ގައުމީ ޔުނިވާސިޓީގެ އަންނަ ޓާމްގެ ކޯސްތަަކަށް ކުރިމަތިލާން ހުޅުވާލައިފި

ގައުމީ ޔުނިވަސިޓީގެ ޗާންސެލަރު ހަސަން ހަލީމް އަދި ވައިސް ޗާންސެލަރު ޑރ މުހައްމަދު ޝަރީފު --

ގައުމީ ޔުނިވާސިޓީގެ އަންނަ ޓާމްގެ ކޯސްތަަކަށް ކުރިމަތިލާން ހުޅުވާލައިފި އެވެ.

ގައުމީ ޔުނިވާސިޓީގެ އޮފިޝަލަކު "ސަން" އަށް މައުލޫމާތު ދެމުން ވިދާޅުވީ އަންނަ ޓާމްގެ ކޯސްތައް ފެށޭނީ އޮގަސްޓު ނުވަޔެއް ހިސާބުގައި ކަމަށެެވެ.

"އަޅުގަނޑުމެން މި ބަލަނީ އެހާ ހިސާބަށް ދާންވާއިރަށް ހާލަތު ރަނގަޅުވާނެކަމަށް. ދެން 106 ކޯސް މި ހުޅުވާލަނީ. ހަމަ ކުރިއެކޭ އެއްގޮތަށް ޖާގައިގެ އަދަދަށް ބަދަލެއް ނާންނާނެ،" އޮފިޝަލް ވިދާޅުވި އެވެ.

އެމްއެންޔޫގެ ކޯސްތަކަށް ވަނުމަށް އެދި ފޯމު ހުށަހެޅުމުގެ ފުރުސަތު 25 ޖޫން 2020 ވާ ބުރާސްފަތި ދުވަހުން ފެށިގެން 30 ޖުލައި 2020 ވާ ބުރާސްފަތި ދުވަހުގެ ނިޔަލަށް މިހާރު ވަނީ ހުޅުވާލައިފަ އެވެ. އެމްއެންޔޫއިން ބުނީ ކޯސްތަކާ ބެހޭ މަޢުލޫމާތު ޔުނިވާސިޓީގެ ވެބްސައިޓުން ލިބެން ހުންނާނެކަމަށާއި އަދި ކޯސްތަކަށް އޮންލައިން ޕޯޓަލް މެދުވެރިކޮށް އެޕްލައިކުރެވޭނެ ކަމަށް ވެސް އެ ޔުނިވާސިޓީން ބުންޏެވެ.

ކޮރޯނާ ވައިރަސްއާ ގުޅިގެން އެމްއެންޔޫގެ ކޯސްތައް މިހާރު ގެންދަނީ އޮންލައިންކޮށެެވެ. އަދި މިޓާމްގައި އެއްވެސް އިމްތިހާނެއް ކުރިއަކަށް ނުގެންދެއެވެ. ނަަމަވެސް އެސެސްމަންޓްތައް ފަދަ އެހެނިގެން ގޮތްގޮތުން ދަރިވަރުންނަށް ކިޔެވުމުގައި ހާސިލްވީ މިންވަރު ބަލާނެ ކަމަށް ވެސް އޮފިޝަލް ވިދާޅުވި އެވެ.

އަންނަ މަހުގެ އެކަކުން ފެށިގެން މާލޭ ސްކޫލްތަކުގެ ނުވަޔަކުން މައްޗަށް ކިޔަވައިދޭން ވެސް މިހާރު ވަނީ ނިންމައިފަ އެވެ. އަދި ކޮރޯނާ ނެތް ރަށްތަކުގައި ހުރިހާ ގްރޭޑްތަކަށް ކިޔަވައިދޭން މިހާރު ވަނީ ނިންމައިފައެވެ.

comment ކޮމެންޓް