އދގެ ސަލާމަތީ މަޖިލީހަށް އިންޑިއާ އިންިތހާބުވެއްޖެ

އދގެ އާންމު މަޖިލީހުގައި އިއްޔެ އިންތިހާބުތައް ކުރިއަށް ގެންދިޔައީ ކޮވިޑް19 އާ ގުޅިގެން ހާއްސަ ފިޔަވަޅުތަކެއްގެ ދަށުން -- ފޮޓޯ/ އދ

އދގެ ސަލާމަތީ މަޖިލީހުގެ ކުރިއަށް އޮތް ދެ އަހަރުގެ ދައުރުގެ މެމްބަރުކަމަށް އިންޑިއާ ހޮވިއްޖެ އެވެ.

އިއްޔެ އދގައި އޮތް އިންތިހާބުގައި، 2021 އިން 2022 ގެ ނިޔަލަށް އޮންނަ ދެ އަހަރުގެ ދައުރުގެ މެމްބަރުކަމަށް އޭޝިއާ ޕެސިފިކް ގްރޫޕުން އިންޑިއާ ހޮވުނީ އދގެ އާންމު މަޖިލީހުގައި ހިމެނޭ 193 މެމްބަރު ގައުމުގެ ތެރެއިން 184 މެމްބަރުންގެ ވޯޓާއެކުއެވެ. އޭޝިއާ ޕެސިފިކް ގްރޫޕު ތަމްސީލުކުރާ ގޮނޑިއަށް ކުރިމަތިލީ އިންޑިއާ އެކަންޏެވެ.

މީގެ ކުރިން ހަތް ފަހަރު ސެކިއުރިޓީ ކައުންސިލުގެ މެމްބަރުކަން ކޮށްފއިވާ އިންޑިއާއިން ކުރިއަށް އޮތް ދައުރަށް ވާދަކުރާނެކަން އިއުލާނުކުރީ މިދިޔަ އަހަރުގެ ޖޫން މަހުގެ ތެރޭގަ އެވެ. އަދި އިންޑިއާއާ އެންމެ ވާދަވެރި ޕާކިސްތާނާއި ޗައިނާވެސް ހިމެނޭ ގޮތަށް، އޭޝިއާ ޕެސިފިކް ގްރޫޕުގެ ހުރިހާ މެމްބަރުން އޮތީ އެ ގައުމުގެ ކެންޑިޑަސީއަށް ތާއީދުކޮށްފަ އެވެ.

ކޮވިޑް19 އާ ގުޅިގެން އދގެ އާންމު މަޖިލީހުގައި ސެކިއުރިޓީ ކައުންސިލުގެ ވޯޓު ކުރިއަށް ގެންދިޔައީ ތަފާތު ގޮތަކަށެވެ. އެކި ގައުމުތަކުން ވޯޓުލާން ހާޒިރުވާން ތަފާތު ވަގުތުތަކެއް ދިން އިރު، މެމްބަރު ގައުމުތަކުގެ މަންދޫބުން ވޯޓުލާން ދިޔައީ މާސްކު އަޅައިގެންނެވެ.

ސަލާމަތީ މަޖިލީހުގެ 2021-2022 ދައުރަށް އޭޝިއާ ޕެސިފިކް ގްރޫޕުން އިންޑިއާ ހޮވުނު އިރު، އެ މަޖިލީހަށް ލެޓިން އެމެރިކާއާއި ކެރިބިއަން ގްރޫޕުން ހޮވުނީ 187 ވޯޓާއެކު މެކްސިކޯ އެވެ.

ހުޅަނގު ޔޫރަޕާއި އެހެނިހެން ގައުމުތަކުގެ ގްރޫޕުން ދެ މެމްބަރަކު ހޮވުމަށް ބޭއްވި ވޯޓަށް ކުރިމަތިލީ ކެނެޑާގެ އިތުރުން ނޯވޭ އަދި އަޔަލެންޑެވެ. މި އިންތިހާބު 130 ވޯޓާއި 128 ވޯޓާއެކު ނޯވޭ އަދި އަޔަލެންޑް ކާމިޔާބުކުރި އިރު، ކެނެޑާ ނާކާމިޔާބާ ކުރިމަތިލީ 108 ވޯޓުންނެވެ.

ކުރިއަށް އޮތް ދައުރަށް އެފްރިކާ ބައްރު ހިމެނެ ގްރޫޕުންވެސް މެމްބަރަކު ހޮވަން ޖެހޭ އިރު، އެ އިންތިހާބު މިއަދު އޮންނާނެ އެވެ. އެ އިންތިހާބުގައި ވާދަކުރަނީ ކެންޔާއާއި ޖިބޫޓީ އެވެ.

މިވަގުތު އދގެ ސެކިއުރިޓީ ކައުންސިލުގައި ތިބީ އެ ކައުންސިލުގެ ފަސް ދާއިމީ މެމްބަރުން ކަމުގައިވާ ޗައިނާ، އިނގިރޭސިވިލާތް، ފްރާންސް، ރަޝިއާ، އިނގިރޭސިވިލާތް އަދި އެމެރިކާގެ އިތުރުން، އެ ކައުންސިލުގައި ދެމިތިބޭނެ ނޮން-ޕާމަނަންޓް ފަސް މެމްބަރު ގައުމު ކަމުގައިވާ އެސްޓޯނިއާ، ވިއެޓްނާމް، ތޫނިސް، ނައިޖަރު އަދި ސެއިންޓް ވިންސެންޓް އެންޑް ދަ ގްރެނެޑީންސް އެވެ. މި ފަސް މެމްބަރު ގައުމުގެ ދެ އަހަރުގެ ދައުރު ނިމޭނީ 2021 ވަނަ އަހަރެވެ. އަދި އެ ގައުމުތަކުގެ ބަދަލުގައި އެ ގައުމުތައް ނިސްބަތްވާ ގްރޫޕުތަކުން އާ މެމްބަރުން އިންތިހާބުކުރުން އަންނަ އަހަރުގެ ތެރޭގައި ކުރިއަށް ދާނެ އެވެ.

comment ކޮމެންޓް