ރާއްޖޭގައި ފުރަތަމަ ބާއްވާ ވާޗުއަލް ލާނިން އެންޑް ޑިވެލޮޕްމަންޓް ކޮންފަރެންސް 2020 ގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.
މޯލްޑިވްސް އެސޯސިއޭޝަން އޮފް އެޗްއާރު ޕްރޮފެޝަނަލްސް (މާޕް) އިން ބުނީ ޖުލައި 11 އަދި 12 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ މި ކޮންފަރެންސްގައި ރާއްޖޭގެ އިތުރުން އިންޑިޔާ، ޓްރިނިޑަޑް އެންޑް ޓޮބަގޯ އަދި ސިންގަޕޯރ ގެ މަޝްހޫރު ސްޕީކަރުންގެ ސެޝަންތައް އޮންނާނެ ކަމަށެވެ.
މި ކޮންފަރެންސްގެ ތީމަކީ "Creating a Value-Driven Learning Culture" އެވެ.
ރާއްޖޭގައި ފުރަތަމަ ބޭއްވި ލާނިން އެންޑް ޑިވެލޮޕްމަންޓް ކޮންފަރެންސް މިދިޔަ އަހަރު ކާމިޔާބުކަމާއެކު ބާއްވާފައިވާއިރު ކޮންފަރެންސްގައި ސްމާޓް އެންޑް ކްރިއޭޓިވް ލާނިން އެންޑް ޑިވެލޮޕްމަންޓް ސްޓްރެޓެޖީސް ތަކާއި ޓެކްނީކްސްތައް އަދި ޗެލެންޖު ތަކާ ގުޅޭގޮތުން ވަނީ މައުލޫމާތު ދީފައެވެ.
މި ކޮންފަރެނަސް އާއި ބެހޭގޮތުން ވާހަކަ ދައްކަވަމުން މާޕްގެ ރައީސް އަދި ލަކްސް ރިސޯޓްގެ ރީޖަނަލް ޑައިރެކްޓަރ ޓްރެއިނިން އެންޑް ޑިވެލޮޕްމަންޓް ހުސައިން އަފީފް ވިދާޅުވީ މާޕްގެ ދެވަނަ ލާނިން އެންޑް ޑިވެލޮޕްމަންޓް ކޮންފަރެންސް މިއަހަރު ބޭއްވުމަށް ހަމަޖެހިފައިވީ ނަމަވެސް ދުނިޔެއަށް ދިމާވެފައިވާ މި ހާލަތުގައި އެންމެ ރަގަޅުވާނީ މި ކޮންފަރެންސް ވާޗުއްލް ކޮށް ބޭއްވުން ކަމަށް ވާތީ މުޅި ކޮންފަރެންސްގައި، ކީނޯޓް ތަކާއި ކޭސް ސްޓަޑީ އަދި ޕެނަލް ޑިސްކަޝަންތައްވެސް ބޭއްވިގެންދާނީ ވާޗުއަލް ޕްލެޓްފޯމްތަކުގައި ކަމަށެވެ.
އަދި މުޅި ކޮންފަރެންސް އަކީ ފްރީ އިވެންޓެއް ކަމަށާއި މިއީ ލާނިން އެންޑް ޑިވެލޮޕްމަންޓް ދާއިރާގައި މަސައްކަތް ކުރައްވާ ފަރާތްތަކަށް ރަނުގެ ފުރުސަތެއް ކަމަށް އަފީފް ވިދާޅުވިއެވެ.
ލޮކްޑައުންގެ ތެރޭގައި މިހާހިސާބަށް ތަފާތު އަށް ސެޝަން އެއް ވާޗުއަލް ނުވަތަ އޮންލައިންކޮށް ހިންގާފައިވާކަމަށާއި މިދުވަސްވަރަށް ހާއްސަ ތަފާތު ދާއިރާތަކުން ބޭއްވިގެންދިޔަ މި ސެޝަންތައް ވަރަށް ކާމިޔާބު ކަމާއިއެކު ކުރިޔަށްގެންދެވިފައިވާކަމަށް މާޕް އިން ބުންޏެވެ.
މާޕް އަކީ ހިއުމަން ރިސޯސްގެ ދާއިރާއަށް މީހުން ހޭލުންތެރިކޮށް މީހުން ބިނާކުރަން މަސައްކަތް ކުރުމަށް ރާއްޖޭގައި އުފެދުނު ފުރަތަމަ ޖަމިއްޔާއެކެވެ.
ޖަމިއްޔާގެ މައިގަނޑު މަގްސަދަކީ އެޗްއާރު ދާއިރާގައި މަސައްކަތް ކުރައްވާ ފަރާތްތަކަށް ތަފާތު ގޮތްގޮތުން އެހީތެރިވެ އެފަރާތްތަކަށް ބޭނުންވާ ފަހުގެ ރިސޯސްތައް ހޯދުމަށް އެހީތެރިވެދިނުމާއި ދާއިރާއާއި ގުޅޭ ބޭރުގެ ފަރާތްތަކާ ގުޅުން ބަދަހި ކުރެވި މައުލޫމާތި ބަދަލުކުރެވޭނެ މަގުތައް ފަހިކޮށްދިނުމެވެ. ޖަމިއްޔާ އުފެދުނުތާ ދެ އަހަރު ވެފައިވާ އިރު، ދާއިރާއާއި ގުޅުންހުރި ތަފާތު ގިނަ ކާމިޔާބު ޕްރޮގްރާމްތަކެއް ވަނީ ހިންގާފައެވެ.
މާޕްއިން ވަނީ ސަދާން ކޮމިއުނިޓީ އެންޕަވަމަންޓް އެސޯސިއޭޝަން އޮފް މޯލްޑިވްސް އާއި ގުޅިގެން ލީޑަޝިޕް އެންޑް ގްރޯތް ސަމިޓެއް މިއަހަރުގެ ނޮވެމްބަރު މަހު ބޭއްވުމަށް ނިންމައިފައެވެ.
އަދި ދެ ވަނަ ނެޝަނަލް އެޗްއާރު ކޮންވެންޝަން އެންޑް އެކްސްޕޯ ވެސް މިއަހަރުގެ ނޮވެމްބަރަށް ވަނީ ތާވަލް ކޮށްފައެވެ.
ވާޗުއަލް ލާނިން އެންޑް ޑިވެލޮޕްމަންޓް ކޮންފަރެންސް 2020 އަށް ރެޖިސްޓްރީވުމުގެ ފުރުސަތު ހުޅުވާލެވިފައިވާއިރު މާޕްގެ ވެބްސައިޓުންނާއި ފޭސްބުކް ޕޭޖުން މި ކޮންފަރެންސް އާއި ބެހޭ އިތުރު މައުލޫމާތު ލިބޭނެއެވެ.