާއި ފަނޑިޔާރު ހުސްނުއްސުއޫދެވެ. ފަނޑިޔާރު މަހާޒްގެ ހުކުމަށް އެ ދެ ބޭފުޅުންވެސް ތައީދު ކުރެއްވިއެވެ. މިއަދު ކުރި މި ހުކުމާއެކު، ނުވަަ މިލިއަން ރުފިޔާ ދައްކަަން މޫސާ ނަސީރުގެ މައްޗަށް ސިވިލް ކޯޓުން ކުރި ހުކުމް ބާތިލުވީ އެވެ.

comment ކޮމެންޓް