ކުރީގެ ރައީސް މުހައްމަދު ވަހީދު ހަސަން މަނިކުގެ ދެކަނބަލުން އިއްޔެ ކަސްރަތަށް ނުކުމެ އުޅެނިކޮށް އެމްޑީޕީގެ އެކްޓިވިސްޓަކު އަނގަބަހުން ހަމަލާދިން ކަމަށް ބުނާ މައްސަލާގައި އޭނާ ދޮގު ހެދި ކަމަށް ބުނެ އެކަން ސަރުކާރުގެ ސަމާލުކަމަށް ގެނައުމަށް މަޖިލީހަށް ކުއްލި މައްސަލައެއް ހުށަހަޅައިފި އެވެ.
މަޖިލީހަށް ކުއްލި މައްސަލަ ހުށަހެޅުއްވީ އުނގޫފާރު ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު (ވައްޑޭ) އެވެ.
ކުއްލި މައްސަލަ ހުށަހަޅުއްވަމުން ވައްޑޭ ވިދާޅުވީ ކުރީގެ ރައީސް ވަހީދު އޭނާއަށް ހަމަލާދިން ކަމަށް ބުނެ ބުހުތާނު ދޮގުހަދައި އާންމު ރައްޔިތަކަށް ބިރުދައްކައި އަނިޔާ ދިނުމަށް މަސައްކަތް ކުރަމުން ދާ ކަމަށެވެ.
ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަން ވައްޓާލަން ހިންގި ބަގާވާތެއް ކަމަށް ބުނެ ވައްޑޭ ވިދާޅުވީ އެ ބަގާވާތައް ފަހުވެސް އެތައް ރައްޔިތުންނަކަށް ވޭނާއި އަނިޔާ ވަހީދު ދީފައިވާ ކަމަށެވެ. އަދި އިއްޔެވެސް އަނގަބަހުން މީހަކު ބުނި އެއްޗަކާ ގުޅިގެން ދޮގާ މަކަރު ހަދައި ބާރާއި ނުފޫޒުން ފުލުހަށް މައްސަލަ ހުށަހަޅާފައިވާ ކަމަށްވެސް ވައްޑޭ ވިދާޅުވި އެވެ.
އެމައްސަލަ ހުށަހެޅީ އަނިޔާދިން ކަމަށް ބުނާ މީހާއަށް އިތުރު އަނިޔާއެއް ދިނުމަށް ކަމަށް ވައްޑޭ ހުށަހެޅި ކުއްލި މައްސަލާގައި ވަނީ ވިދާޅުވެފަ އެވެ.
ޑރ. ވަހީދާއި އަނބިކަނބަލުން އިލްހާމް ހުސައިން މިއަދު ފަތިހު މާލޭ އުސްފަސްގަނޑު ސަރަހައްދުގައި ކަސްރަތު ކުރައްވަން އުޅުއްވަނިކޮށް އެ ދެކަނބަލުންނަށް އެމްޑީޕީގެ އެކްޓިވިސްޓަކު ވަރަށް ހުތުރު ބަހުން އެއްޗެހި ކިޔައި ފުރައްސާރަ ކުރި ކަމަށް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ.
ވަހީދަނީ ރައީސް ނަޝީދު ސަރުކާރުގެ ނައިބު ރައީސް އެވެ. އަދި ހަތެއް ފެބުރުއަރީ 2012 ވަނަ ދުވަހު ރައްޔިތުން އެއްވެ ހިނގި ހަމަނުޖެހުން ތަކުގައި ރައީސް ނަޝީދު ވެރިކަމުން އިސްތިއުފާ ދެއްވުމާ ގުޅިގެން ވަހީދު ވަނީ ވެރިކަމުގެ ހުވާ ކުރައްވާފަ އެވެ. އެމްޑީޕީއިން ތުހުމަތު ކުރާގޮތުން ނަޝީދުގެ ވެރިކަން ވައްޓާލަން ހިންގީ ބަގާވާތެކެވެ. އަދި އޭގެ އަޑީގައި ހުރީ ވަހީދު ކަމަށްވެސް ތުހުމަތު ކުރެ އެވެ.
އެ މައްސަލަ ބަލަން އެކުލަވާލި، ކޮމިޝަން، ކޯނީ ރިޕޯޓްގައި ނިންމީ އެއީ ބަޣާވާތެއް ކަމުގެ ހެއްކެއް ނެތް ކަމަށެވެ. ނަޝީދު ވިދާޅުވަނީ ހަތެއް ފެބުރުއަރީގައި ސިފައިންނާއި ފުލުހުން ހިންގި މިޔުޓިނީ ނޫނީ ނުކިޔަމަންތެރިކަން ބަލަން ޖެހޭ ކަމަށާއި ސަލާމަތީ ހިދުމަތްތަކުން ނުކިޔަމަންތެރިކަން ދެއްކުމަކީ ގައުމީ ސަލާމަތާ ގުޅުން ހުރި މައްސަލައެއް ކަމަށެވެ.