"އާބަން ގާޑަން" ތައްޔާރުކުރަން އެހީތެރިވަނީ

މާލޭގައި "އާބަން ގާޑަން" ތައްޔާރުކުރަން މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗާއިން ޕްރޮގްރާމެއް އިއުލާނުކޮށްފި އެވެ.

މި ޕްރޮގްރާމަކީ ސަރުކާރުގެ "ކާނާގެ ޔަގީންކަން" ކަށަވަރު ކުރުމުގައި ދަނޑުވެރިކަން ހިއްސާކުރާ މިންވަރު އިތުރުކުރުމުގެ ސިޔާސަތުގެ ދަށުން ފެށި ޕްރޮގްރާމެކެވެ.

އެ މިނިސްޓްރީން ބުނީ މިއަހަރު ކުރިން ވެސް މި ޕްރޮގްރާމު ފަށަށް އިއުލާނުކުރި ކަމަށާއި ނަމަވެސް މާލެ ސަރަހައްދު ލޮކްޑައުން ކުރުމުގެ ސަބަބުން ޕްރޮގްރާމް ކުރިއަށް ނުގެންދުވުނު ކަމަށެވެ.

އާބަން ގާޑަން ޕްރޮގްރާމް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ހުސްބިން އަދި ގެތަކުގެ ޓެރަސް ފަދަ ތަންތަނުގަ އެވެ. އަދި ޕްރޮގްރާމުގެ މޮޑެލް ބިނާވާނީ އެތަނެއްގެ ކުޑަބޮޑުމިނުގެ މައްޗަށެވެ.

މިނިސްޓްރީން ބުނީ ކުދި ޖާގަތަކުގެ ބޭނުން އެންމެ އެކަށީގެންވާ ގޮތަށް ހިފޭހެނެހެން ބައްޓަން ކުރެވޭ މި މޮޑެލްގައި ގަސް ހެއްދުމަށް ވިހަ ކެމިކަލް އެކުލެވޭ ބާރުގަދަ ބޭސްތައް ބޭނުން ނުކުރާނެ ކަމަށެވެ. އެގޮތުން ގަސްކާނާގެ ގޮތުގައި މައިގަނޑު ގޮތެއްގައި ބޭނުންކުރާނީ އޯގަނިކް ކޮމްޕޯސްޓްގެ ބާވަތްތަކެވެ.

މި ޕްރޮގްރާމަށް ބޭނުންވާ ޓެކްނިކަލް އެހީތެރިކަމާއި ބޭނުންވާ ހުރިހާ ތަކެއްޗެއްވެސް މިނިސްޓްރީން ފޯރުކޮށްދޭއިރު، ގޭބިސީތަކުން އުކާލެވޭ ތަކެތި ބޭނުންކޮށްގެން ގަސްކާނާ އުފައްދައި، އެތަކެތި ވެސް ބޭނުންކުރާނެ އެވެ.

މި ޕްރޮގްރާމުގެ ދަށުން ގަސް ހައްދާނެ ތަނެއް ހިޔާރު ކުރުމުގައި މިނިސްޓްރީން ބަލާނެ ކަންތައްތަކަކީ؛

  • ހުށަހަޅާ ބިން ނުވަތަ ޓެރަހަށް ވަދެ ނިކުތުމަށް ފަސޭހަ މިންވަރު
  • އެތަނެއްގެ ސެކިއުރިޓީ ބަލަހައްޓާ މިންވަރު
  • މިނިސްޓްރީގެ މޮޑެލް އާންމުންނަށް ދައްކައި، އިޝްތިހާރުކުރަން ކުރާނެ މަސައްކަތް
  • ހުށަހަޅާ ބިން ނުވަތަ ޓެރަހުގައި ޖާގަ އޮތް މިންވަރު
  • ހުށަހަޅާ ތަނަކަށް މޫދު ލޮނުގެ އަސަރު ކުރާ މިންވަރު އަދި ލިބޭ ނިސްބަތް

މީގެ އިތުރުން ގާޑަން ތައްޔާރުކުރަން އަމަލީ ގޮތުން އެހީތެރިކަން ފޯރުކޮށްދެވޭނެ މިންވަރާއި އެ މަސައްކަތުގައި ބައިވެރިވުމުގެ ފުރުސަތު އަވަށްޓެރިންނާއި އާންމުންނަށް ފަހިކޮށްދިނުމަށް ހުށަހަޅާ ގޮތާއި މިންވަރު ވެސް މިނިސްޓްރީން ބަލާނެ އެވެ.

މިނިސްޓްރީން ބުނީ މިއީ ޕައިލަޓް ޕްރޮޖެކްޓަށް ވުމުން ފޯމު ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ހޮވާނީ ޝަރުތު ހަމަވާ އެއް ފަރާތް ކަމަށެވެ. އަދި ޕްރޮގްރާމުގެ ކާމިޔާބު މިންވަރަށް ބެލުމަށްފަހު އިތުރު ފުރުސަތުތައް ހުޅުވާލާނެ ކަމަށް މިނިސްޓްރީން ބުނެ އެވެ.

މި ޕްރޮގްރާމުގައި ބައިވެރިވާން އެދޭ ފޯމު މި ލިންކުން ޑައުންލޯޑް ކުރެވޭނެ އެވެ. ފޯމު ހުށަހެޅުމުގެ ސުންގަޑި ހަމަވާނީ މި މަހުގެ 25 ވާ ބުރާސްފަތި ދުވަހުގެ މެންދުރު 2:00 އަށެވެ.

މި ޕްރޮގްރާމާ ގުޅޭ އިތުރު މައުލޫމާތު މިނިސްޓްރީގެ ނަންބަރު 3339264، 3339232 އަށް ގުޅައިގެން ނުވަތަ [email protected] އަށް މެއިލް ކުރުމުން ލިބޭނެ އެވެ.

މިނިސްޓްރީން ބުނީ މި ޕްރޮގްރާމުގެ އަމަލީ މަސައްކަތް ފަށާނީ ކޮވިޑް19އާ ގުޅިގެން އިއުލާނުކޮށްފައިވާ ލޮކްޑައުން މުޅިން ނިމި، އާންމު ހާލަތަށް ރުޖޫއަވެއްޖެކަން އެޗްޕީއޭއިން އިއުލާނުކުރުމުން ކަމަށެވެ.

comment ކޮމެންޓް