ބްލަޑް ބޭންކު ހުސްވަނީ، ލޭ ހަދިޔާ ކޮށްދެއްވާ!

މީހަކު ލޭ ހަދިޔާ ކުރަނީ: ބްލަޑް ބޭންކްގައި ހުރި ލޭގެ އަދަދު ވަރަށް ބޮޑަށް މަދުވެ ހުސްވެދާނެ ކަމުގެ ބިރު ވަނީ ހީވެފައި -- ސަން ފައިލް ފޮޓޯ/ ފަޔާޒު މޫސާ

މޯލްޑިވިއަން ބްލަޑް ސާވިސް (އެމްބީއެސް) އިން ލޭ މަދުވެ ހުސްވުމުގެ ބިރު ހީވެފައިވާތީ، އާންމުންގެ އެހީތެރިކަމަށް އެދިއްޖެ އެވެ.

ކޮވިޑް-19 ގެ ބަލިމަޑުކަމާ ގުޅިގެން މާލެ ސަރަހައްދު ފުރަބަންދުކޮށްފައިވާތާ ދެ މަހަށް ވުރެން ގިނަ ދުވަސް ވެފައިވާއިރު އެކި ފަހަރު މަތިން ލޭ ހޯދުމަށް އާންމުންގެ އެހީތެރިކަމަށް ވަނީ އެދިފަ އެވެ.

މިފަހަރު ވެސް ސްޓޮކްގައި ހުރި ލޭ މަދުވެފައިވާއިރު އެމްބީއެސްގެ އެސޯސިއޭޓް ސްޕެސަލިސްޓް އިން ޕީޑިއޮޓްރިސްޓް ޑރ. އަހްމަދު އުމަރު ވިދާޅުވީ، ހުރިހާ ގްރޫޕެއްގެ ލޭ ވެސް މިހާރު ބޭނުންވާ ކަމަށެވެ.

"އަޅުގަނޑުމެން އަތުގައި އެއްވެސް ވަރަކަށް ލޭ ނެތޭ ބުނާ ވަރަށް ސްޓޮކް ދަށްވެފައި މި ވަގުތު ހުރީ،" ޑރ. އުމަރު ވިދާޅުވި އެވެ.

އަބަދުވެސް އެންމެ ހޯދަން ދަތިވެ އެންމެ ބޮޑަށް ބޭނުންވަނީ، އޯ ޕޮޒިޓިވް ލެއާއި ބީ ޕޮޒިޓިވް ލޭ ކަން ޑރ. އުމަރު ފާހަގަކުރެއްވި އެވެ.

ލޭ ހަދިޔާ ކުރަން ދިއުމުގެ ކުރިން އެމްބީއެސްގެ ޕޯޓަލްގައި ރެޖިސްޓްރީ ވުން ނުވަތަ އެތަނުގެ ނަންބަރު 3306089 އަށް ގުޅުއި އެޕޮއިންޓްމެންޓް ހެއްދެވުމަށް ޑރ. އުމަރު ވަނީ އެދިވަޑައިގެންފަ އެވެ. އެ ނަންބަރަށް ގުޅޭނީ އޮފީސް ހުޅުވިފައި ހުންނަ ރަސްމީ ގަޑީގަ އެވެ.

"އެޕޮއިންޓްމެންޓް ހަމަޖެހިފައި އިންނަ ގަޑިއަށް ވަޑައިގަތުން އެއީ ދެން ވަރަށް މުހިންމު ކަމެއް. އެއީ އަޅުގަނޑުމެން ވެސް އިޖުތިމާއީ ގައިދުރުކަން ދެމެހެއްޓުމަށްޓަކައި ވަރަށް ބޮޑަށް ސަމާލުކަން ދޭން ޖެހޭ،" ޑރ، އުމަރު ވިދާޅުވި އެވެ.

comment ކޮމެންޓް