ބަންގްލަދޭޝްގެ އިތުރު 200 މީހުން ގައުމަށް

ބަންގްލަދޭޝް މީހުންފުރުން -- ފޮޓޯ: މޯލްޑިވިއަން

ރާއްޖޭގައި އުޅޭ ބަންގްލަދޭޝް މީހުންގެ ތެރެއިން އިތުރު 200 މީހަކު އެނބުރި ގައުމަށް ފުރުވާލައިފި އެވެ.

މިއީ ސަރުކާރާއި މޯލްޑިވިއަން ގުޅިގެން ކުރިއަށްގެންދާ އޮޕަރޭޝަނުގެ ދަށުން ފުރުވާލި ބަޔެކެވެ. މިހާތަނަށް 2300 އެއްހައި ބަންގްލަދޭޝް މިހުން މޯލްޑިވިއަންގެ ފްލައިޓުގައި ވަނީ ގައުމަށް ގެންގޮސްފަ އެވެ.

މީގެ އިތުރުން ދިވެހި ސަރުކާރުން ޗާޓަރުކުރި ބިމާން ބަންގްލަދޭޝް އެއާވޭސްގެ ފްލައިޓަކާއި، ބަންގްލަދޭޝް އަސްކަރިއްޔާގެ ފްލައިޓެއްގައި ވެސް ވަނީ އެ ގައުމުގެ ރައްޔިތުން ގައުމަށް ފުރުވާލައިފަ އެވެ.

ރާއްޖޭގައި ގިނަ އަދަދެއްގެ ބަންގްލަދޭޝް ރައްޔިތުން ދިރިއުޅޭ އިރު ސައްހަ ލިޔެކިޔުންތައް ނެތް މީހުން ވެސް ގިނަ އަދަދަކަށް އުޅެ އެވެ. ކަމާ ބެހޭ ފަރާތްތަކުން ލަފާ ކުރާ ގޮތުގައި ލިޔެކިޔުންތައް ނެތް ބަންގަލަދޭޝް މަސައްކަތްތެރިންގެ އަދަދު 63،000 އަށް ވުރެ ގިނަ ވާނެ އެވެ.

ރާއްޖެއިން ކޮވިޑް-19އަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން އެންމެ ގިނައީވެސް ބަންގްލަދޭޝް މީހުންނެވެ. މިހާތަނަށް 1087 ބަންގްލަދޭޝް މީހުންނަށް ރާއްޖެއިން ބަލިޖެހިފައިވާއިރު ރާއްޖެއިން ބަލީގައި މަރުވި އަށް މީހުންގެ ތެރޭގައި ބަންގްލަދޭޝްގެ ހަތަރު މީހަކު ހިމެނެއެ ވެ.

comment ކޮމެންޓް