ސައުދީން ހައްޖު ބޭއްވުމާ ބެހޭ ގޮތުން ހަފްތާއެއް ތެރޭ ގޮތެއް ނިންމަނީ

ސައުދީން ދަނީ މިއަހަރުގެ ހައްޖު ކެންސަލް ކުރުމާ މެދު ވިސްނަމުން ކަމަށް އެގައުމުގެ އިސް އޮފިޝަލަކު ވަނީ ވިދާޅުވެފަ -- ފޮޓޯ: ރޮއިޓާސް

ރިޔާޒު (ޖޫން 14): ސައުދީ އަރަބިއާއިން ހައްޖުގެ އަޅުކަން ބޭއްވުމާ ބެހޭ ގޮތުން ހަފްތާއެއްހާ ދުވަސް ތެރޭ ގޮތެއް ނިންމާނެ ކަމަށް އެގައުމުގެ އިސް އޮފިޝަލަކާ ހަވާލާދީ ބައެއް މީޑިއާތަކުން ރިޕޯޓުކޮށްފި އެވެ.

ސައުދީގެ ހައްޖު އެންޑް އުމްރާ މިނިސްޓްރީގެ އޮފިޝަލަކާ ހަވާލާދީ އިނގިރޭސިވިލާތުގެ ފައިނޭންޝަލް ޓައިމްސްގައިވާ ގޮތުން މިއަހަރު ހައްޖާ ބެހޭ ގޮތުން އަމަލުކުރާނެ އެކި ގޮތްތައް އެގައުމުން ދަނީ ދިރާސާ ކުރަމުންނެވެ. އަދި ހަފްތާއެއްހާ ދުވަސްތެރޭ އެކަމާ ބެހޭ ގޮތުން ގޮތެއް ނިންމާނެ އެވެ.

ސައުދީން ހައްޖު ބާއްވާނަމަ އެގައުމުން ގެންގުޅޭ އެއް ވިސްނުމަކީ ސިއްހީ ހަރުކަށި ފިޔަވަޅުތަކާ އެކު، މަދު ބަޔަކަށް ބައިވެރިވެވޭ ގޮތަށް ހައްޖު ބޭއްވުމެވެ.

ސައުދީގެ އިސް ދެ މަސްއޫލުވެރިއަކާ ހަވާލާދީ ރޮއިޓާސްއިން މީގެ ކުރިން ރިޕޯޓުކޮށްފައިވާ ގޮތުގައި ހައްޖުވެރިންގެ އަދަދު މަދުކުރުމާ ނަމަ، އެ އަދަދު ކަނޑައަޅާނީ މިދިޔަ އަހަރު ހައްޖުގެ އަޅުކަމުގައި ބައިވެރިވި މީހުންގެ އަދަދުގެ ގާތްގަނޑަކަށް 20 އިންސައްތައަށް ބަލާފަ އެވެ. އެއީ ކޮންމެ ގައުމަކަށްވެސް ދޫކޮށްފައިވާ ހައްޖު ކޯޓާގެ 20 އިންސައްތަ މީހުންނަށް ހައްޖުގެ ފުރުސަތު ދޭގޮތަށެވެ. މިގޮތަށް ފުރުސަތު ދޭނަމަ އެކަންކުރާނީ އުމުރުން ދުވަސްވީ މީހުންނާއި ބޮޑެތި ބަލިތައް ތަހައްމަލް ކުރާމީހުން ނުހިމެނުން ޝަރުތުކޮށްފައެވެ.

މީގެ އިތުރުން ހައްޖު އެއްކޮށް ކެންސަލް ކުރުމާ މެދުވެސް އެގައުމުން ވިސްނަމުންދާ ކަމަށް މިނިސްޓްރީގެ އޮފިޝަލު ވިދާޅުވި އެވެ.

"ހުރިހާ ގޮތަކާ ބެހޭ ގޮތުން ވެސް ދަނީ މަޝްވަރާ ކުރަމުން. ނަމަވެސް އެންމެ ބޮޑު އިސްކަމެއް ދޭނީ ހައްޖުވެރިންގެ ސިއްހަތާއި ރައްކާތެރިކަމަށް،" އޮފިޝަލު ވިދާޅުވި އެވެ.

ސައުދީން އަދި ހައްޖާ ބެހޭ ގޮތުން ވަކި ގޮތެއް ނުނިންމަނީސް އެގައުމަށް އެންމެ ގިނަ އަދަދެއްގެ ހައްޖުވެރިން ފޮނުވާ އިންޑޮނޭޝިއާއިން ވަނީ މިއަހަރުގެ ހައްޖުގައި ބައިވެރި ނުވާނެކަން އިއުލާންކޮށްފަ އެވެ. އަދި މެލޭޝިއާ، ސިންގަޕޫރު، ކެމްބޯޑިއާ، ތައިލޭންޑް އަދި ބުރުނާއީންވެސް ވަނީ މިއަހަރުގެ ހައްޖަށް އެގައުމުތަކުން މީހުން ނުފޮނުވާނެ ކަމަށް ބުނެފަ އެވެ.

ސައުދީގައި ކޮރޯނާވައިރަސް ފެތުރުން ހުއްޓުވުމަށް އެގައުމުން މީގެ ކުރިން ހަރުކަށި ފިޔަވަޅުތައް އެޅި އެވެ. އޭގެ ތެރޭގައި އުމްރާ ކުރުން ހުއްޓާލާ، އެގައުމުގައި މިސްކިތްތަކުގައި ޖަމާއަތުގައި ނަމާދު ނުކުރެވޭ ގޮތް ހެދުން ހިމެނެ އެވެ. ނަމަވެސް މިދިޔަ މަހު އެގައުމުން ވަނީ ފިޔަވަޅުތައް ލުއިކޮށްފަ އެވެ. އޭގެ ފަހުން އެގައުމުގައި ކޮންމެ ދުވަހަކު ވައިރަހަށް ޕޮޒިޓިވްވާ މީހުންގެ އަދަދާއި ބަލީގައި މަރުވާ މީހުންގެ އަދަދު ވަނީ އިތުރުވެފަ އެވެ. އެގޮތުން ފާއިތުވި ހަ ދުވަހު ކޮންމެ 24 ގަޑި އިރެއް ތެރޭ 3،000 އަށްވުރެ ގިނަ ކޭސް ފެނިފައިވެ އެވެ.

ސައުދީގައި މިހާތަނަށް 123,308 މީހަކު ވައިރަހަށް ޕޮޒިޓިވްވެފައިވާ އިރު، ބަލީގައި 932 މީހަކު ވަނީ މަރުވެފަ އެވެ. އެގައުމުން ބަލިން ރަނގަޅުވެފައި ވަނީ މިހާތަނަށް 82,548 މީހެކެވެ.

ސައުދީން އުމްރާއާއެކު ހައްޖުވެސް ކެންސަލްކޮށްފި ނަމަ އެގައުމުގެ އިގުތިސާދު ވަރަށް ބޮޑަށް ދަށަށް ދާނެ އެވެ. އެގޮތުން މީގެ ކުރިން ކޮށްފައިވާ އަންދާޒާތަކުގައިވާ ގޮތުން މިއަހަރު އެގައުމުގައި ހައްޖާއި އުމްރާ ބާއްވާ ނަމަ، އެގައުމަށް މާލީ ފައިދާގެ ގޮތުގައި 12 ބިލިއަން ޑޮލަރު ލިބޭނެ އެވެ.

comment ކޮމެންޓް