ގައުމީ އަރުޝީފުގައި އާއިލީ އަރުޝީފީ ތަކެތި ރައްކާކުރުމުމުގެ ފުރުސަތު ހުޅުވާލައިފި

ރާއްޖެއަށް މިނިވަންކަން ލިބުނު ފަހުން އެންމެ ފުރަތަމަ ހެދި ދިވެހި ޕާސްޕޯޓުގެ ޑިޖިޓަލް ކޮޕީއެއް -- ފޮޓޯ/ ގައުުމީ އަރުޝީފު

އާއިލީ އަރުޝީފުގައި ހުރި އަރުޝީފީ ތަކެތި ނުވަތަ އޭގެ ނަކަލު ގައުމީ އަރުޝީފުގައި ރައްކާކުރުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

ގައުުމީ އަރުޝީފުގައި ރައްކާކޮށްފައިވާ، ރާއްޖެއަށް މިނިވަންކަން ލިބުނު ފަހުން އެންމެ ފުރަތަމަ ހެދި ދިވެހި ޕާސްޕޯޓުގެ ޑިޖިޓަލް ކޮޕީއެއް ޓުވީޓުކޮށް، ގައުމީ އަރުޝީފުން ބުނީ އެ ކޮޕީއަކީ ވެސް ޕާސްޕޯޓުގެ ވެރިފަރާތުގެ އާއިލާގެ ފަރާތުން ލިބިފައިވާ އެއްޗެއް ކަމަށެވެ.

އަދި އެފަދަ އަރުޝީފީ އަގުހުރި ފޮޓޯއާއި ތަކެތި، ނުވަތަ އޭގެ ނަކަލު ގައުމީ އަރުޝީފުގައި ރައްކާކުރުމުގެ ފުރުސަތު މިހާރު ހުޅުވާލާފައިވާ ކަމަށެވެ.

ގައުމީ އަރުޝީފުން ބުނީ، އެފަދަ ތަކެތި ބަލައިގަނެ ރައްކާތެރިކޮށްދޭނެ ކަމަށާއި، އެގޮތަށް ޖަމާކުރެވޭ ތަކެއްޗާމެދު އަމަލުކުރާނީ އަރުޝީފުގެ ގާނޫނުގައި ބަޔާންކޮށްފައިިވާ ގޮތަށް ކަމަށެވެ.

އަރުޝީފުގެ ގާނޫނުގައި ބުނެފައި ވަނީ ރާއްޖޭގެ ތާރީހީ އަދި ގަދީމީ ލިޔެކިޔުންތަކުގެ ތެރެއިން އަމިއްލަ މީސްމީހުންގެ އަތުގައި ހުރި ލިޔެކިޔުންތަކާއި، ފޮޓޯތަކާއި، ޗާޓުތަކާއި، ރިކޯޑުތަކާއި، މައުލޫމާތާއި، ފޮތްތަކާއި، ނޫސްތަކާއި، މަޖައްލާތައް ނުވަތަ އޭގެ
ނަކަލެއް ގައުމީ އަރުޝީފަށް ހޯދައި އެތަކެތި ގައުމީ އަރުޝީފުގައި ރައްކާތެރިކޮށް ބެލެހެއްޓުމަށް މަސައްކަތްކުރަންވާނެ ކަމަށެވެ.

އަދި އެފަދަ ތަކެތީގެ ރަޖިސްޓްރީއެއް ގައުމީ އަރުޝީފުގައި އޮންނަންވާނެ ކަމަށް ވެސް ބުނެފައިވެއެވެ.

comment ކޮމެންޓް