މިނިސްޓްރީ އުވާލީ ނަމެއް ފޮނުވަން ތައްޔާރުވަނިކޮށް: އެމްއާރުއެމް

ރައީސް މައުމޫނު އަބްދުލް ގައްޔޫމު ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހާ ބައްދަލު ކުރެއްވުން --- ފޮޓޯ: ޓްވިޓާ

މިނިސްޓްރީ އޮފް ހައުސިން އެންޑް އާބަން ޑިވެލޮޕްމަންޓް އުވާލީ މިނިސްޓަރުކަމަށް އައްޔަންކުރާނެ ބޭފުޅެއްގެ ނަން ފޮނުވުމަށް ތައްޔާރުވަމުން ދަނިކޮށް ކަމަށް މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމްއާރްއެމް) އިން ބުނެފިއެވެ.

މިކަން އެ ޕާޓީގެ އިސް އޮފިޝަލަކު "'ސަން" އަށް ވަނީ ކަށަވަރުކޮށްދެއްވާފައެވެ.

އެމްއާރުމްގެ ސްލޮޓެއްގައި މިނިސްޓަރުކަމަށް ވަޑައިގެންނެވި އައިމިނަތު އާތިފާ ޝުކޫރު އިއްޔެ އިސްތިއުފާ ދެއްވުމާއެކު، ރައީސް އިބްރާޙިމް މުހައްމަދު ސޯލިހް މިއަދު ވަނީ އެ މިނިސްޓްރީ އުވާލައި، ޕްލޭނިން މިނިސްޓްރީގެ ދަށަށް އެ މިނިސްޓްރީގެ މަސައްކަތްތައް ބަދަލުކޮށްފައެވެ.

އެމްއާރުއެމްގެ އޮފިޝަލް މިރޭ "ސަން" އަށް ވިދާޅުވީ، ރައީސް ސޯލިހް މިއަދު އެ މިނިސްޓްރީ އުވާލިއިރު، އެޕާޓީން މިނިސްޓަރު ކަމަށް ހަމަޖައްސަވާނެ ބޭފުޅަކާމެދު މަޝްވަރާ ކުރަމުން ދިޔަ ކަމަށެވެ.

އޭނާ ވިދާޅުވީ، ހައުސިން މިނިސްޓަރުގެ މަގާމަކީ އަދިވެސް އެމްއާރުއެމްގެ ސްލޮޓެއް ކަމަށް ރޭ ބޭއްވި އެޕާޓީގެ ކައުންސިލް ބައްދަލުވުމުގައި ޕާޓީގެ ރައީސް އަދި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމު ވިދާޅުވެފައިވާ ކަމަށެވެ.

އޭނާ ވިދާޅުވިގޮތުގައި ހައުސިން މިނިސްޓަރު ކަމަށް ރައީސް މައުމޫނުގެ ދަރިކަލުން އަދި ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ ކުރީގެ މެމްބަރު އަހްމަދު ފާރިޝް މައުމޫންއާއި އެ ޕާޓީގެ ނައިބު ރައީސް އާމިނަތު ނާދިރާ ގެނައުމަށް ކޮންމެވެސް ވަރަކަށް މަޝްވަރާ ކުރެވުނު ކަމަށެވެ. ނަމަވެސް އެ ދެބޭފުޅުންވެސް އެ މަގާމަށް އައުމަށް ބޭނުން ނުވި ކަމަށް އޭނާ ވިދާޅުވއެވެ.

"ރޭގެ ބައްދަލުވުމުގައި މިނިސްޓަރު ކަމަށް އަންނާނެ ބޭފުޅަކާ މެދު މަޝްވަރާއެއް ނުކުރޭ. އެހެން ނަމަވެސް ޕާޓީ ލެވެލްގައި ކޮންމެވެސް ވަރަކަށް ފާރިޝް އަދި ނާދިރާ މަގާމަށް ގެނައުމަށް ހުށަހެޅުންތަކެއް އައި. ނަމަވެސް އެ ދެބޭފުޅުންވެސް ބޭނުމެއް ނުވި މިނިސްޓަރުގެ މަގާމަށް އައުމަށް،" ނަން ނުޖަހާ ގޮތަށް ވާހަަކަ ދެއްކެވި އެމްއާރުއެމްގެ ކައުންސިލް މެމްބަރު ވިދާޅުވިއެވެ.

އާތިފާ މިނިސްޓަރު ކަމުން އިސްތިއުފާ ދެއްވުމަކީ ގައުމަށް ލިބިގެން ދިޔަ ބޮޑު ގެއްލުމެއްގެ ގޮތުގައި ސިފަކުރައްވައި ރައީސް މައުމޫން މިއަދު ވަނީ ޓްވީޓެއް ކުރައްވާފައެވެ.

އެ ޓްވީޓްގައި ރައީސް މައުމޫން ވިދާޅުވީ، އާތިފާ އަކީ ހިތްވަރު ގަދަކަމާއި އިޚްލާސްތެރިކަމުގެ ނަމޫނާއެއް ކަމަށާއި އޭނާ ރައްޔިތުންނަށް ހިދުމަތްކޮށްދެއްވީ ތެދުވެރިކަމާއެކު ކަމަށެވެ.

އާތިފާ މަގާމުން އިސްތިއުފާ ދެއްވާފައި ވަނީ ސިއްހީ ސަބަބުތަކަކަށްޓަކައި ކަމަށް ވަނީ ވިދާޅުވެފަ އެވެ.

ރައީސް އޮފީހުން ބުނީ ހައުސިން މިނިސްޓްރީ އުވާލުމަށް ފަހު، މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިން އެންޑް އިންފްރާސްޓްރަކްޗާ ގެ ނަން "މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިން، ހައުސިން އެންޑް އިންފްރާސްޓްރަކްޗާ"ގެ ނަމަށް ރައީސް ސޯލިހު މިއަދު ބަދަލުކުރައްވާފައިވާ ކަމަށެވެ.

ރައީސް އޮފީހުން ބުނީ ހައުސިން މިނިސްޓްރީއިން ދެމުން ދިޔަ ހުރިހާ ހިދުމަތެއް ދެމުން ދާނީ ޕްލޭނިން މިނިސްޓްރީއިން ކަމަށެވެ. އަދި ހައުސިން މިނިސްޓްރީގެ ހުރިހާ މުވައްޒަފުން ވެސް ޕްލޭނިން މިނިސްޓްރީއަށް ބަދަލުކުރަން ވެސް ރައީސް ނިންމަވާފައިވާ ކަމަށް ވެސް ރައީސް އޮފީހުން ބުންޏެވެ.

comment ކޮމެންޓް