ސިއްރު ހެކި ނެގޭނެ ގޮތެއް ގާނޫނުގައި ނެތް ކަމަށް ހައިކޯޓުގެ ހުކުމެއްގައި އޮތުމުން ދިމާވެފައިވާ ގާނޫނީ މައްސަލައަށް ހައްލެއް ހޯދަން އެ ހުކުމުގެ އެ ބައި އިސްތިއުނާފު ކުރުން ރަނގަޅު ނޫން ކަމަށާއި، އެންމެ ރަނގަޅު ގޮަތަކީ ދުސްތޫރީ މައްސަލައެއް ހުށަހަޅައިގެން ނޫނީ މަޖިލީހުން ހައްލެއް ހޯދުން ކަމަށް ކުރީގެ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދު ވިދާޅުވެއްޖެ އެވެ.
އެކެއް ފެބްރުއަރީގެ އަމުރަށް ފަހު ފުލުހުންގެ ތަހުގީގަށް އަބްދުﷲ ސައީދު އޭނާގެ ފޯނު ނުދެއްވި ކަމަށް ބުނާ މައްސަލައިގައި އޭނާގެ މައްޗަށް އަދުލުއިންސާފު ގާއިމް ކުރުމަށް ހުރަސް އެޅިކަން ސާބިތުވާ ކަމަށް ކްރިމިނަލް ކޯޓުން ވަނީ ހުކުމްކޮށްފައެވެ. އެ ހުކުމް ހައިކޯޓުގައި އިސްތިއުނާފު ކުރުމުން އެ ކޯޓުން ނިންމީ އެ ހުކުމް ބާތިލު ކުރާށެވެ. ސިއްރު ހެކި ނެގޭނެ ގޮތެއް ގާނޫނުގައި ނެތް ކަމަށް ބުނެފައި ވަނީ ހައިކޯޓުގެ އެ ހުކުމުގައެވެ.
އެއާ ގުޅިގެން ރާއްޖޭގައި މިހާރު ސިއްރު ހެކި ނަގައިގެން މައްސަލަތައް ކުރިއަށް ގެންދެވޭނެތޯ ވަނީ ސުވާލު އުފެދިފައެވެ. އަދި އެކަމާ ގުޅިގެން ސިއްރު ހެކި ހުށަހަޅާފައިވާ ގިނަ އަދަދެއްގެ މައްސަލަތައް އޮތީ މަޑުޖެހިފައެވެ.
ސިއްރު ހެކީގެ މި މައްސަލައަށް ހައްލެއް ހޯދަން، ހައިކޯޓުން ނިންމި ނިންމުމުގައި ސިއްރު ހެއްކާ ބެހޭގޮތުން ފާހަގަ ކުރިކަންކަން ބާތިލު ކުރަން ދައުލަތުގެ ފަރާތުން ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރުމުން އިއްޔެ އެ މައްސަލައިގައި ފުރަތަމަ އަޑުއެހުން ވަނީ ބާއްވައިފައެވެ. އެ އަޑުއެހުމުގައި އަބްދުﷲ ސައީދު އަދި ދައުލަތުންވެސް ވަނީ ތަފްސީލީ ގޮތެއްގައި ވާހަކަދައްކާފަ އެވެ.
ސިއްރު ހެކީގެ މައްސަލަ އުފެދުނު ގޮތް
އަބްދުﷲ ސައީދުގެ މައްސަލައިގައި ކްރިމިނަލް ކޯޓުން ގޮތް ނިންމީ ދައުލަތުން ހުށަހެޅި ތިން ސިއްރު ހެކިވެރިއެއްގެ ހެކިބަހުގެ މައްޗަށްވެސް ރިއާޔަތްކޮށެވެ. އޭނާގެ ފަރާތުން އެ ހުކުމް ހައިކޯޓުގައި އިސްތިއުނާފު ކުރި އިރު ބުނެފައި ވަނީ، ކްރިމިނަލް ކޯޓުން ހުކުމް ކުރީ ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 147 ވަނަ މާއްދާ އާއި 149 ވަނަ މާއްދާއާ ހިލާފަށް ކަމަށެވެ. މިއީ ހެކިބަސް ނެގުމާ ބެހޭ މާއްދާތަކެކެވެ.
ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 147 ވަނަ މާއްދާގެ (ހ) ގައި ބުނަނީ ޝަރީއަތެއްގައި ހެކިބަސް ނަގަންވާނީ އާންމުކޮށް ހުޅުވާލެވިފައިވާ ޝަރީއަތެއްގައި، ޝަރީއަތުގެ މަޖިލީހަށް އެ މީހަކު ހާޒިރުކޮށް، ހުވައިމަތީގައި އެ މީހުންނާ ސުވާލުކޮށްގެން ކަމަށެވެ. ނަމަވެސް، 149 ވަނަ މާއްދާގެ (ހ) ގައި ބުނަނީ ހެކިބަސް ނަގަންވާނީ ޝަރީއަތުގެ މަޖިލީހަށް ހެކީން ހާޒިރުކޮށްގެން ކަމަށް ގާނޫނުގައި ބަޔާން ކޮށްފައިވީ ނަމަވެސް، ހެއްކާބެހޭ ގާނޫނުގައި ބަޔާން ކޮށްފައިވާ ހާލަތްތަކުގައި، އަދި އެ ގާނޫނުގައި ހެކިބަސް ދޭ މީހުން ހިމާޔަތްކޮށް، ރައްކާތެރި ކުރެވޭނެ ގޮތަށް ހެކިބަސް ނެގުމަށް ކަނޑައަޅާފައިވާ ގޮތްތަކުގެ ތެރެއިން ގޮތަކަށް ހެކިބަސް ނެގުމުގެ އިހުތިޔާރު ފަނޑިޔާރަށް ލިބިގެންވާ ކަމަށެވެ.
ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 149 ވަނަ މާއްދާގެ (ހ)ގައި ވާ ގޮތުން ނަމަ ސިއްރުން ހެކިބަސް ނެގޭނީ ހެއްކާ ބެހޭ ގާނޫނުން ބަޔާން ކުރާ ގޮތަށެވެ. ހެއްކާ ބެހޭ ގާނޫނުގައި ބުނެފައި ވަނީ، ސިއްރުން ހެކިބަސް ނެގޭނީ، އެ ގާނޫނުގައި ބަޔާންކޮށްފައިވާ ހާލަތްތަކުގައި، އެ ގާނޫނުގައި ހެކިބަސް ދޭ މީހުން ހިމާޔަތްކޮށް ރައްކާތެރި ކުރެވޭނެ ގޮތަށް ހެކިބަސް ނެގުމަށް ކަނޑައަޅާފައިވާ ގޮތްތަކުގެ ތެރެއިން ގޮތަކަށް ކަމަށެެވެ. ނަމަވެސް، އެފަދަ ގޮތެއްއެ ގާނޫނުގައި ކަނޑައަޅާފައި ނުވެއެވެ.
އަބްދުﷲ ސައީދުގެ މައްސަލައިގައި ހައިކޯޓުން ކޮށްފައިވާ ހުކުމްގައިވެސް ފާހަގަ ކުރީ ހެއްކާ ބެހޭ ގާނޫނުގައި ހެކި ބަސް ދޭ މީހުން ހިމާޔަތްކޮށް ރައްކާތެރި ކުރެވޭނެ ގޮތެއް ކަނޑައަޅާފައި ނުވާ ކަމަށެވެ. އަދި މިއަދާ ހަމައަށް އެ ގާނޫނަށް އެއްވެސް އިސްލާހެއް ގެނެސްފައި ނުވާކަންވެސް ފާހަގަކޮށްފައިވެއެވެ.
ގާނޫނީ ދާއިރާގެ ބައެއް ބޭފުޅުން ދެކެވަޑައިގަންނަވާ ގޮތުގައި ހައިކޯޓުގެ ނިންމުމާ އެކު ކަނޑައެޅިގެން ދިޔައީ ސިއްރުން ހެކިބަސް ނެގޭނެ ގާނޫނީ ހަމައެއް މިހާރު ނެތް ކަމަށެވެ. އެއާއެކު، ދަށު ކޯޓުތަކުގައި ކުރިއަށްދާ ޖިނާއީ މައްސަލަތަކުގެ ތެރެއިން ސިއްރު ހެކި ހުށަހަޅާފައިވާ މައްސަލަތައް އެ ކޯޓުތަކުން މިހާރު އޮތީ މަޑުޖައްސާލާފައެވެ.
ދައުލަތުން އެެދެނީ ހުކުމުގެ ބައި ބާތިލު ކަމަށް ކަނޑައަޅަން
އިއްޔެގެ އަޑުއެހުމުގައި، އިސްތިއުނާފު ކުރާ ނުކުތާތައް ހުށަހަޅަމުން، ދައުލަތުގެ ވަކީލު އަހުމަދު ނައުޝާދު ވިދާޅުވީ، ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ މަގްސަދާއި، އެ ގާނޫނުގެ 149، 131، 137، 147 އަދި 126 ވަނަ މާއްދާއާއި، ދިވެހިރާއްޖޭގެ ޖިނާއީ އަދުލުގެ ނިޒާމު ބަލައިގެންފައިވާ އުސޫލުތަކާ ހިލާފަށް ނިންމާފައިވާ ނިންމެވުމެއް ކަމަށެވެ.
ހައިކޯޓުގެ 2015 ވަނަ އަހަރުގެ 286 ވަނަ މައްސަލައާއި، 2018 ވަނަ އަހަރުގެ 178 އަދި 312 ވަނަ މައްސަލައިން ސިއްރުން ހެކިބަސް ނެގުމާ ގުޅޭ އުސޫލު ދަމަހައްޓާފައިވާކަންވެސް ނައުޝާދު ފާހަގަކުރިއެވެ. އަދި އެ މައްސަލަތަކުގައިވެސް ސިއްރުން ހެކިބަސް ނެގޭނެ އުސޫލުތަކެއް ބަޔާންކޮށްފައިވާއިރު އެ ގަޒިއްޔާތަކަށް ރިއާއަތްކޮށް މީގެ ކުރިންވެސް މައްސަލަތައް ނިންމާފައިވާކަން އެނާ ފާހަގަކުރެއްވިއެވެ.
"އިލްތިމާސް ކުރެވޭ ގަޒިއްޔާގެ ފާހަގަ ކުރެވުނު ނުކުތާތަކުގެ ތިނެއްގެ ނޫނުގައި ހެކިބަސް ދެނީ ކާކުކަން ކުށުގެ ތުހުމަތު ކުރެވޭ މީހާއަށް ދެނެގަނެވޭނެ ގޮތެއް ނެތަތީ ހެކީންގެ ކިބައިގައި ހުރުން ލާޒިމުވާ ޝަރުތުތަކާއި ހެކިންގެ ހެކިބަހަކީ ޝަރުއީ އަދި ގާނޫނީ ހަމަތަކުގައި ޝަރީއަތަށް ބަލައިގަނެވޭނެ އަދުލުވެރި ހެކީންގެ ފަރާތުން ނެގޭ ހެކިބަހެއްކަން ޝަރީއަތުން ކަށަވަރު ކުރަން ޖެހޭނެ ކަމާއި، މިކަން ނުކުރެވޭނެ ކަމެއްކަން ފާހަގަކޮށްފައިވާއިރުގައި މި ދެންނެވި ގަޒިއްޔާތަކުގައިވެސް އެކަން ކުރެވޭނެ އުސޫލުތައް ބަޔާންކޮށް އަދި މީގެ ކުރިންވެސް ދިވެހިރާއްޖޭގެ ހައިކޯޓުން މި ދެންނެވި ގަޒިއްޔާތަކަށް ރިއާއަތް ކުރައްވައި، ޖިނާއީ އިޖުރާއަތުގެ ގާޏޫނު ވުޖޫދުނުކޮށްވެސް ނިންމާފައިވާކަން އެނގެން އޮވޭ،" ނައުޝާދު ވިދާޅުވިއެވެ.
ހެކިންނަކީ ކޮން ބައެއް ކަމާއި ހެކިންނާއި ދައުވާ ލިބޭ މީހާއާއި އޮތް ގުޅުމާއި އެ ކަންކަމަކީ ގާނޫނުގައި ކަނޑައަޅާފައިވާ ނިޒާމެއްކަމަށް ނައުޝާދު ވިދާޅުވިއެވެ. އެއީ ހެކި ރައްކާތެރި ކުރުމުގެ އަމުރާއި، ހެކި ހާމަ ކުރުމުގެ އުސޫލުތަކުގެ ގޮތުގައި އިޖުރާއަތުގެ ގާނޫނުން ކަނޑައަޅާފައިވާ އުސޫލުތަކެއް ކަމަށް އެނާ ވިދާޅުވިއެވެ.
ދައުލަތުން އެ މައްސަލައިގައި އެދުނީ، ހެކިބަސް ދޭ މީހުން ހިމާޔަތްކޮށް ރައްކާތެރި ކުރެވޭނެ ގޮތްތަކެއް ހެއްކާ ބެހޭ ގާނޫނުގައި ނެތް ކަމަށް އެނގެން އޮންނަ ކަމަށް ހައިކޯޓުގެ ނިންމުމުގައި ނިންމަވާފައި ވަނީ ޝަރުއީ އަދި ގާނޫނީ އުސޫލާ ހިލާފަށް ކަމަށް ކަނޑައަޅައިދެއްވުމަށެވެ.
މިއީ އިސްތިއުނާފު ކުރަން ޖެހޭ ކަމެއް ނޫން: އަބްދުﷲ ސައީދު
އިއްޔެގެ އަޑުއެހުމުގައި އަބްދުﷲ ސައީދު ވިދާޅުވީ، އެ މައްސަލައިގައި ހައިކޯޓުން ސިއްރު ހެއްކާ ބެހޭގޮތުން ފާހަގަކޮށްފައިވާ ކަންކަމަކީ ހައިކޯޓުގެ ހުކުމަށް ވާސިލުވި، ރޭޝިއޯ ޑިސިޑެންޑައި ނުކުތާއަކާ ގުޅޭ ވާހަކައެއް ނޫން ކަމަށެވެ. އަދި މިއީ ހުކުމުގައި، ފާހަގަ ކުރެވޭ ނުކުތާތަކުގެ ތެރޭގައި ހިމެނޭ އޮބިޓާ ޑިކްޓަމްއެއް ކަމަށެވެ. އެހެންކަމުން އޭނާގެ ހައްގަކަށް އުނިކަން ނާންނާނެ ގޮތަކަށް މައްސަލަ ނިންމައިދިނުމަށް އެދިވަޑައިގެންނެވިއެވެ.
"...ދައުލަތުގެ ފަރާތުން ޕްރޮސެކިިއުޓާ ޖެނެރަލް އިސްތިއުނާފު ކުރައްވާފައިވާ މައްސަލައަކީ ކްރިމިނަލް ކޯޓުގެ ނަމްބަރު [ގަޒިއްޔާ ނަމްބަރު] ގަޒިއްޔާގައި ބަރީއަކަން ސާބިތުވާ ކަމަށް ހައިކޯޓުން ކަނޑައެޅުއްވި އަސާސްތައް ކަމަށްވާ ރޭޝިއޯ ޑެސިޑެންޑީގެ އަސާސްގެ ނުކުތާއަކަށް ނުވާތީ ޕްރޮސެކިއުޓާ ޖެނެރަލް އަލުން ރިވިއު ކުރުމަށް އެދިވަޑައިގެން ހުށަހަޅުއްވާފައިވާ ނުކުތާއަކީ އަޅުގަނޑު ބަރީއަކަން ސާބިތުވި ހުކުމް ބިނާވެފައިވާ ރޭޝިއޯ ޑެސިޑެންޑީގެ އަސަރު ފޯރާފާނެ ނުކުތާއަކަށް ނުވާތީ، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނިންމުން އަޅުގަނޑަށް ސާބިތުވެފައިވާ ބަރީއަކަމުގެ ހައްގު ހިމާޔަތް ކުރެވޭނެ ގޮތުގެ މަތިން މި މައްސަލަ ބައްލަވައި..." އަބްދުﷲ ސައީދު ނުކުތާތަައް އިއްވަމުން ވިދާޅުވިއެވެ.
އަދި ހުކުމް ސައްހަކަން އެނގެން އޮންނަ ހާލަތްތަކުގައި އާއި ހުކުމުގެ ނަތީޖާ ބަދަލު ކުރެވޭނެ ހާލަތެއް ނެތް އިރު، ހަމައެކަނި ހުކުމްތަކުގައި ފާހަގަ ކުރާ އޯބިޓާ ޑިކްޓާތައް އިސްލާހު ކުރަން އިސްތިއުނާފު ކުރުމަކީ ހުކުމްތައް ކުރާއިރު ކަންކަން ފާހަގަ ކުރުމުގައި ފަނޑިޔާރުންނަށް އޮންނަ މުސްތަގިއްލުކަމާއި، އިހްތިޔާރީ ބާރު ހަނިވެގެންދާނެ ކަމެއް ކަމަށް ވިދާޅުވިއެވެ.
އަދި ސިއްރު ހެއްކާ ބެހޭގޮތުން ހައިކޯޓުގެ ހުކުމުގައި ފާހަގަކޮށްފައިވާ ކަންކަމަކީ، އޭނާ ކުށުން ބަރީއަކަމަށް ހައިކޯޓުން ނިންމި ހުކުމުގައި ބުރަވާ މައިގަނޑު ނުކުތާގެ ތެރެއިން ނުކުތާއަކަށް ނުވާތީ، މި މައްސަލައަކީ މައްސަލައިގެ އެ ބައި އިސްތިއުނާފުކޮށްގެން ބާތިލު ކުުރުމުގެ ބަދަލުގައި ހުކުމުގައި ބުނާ ވާހަކަ މާނަ ކުރަން ޖުޑިޝަލް ރިވިއުގެ މައްސަލައެއް ހުށަހަޅައިގެން، ނުވަތަ ގާނޫނު ހަދާ މަޖިލީހުން ބާރުން ހައްލެއް ހޯދަން ޖެހޭ މައްސަލައެއް ކަމަށް އެ އަޑުއެހުމުގައި އަބްދުﷲ ސައީދު ވިދާޅުވިއެވެ.
"...އޯބިޓާ ޑިކްޓަމްއެއްގެ ގޮތުގައި ފަނޑިޔާރަކު ފާހަގަ ކުރާ ނުކުތާއަކީ ގާނޫނަކުން މުހާތަބު ކުރަން ޖެހޭ ކަމެއް ނަމަ އެކަމަށް އޮންނަ އެންމެ ރަނގަޅު ފަރުވާއެއް ކަމަށް ގަބޫލު ކުރެވިފައިވާ ގޮތަކީ އަދި އަމުދުން އެކަމަކީ ފަރުދުންގެ އަސާސީ ހައްގުތަކާއި މިނިވަންކަމާއި ގުޅޭ ކަމެއް ނަމަ ގާނޫނު ހަދާ ބާރުގެ ތެރެއިން އެކަމާ މުހާތަބު ކުރުން ކަމާއި، އަދި އެއީ ދުސްތޫރީ ގޮތުން ޖުޑިޝަލް ރިވިއުއަށް ބޭނުންވާ ގާނޫނުގެ މާއްދާއެއް ކަމެއް ނަމަ، އެ މާއްދާއެއްގެ ރިވިއު ކުރުމަށް ޓަކައި ކަމާ ބެހޭ ވަކި ކޯޓަކަށް ހުށަހެޅިދާނެ ކަމާއި، އެޑްވައިޒަރީ ނުވަތަ އިސްތިޝާރީ ލަފާއެއް ބޭނުންވާ ކަމެއް ނަމަ ގާނޫނު އަސާސީގެ 95 ވަނަ މާއްދާގައި ބަޔާން ބާވަތުގެ ކަމެއްކަން އެނގޭ،" އަބްދުﷲ ސައީދު ވިދާޅުވިއެވެ.
ސިއްރު ހެކީގެ މައްސަލައަށް ހައްލެއް ހޯދުމަކީ މަޖިލީހުގެ ތެރެއިން ކުރެވިދާނެ ކަމެއް ކަމަށް އަބްދުﷲ ސައީދު ވިދާޅުވި ނަމަވެސް، އޭނާގެ އުއްތަމަ ފަނޑިޔާރުކަމުގައި ސުޕްރީމް ކޯޓުން މަޖިލީހުގެ ދައުރުގެ ތެރެއަށް ވަދެ ގާނޫނުތައް ބަދަލު ކުރުން ފަދަ ކަންކަން ކޮށްފައިވާ ކަމަށް މީގެ ކުރިން ހެދި ޖުޑިޝަރީގެ ރިޕޯޓެއްގައި ފާހަގަކޮށްފައިވެއެވެ.
ހައިކޯޓުގެ ނިންމުމަކީ ދަށު ކޯޓުތަކުން އަމަލު ކުރަން ޖެހޭ އުސޫލެއް ނުވަތަ ޕްރިސިޑެންޓެއް ތޯ ފަނޑިޔާރު އަޒްމިރަލްދާ ޒާހިރު ސުވާލު ކުރެއްވުމުން އަބްދުﷲ ސައީދު ވިދާޅުވީ، އެއީ ޕްރިސިޑެންޓެއް ކަމަށް ގަބޫލުފުޅު ނުކުރައްވާ ކަމަށެވެ. ސަބަބަކީ އެ ވާހަކަ އައިސްފައި ވަނީ ފާހަގަ ކުރެވޭ ނުކުތާތަކުގެ ތެރޭގައި އޮބިޓާ ޑިކްޓަމްއެއްގެ ގޮތުގައި ކަމަށް އޭނާ ވިދާޅުވިއެވެ.
"އަޅުގަނޑަށް ގަބޫލު ކުރެވޭ ގޮތުގައި ދަށު ކޯޓަކަށް ބައިންޑިންއެއް ނޫން އޯބިޓާ ޑިކްޓާއެއް. ދަށު ކޯޓުން އެގޮތަށް ގަބޫލު ކުރައްވަންޏާ އެއީ ތަފާތު ކަމެއް. އެ ބޭފުޅުންގެ ޑިސްކްރެޝަންގެ ތެރެއިން ކުރައްވާ ކަމެއް،" އަބްދުﷲ ސައީދު ވިދާޅުވިއެވެ. "އަޅުގަނޑަކަށް ގަބޫލެއް ނުކުރެވޭ އެއްގޮތަކަށްވެސް އެއީ އޭގެ ސަަބަބުން ބައިންޑިން އެފެކްޓެއް އަންނާނެ ކަމަކަށް. ޕްރިސިޑެންޓެއް ގާއިމްވެގެންދާނެ ކަމަކަށް،"
ނަމަވެސް، ދައުލަތުގެ ފަރާތުން ވަކީލު ނައުޝާދު ވިދާޅުވީ، އަބްދުﷲ ސައީދު އޮބިޓާ ޑިކްޓަމް މާނަ ކުރައްވަނީ ރަނގަޅަށް ކަމަށް ގަބޫލުފުޅު ނުކުރެވޭ ކަމަށެވެ. އަދި ހައިކޯޓުގެ ހުކުމުގައިވާ، ސިއްރު ހެއްކާ ބެހޭގޮތުން ވާހަކަ ދައްކާފައިވާ ބަޔަކީ އޭގެ މައްޗަށް އަމަލު ކުރަން ދަށު ކޯޓުތަކުން ލާޒިމުވާ ކަމެއް ކަމަށް ދެކެވަޑައިގަންނަވާ ކަމަށް ވިދާޅުވިއެވެ.
ދެން މި މައްސަލައިގައި އޮންނާނީ އިތުރު ކަމެއް ސާފު ކުރަން ނުޖެހޭ ނަމަ މައްސަލަ ނިންމުމަށް ބޭއްވީ އަޑުއެހުން ކަމަށް ފަނޑިޔާރު މަހާޒު ވިދާޅުވިއެވެ.