ތިން ވަނަ ދައުރެއްގައި ވެރިކަން ނުކުރެވޭ ގޮތަށް އޮންނަ އޮތުން ބަދަލުކުރަން ޓްރަމްޕް ބޭނުންވޭ: ބޯލްޓަން

ބޯލްޓަން އާއި ޓްރަމްޕް

ވޮޝިންޓަން (18 ޖޫން 2020) : ރިޔާސީ ދެ ދައުރަށްވުރެ އިތުުރު ދައުރެއްގައި ވެރިކަން ނުކުރެވޭގޮތަށް އެމެރިކާގެ ދަސްތޫރުގައި އޮންނަ އޮތުން ބަދަލު ކުރުމަށް ރައީސް ޑޮނަލްޑް ޓްރަމްޕް މަސައްކަތް ކުރައްވަމުން ގެންދަވާކަމަށް އެމެރިކާގެ ކުރީގެ މަސްއޫލުވެރިއެއް ކަމަށްވާ ޖޯން ބޯލްޓަން ލިޔުއްވި ފޮތުން ހާމަވެއްޖެއެވެ.

ޓްރަމްޕާ ބެޙޭގޮތުން ބޯލްޓަންގެ ލިޔުއްވި ފޮތް "ދަ ރޫމް ވެއާ އިޓް ހެޕަންޑް : ވައިޓް ހައުސް މެމޮއާ" ހަވާލާދީ އެމެރިކާގެ މަޝްހޫރު ނޫސްތައް ބުނާގޮތުން ވެރިކަމުގެ ދަހިވެތިކަމުގައި ޓްރަމްޕް ނުކުރައްވާނެ އެއްވެސް ކަމެއް ނޯންނަ ހިސާބަށް އޭނާގެ ވެރިކަމުގެ ދަހިވެތިކަންވަނީ ގޮސްފައެވެ.

މިގޮތުން ޓްރަމްޕަކީ އެމެރިކާގެ ގާނޫނުތައް ބޮލާލައި ޖައްސަވާ ބޭފުޅެއްކަމާއި އެއް ބޭފުޅަކަށް ރިޔާސީ ދެ ދައުރަށްވުރެ އިތުުރު ދައުރެއްގައި ވެރިކަން ނުކުރެވޭގޮތަށް އޮންނަ އޮތުން ބަދަލުކުރުމަށް ފަރުދާގެ އަނެއް ފަރާތުގައި ޓްރަމްޕް ގިނަ މަސައްކަތްތަކެއް ކުރަމުން ގެންދަވާކަން ވައިޓް ހައުސްގައި މަސައްކަތް ކުރެއްވި ދުވަސްވަރު ޓްރަމްޕާ ކުރި މުޢާމަލާތްތަކުން އެނގިވަޑައިގެންފައިވާ ކަމަށް އެފޮތުގައި ބޯލްޓަން ވިދާޅުވެފައިވާ ކަަމަށް ބްލޫމްބާގް ބުނެއެވެ.

ބޯލްޓަންގެ ފޮތާ ހަވާލާދީ ވޮޝިންޓަން ޕޯސްޓް ބުނާގޮތުން ވައިޓް ހައުސްގެ އެންމެ އާދައިގެ މުވައްޒަފުން ފެށިގެން އެންމެ އިސް މުވައްޒަފުންވެސް ޓްރަމްޕްގެ ޣައިރު ހާޒިރުގައި ޓްރަމްޕަށް ވަރަށް ބޮޑަށް މަލާމާތް ކުރެއެވެ. މިގޮތުން ޓްރަމްޕް ގެ ކުރިމަތީގައި އޭނާއާ ރީތިކޮށް ވާހަކަ ދެއްކުމަށްފަހު ޓްރަމް ފަސްއެނބުރި ވަޑައިގަތުމުން ވައިޓް ހައުސްގެ މުވައްޒަފުން ޓްރަމްޕަށް މަލާމާތްކޮށް ހީ ހަދާކަމަށާ އެބޭފުޅުން އެކަން ކުރައްވަނީ ޓްރަމްޕްގެ ޖާހިލުކަމާއި ތަންދޮރު ނުދަންނަ ކަމުގެ ސަބަބުން ކަމަށްވެސް ބޯލްޓަންގެ ފޮތާ ހަވާލާދީ ވޮޝިންޓަން ޕޯސްޓް ބުނެއެވެ.

މީގެއިތުރުން ޓްރަމްޕްގެ އަންހެން ދަރިކަލުން އިވަންކާ އާއި އެކަމަނާގެ ފިރިކަލުން ޖަރެޑް ކުޝްނާ ވައިޓް ހައުސްގެ އިސް މަގާމުތަކުގައި ތިއްބަވައިގެން އެބޭފުޅުންގެ އާއިލީ ވިޔަފާރި ކުރިއެރުވުމަށް ބައެއް ގައުމުތަކާ ގުޅިގެން އެބޭފުޅުންގެ ބާރާއި ނުފޫޒު ބޭނުން ކުރައްވާ ކަމުގެ ތަފްސީލްތައްވެސް ބޯލްޓަންގެ ފޮތުގައި ހިމެނޭކަމުގެ މައުލޫމާތުވަނީ ފެތުރިފައެވެ.

ޓްރަމްޕްގެ ވެރިކަމުގައި ގައުމީ ސަލާމަތާބެހޭ މުސްތަޝާރުކަމުގެ މަގާމު އަދާކުރެއްވި ބޯލްޓަން، ޓްރްމަޕާ ބެހޭގޮތުން ލިޔުއްވި "ދަ ރޫމް ވެއާ އިޓް ހެޕަންޑް : ވައިޓް ހައުސް މެމޮއާ" އަާ ހަވާލާދީ ނިއުޔޯކް ޓައިމްސް ބުނާގޮތުން އެމެރިކާގައި ކުރިޔަށް އޮތް ރިޔާސީ އިންތިޚާބު ކާމިޔާބު ކުރުމަށްޓަކައި ޓްރަމްޕްވަނީ ޗައިނާގެ އެހީއަށް ވެސް އެދިވަޑައިގެންފައެވެ.

މިކަމަށް އެދިވަޑައިގެން އެކަން އެތަށް ފަހަރަކު ޓްރަމްޕް ރައީސް ޝީޖިންޕިން އަށް ހުށަހަޅުއްވާފައިވާ ކަމަށް އެ ފޮތާ ހަވާލާދީ ނިއުޔޯކް ޓައިމްސް ބުނެއެވެ. ޓްރަމްޕް ޗައިނާގެ ރައީސްގެ ޝީ އަށް އެކަން ހުށަހެޅުއްވުމުން ހައިރާންވެވަޑައިގެންނެވުމުގެ އިތުރުން ޝޮކެއް ލިބިވަޑައިގެންނެވި ކަމަށްވެސް އެފޮތުގައި ބޯލްޓަން ވިދާޅުވެފައިވާ ކަމަށް ނިއުޔޯކް ޓައިމްސް ބުނެއެވެ.

ބޯލްޓަން ގެ ފޮތަކީ އެމެރިކާގެ ރިޔާސީ އިންތިޚާބު ބޯމަތިވަމުންދާ މިދަނޑިވަޅުގައި ޓްރަމްޕް ވަރަށް ބޮޑަށް ފަޟީހަތް ވެގެންދާނެ ފޮތެއްކަމުން އެ ފޮތް ޝާއިއުކުރުން ހުއްޓުވުމަށް އެދި އެމެރިކާގެ ސަރުކާރުންވަނީ އެ މައްސަލަ ކޯޓަށްވެސް ހުށަހަޅާފައެވެ.

ބޯލްޓަންގެ ވަކީލުން ބުނަނީ އޭނާގެ ފޮތް ޝާއިޢު ކުރުން އެމެރިކާގައި ނުހުއްޓުވޭނެ ކަމުގައެވެ. އެފޮތް ހުއްޓުވުމަށް އެމެރިކާގެ ޖަސްޓިސް ޑިޕާޓްމަންޓުން ކޯޓަށް ހުށަހަޅާފައިވާ މައްސަލައަކީ އެމެރިކާގެ ދަސްތޫރުގައިވާ ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމުގެ އިތުރުން ނޫސްވެރިކަމުގެ މިނިވަންކަމާ ފުށުއަރާކަމެއްކަމަށް ބޯލްޓަންގެ ވަކީލުން ދެކެއެވެ.

ފޮތް ޝާއިޢު ކުރުން ހުއްޓުވުމަށް ޓްރަމްޕްގެ ސަރުކާރުން ކޯޓަށް ގޮސްފައިވާ މިދަނޑިވަޅުގައި ބޯލްޓަން ގެންދަވަނީ އޭނާގެ ފޮތުގައިވާ މުހިއްމު މައުލޫމާތު އެމެރިކާގެ މަޝްހޫރު ނޫސްތަކަށް ބޮޑުއަގުގައި ވިއްކަމުންނެވެ. މިގޮތުން ނިޔުޔޯކް ޓައިމްސްގެ އިތުރުން ވޮޝިންޓަން ޕޯސްޓާއި ބްލޫމްބާގް ފަދަ ނޫސްތަކުންވަނީ ބޯލްޓަންގެ ފޮތުގެ މުހިއްމު މައުލޫމާތު ޚަބަރާއި ރިޕޯޓްގެ ގޮތުގައި ޝާއިޢު ކުރަން ފަށާފައެވެ.

މިކަމުގެ ސަބަބުން ބޯލްޓަން ގެ ފޮތް އިތުރަށް އިޝްތިހާރުވެ އެފޮތުގެ އަގުވެސް ދަނީ އިތުރަށް އަރަމުންނެވެ. އެފޮތް މިހާރު ޗާޕަށް ދީފައިވާއިރު އެފޮތް ނެރުމަށް ބޯލްޓަން ނިންމަވާފައިވަނީ މިމަހުގެ 23 ވަނަ ދުވަހުއެވެ. ޓްރަމްޕް ވަނީ ފޮތް ނެރެފިނަމަ ބޯލްޓަންގެ މައްޗަށް އަމިއްލަ ގޮތުން ޖިނާއީ ދައުވާވެސް ކުރާނެކަމުގެ އިންޒާރު އެތަށް ފަހަރަކު ދެއްވާފައެވެ.

ޓްރަމްޕާ ދެކޮޅަށް ފޮތް ލިޔުއްވި ޖޯން ބޯލްޓަންއަކީވެސް ޓްރަމްޕް ފަދަ ހަރުކަށި ފިކުރުގެ ބޭފުޅެކެވެ. އަދި އެމެރިކާއަށް ކިޔަމަންނުވާ އީރާންފަދަ ގައުމުތަކާ ދެކޮޅަށް ހަނގުރާމަ ފެށުމުގެ ވިސްނުން ވަރަށް ބޮޑަށް ގެންގުޅުއްވާ ބޭފުޅެކެވެ. ޖޯޖް ޑަބްލިޔު ބުޝްގެ ވެރިކަމުގައި އެމެރިކާ އިރާގަށް އަރައި ގަތުމުގެ ބަހަނާއެއް ހޯދުމުގެ ގޮތުގައި އިރާގުގައި ފަނާކުރަނިވި ހަތިޔާރު ހުރިކަމަށް ބުނެ ދޮގު ރިޕޯޓެއް ތައްޔާރުކުރަން އެމެރިކާގެ ޖާސޫސީ މަރުކަޒީ އިދާރާ ސީއައިއޭ އަށް ރަސްމީކޮށް އެންގީވެސް ޖޯން ބޯލްޓަން އެވެ.

އެދުވަސްވަރު ބޯލްޓަން ހުންނެވީ އދ. ގައި ހުންނަވާ އެމެރިކާ ޚާއްސަ މަންދޫބު ކަމުގެ މަގާމުގައެވެ. އެއީ ބުޝްގެ ވެރިކަމުގައި ވަޒީރުން ފެންވަރުގެ މަގާމެކެވެ. ޓްރަމްޕްގެ ވެރިކަމުގެ ކުރީކޮޅު ބޯލްޓަން ވަނީ ޓްރަމްޕަށް ތައުރީފު ކުރައްވާފައެވެ. ފަހުން ބޯލްޓަން ޓްރަމްޕް ދެކެ ކޯފާވެ ދެބޭފުޅުން ދެ ހަތުރުންނަށްވީ މިދިޔަ ސެޕްޓެމްބަރު މަހުގެ ތެރޭގައި ޓްރަމްޕް، ބޯލްޓަން މަގާމުން ދުރުކުރުމުންނެވެ.

ޓްރަމްޕްގެ ވެރިކަމުގައި ބޯލްޓަން ހުންނެވީ އެމެރިކާގެ ގައުމީ ސަލާމަތާބެހޭ މުސްތަޝާރުކަމުގެ މަގާމުގައެވެ. ޓްރަމްޕް ބޯލްޓަން މަގާމުން ދުރު ކުރެއްވީ އުތުރުކޮރެއާ ވެނެޒުއެލާ އަދި އީރާން ފަދަ ގައުމުތަކާ ދެކޮޅަށް އިސްވެ ހަނގުރާމަ ފެށުމަށް ބޯލްޓަން ބާރުއަޅުއްވައި އެމެރިކާގެ ޚާރިޖީ ކަންކަމަށް މާބޮޑަށް ނުފޫޒު ފޯރުވާތީ ކަމަށް އެދުވަސްވަރުގެ ރިޕޯޓްތައް ބުނެއެވެ. (ނޫސްއެޖެންސީތައް)

comment ކޮމެންޓް