އިކުއިޕްމަންޓު ހޯދުމުގައި ކޮރަޕްޝަނެއް ނުހިމެނޭނެ: އައިޖީއެމްއެޗް

މެއި 14، 2020: އައިޖީއެމްއެޗް ހޮސްޕިޓަލުގެ ބޭރުގައި ބަޔަކު މަޑުކޮއްލައިގެން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

އައިޖީއެމްއެޗަށް ބޭނުންވާ އިކުއިޕްމަންޓްތައް ހޯދުމުގައި، މުވައްޒަފުން މެދުވެރިކޮށް ކޮރަޕްޝަނަށް މަގުފަހިވާގޮތަށް އަމަލުކުރަމުން އަންނަ ކަމަށް ދެކެވޭ ވާހަކަތައް އެ ހޮސްޕިޓަލުން ދޮގުކޮށްފި އެވެ.

އެ ހޮސްޕިޓަލަށް ބޭނުންވާ އިކުއިޕްމެންޓްސް ހޯދުމާ ބެހޭ ގޮތުން ސޯޝަލް މީޑިއާގައި ދެކެވޭ ވާހަކަތަކާއި ގުޅިގެން ނެރުނު ބަޔާނުގައި ބުނެފައި ވަނީ އެ ހޮސްޕިޓަލުގެ މުވައްޒަފުން މެދުވެރިކޮށް ވަކި ފަރާތަކަށް ފައިދާވާ ގޮތަށް އިކުއިޕްމަންޓް ހޯދާކަމަށް ބުނެ، މުވައްޒަފުންގެ ފޮޓޯ ޖަހައި، ސޯޝަލް މީޑިއާގައި އެއްވެސް ހަގީގަތެއް ނެތް ވާހަކަތައް ބަޔަކު ފަތުރަމުން ގެންދާތީ އެކަމާ ހިތާމަކުރާ ކަމަށެވެ.

އަދި އެއީ އެއްގޮތަކަށް ވެސް ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށާއި، މެޑިކަލް އިކުއިޕްމަންޓާއި ކޮންސިއުމަބަލްސް ވެސް ހިމެނޭގޮތުން ހޮސްޕިޓަލަށް ބޭނުންވާ ތަކެތި، ހޯދުމުގައި އަމަލުކުރަމުން އަންނަނީ ދައުލަތުގެ މާލިއްޔަތުގެ ގާނޫނާއި އެ ގާނޫނުގެ ދަށުން އެކުލަވާލާފައިިވާ ގަވާއިދުތަކާ އެއްގޮތަށް ކަމަށެވެ.

ދައުލަތުގެ މުއައްސަސާތަކުގައި ކޮރަޕްޝަނަށް މަގުފަހިވާ އެއްވެސް ކަމެއް ހިނގާކަމަށް ޝައްކު ކުރެވޭނަމަ، އެކަމެއް ބަލައިދިނުމަށް އެންޓިކޮރަޕްޝަން ކޮމިޝަނަށް ހުށަހެޅޭނެ އިންތިޒާމު ހަމަޖެހިފައި ވާއިރު، އައިޖީއެމްއެޗްގައި ހިނގާ އެއްވެސް މަޝްރޫއެއް ނުވަތަ ހޮސްޕިޓަލަށް އެއްޗެއް ގަތުމުގައި ކޮރަޕްޝަން އެކުލެވޭކަމަށް އެއްވެސް ފަރާތަކަށް ތުހުމަތު ކުރެވޭ ނަމަ، އެކަން އޭސީސީއަށް ހުށަހަޅައިގެން ކުރިއަށް ގެންދަން މަރުހަބާ ކިޔާކަމަށް ވެސް ބަޔާނުގައި ބުނެފައިވެއެވެ.

ހަމައެއާއެކު އެއްވެސް ހަގީގަތެއް ނެތް ވާހަކަތައް، ހޮސްޕިޓަލުގެ މުވައްޒަފުން ބަދުނާމުކޮށް، އަބުރު ގެއްލޭ ގޮތަށް ސޯޝަލް މީޑިއާގައި ފަތުރަމުންދިއުމާއި، އެ ވާހަކަތަކުގެ މައްޗަށް ބިނާކޮށް، ހޮސްޕިޓަލުގެ ބަހެއް ހޯދުމެއް ނެތި ނޫސްތަކުން އެކަންކަން ރިޕޯޓުކޮށްފައި ވާތީވެސް އައިޖީއެމްއެޗް އިން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.

comment ކޮމެންޓް