އިންކަމް ޓެކުހުގެ ގޮތުގައި 19 މިލިއަން ރުފިޔާ ލިބިއްޖެ

ދިވެހި ފައިސާ -- ސަން ފޮޓޯ/ ފަޔާޒު މޫސާ

އިންކަމް ޓެކުހުގެ ގޮތުގައި ދައުލަތަށް 19.9 މިލިއަން ރުފިޔާ ލިބިއްޖެ އެވެ.

ދައުލަތުގެ ޓެކްސް އިދާރާ، މީރާ އިން އާންމު ކުރި މެއި މަހުގެ ތަފާސް ހިސާބުތައް ދައްކާގޮތުން މެއި މަހުގެ ޖުމްލަ އާމްދަނީގެ 9.7 ޕަސެންޓަކީ އިންކަމް ޓެކުހުގެ ގޮތުގައި ލިބުނު އާމްދަނީ އެވެ.

މިއީ އާމްދަނީ އިން ޓެކްސް ނެގުމުގެ ގާނޫނުގެ ދަށުން ޓެކްސް ނަގަން ފެށިފަހުން ލިބުނު އާމްދަނީ އެވެ. ނަމަވެސް ބިޒްނަސް ޕްރޮފިޓް ޓެކްސް ނަގާފައި ވަނީ ކުރީގެ ގާނޫނުގެ ދަށުން ކަމަށް މީރާ އިން ބުންޏެވެ.

މެއި މަހު ބިޒްނަސް ޕްރޮފިޓް ޓެކްސް (ބީޕީޓީ)ގެ ގޮތުގައި 1.4 މިލިއއަން ރުފިޔާ ލިބިފައިވެ އެވެ. ނަން ރެޒިޑެންޓް ވިލްހޯލްޑިން ޓެކުހުގެ ގޮތުގައި 16.4 މިލިއަން ރުފިޔާ ލިބުނު އިރު ފަރުދުންގެ އާމްދަނީ އިން ނަގާ ޓެކުހުން، އެމްޕްލޯއީ ވިތް ހޯލްޑިން ޓެކުހުގެ ގޮތުގައި ދެ މިލިއަން ރުފިޔާ ވަނީ ލިބިފަ އެވެ.

އިންކަމް ޓެކްސްގެ ގާނޫނުގެ ދަށުން މިއަހަރުގެ ޖެނުއަރީން ފެށިގެން ފަރުދުންގެ އާމްދަނީން (މުސާރަ، އުޖޫރަ ނޫން ގޮތްގޮތަށް ލިބޭ އާމްދަނީން) ޓެކްސް ނަގަން ވަނީ ފަށާފަ އެވެ.

އަދި ފަރުދުންނަށް ލިބޭ މުސާރަ،އުޖޫރައިގެ އާމްދަނީން ޓެކްސް ނަގަން ފެށީ އޭޕްރީލް މަހުން ފެށިގެންނެވެ.

ފަރުދުންގެ އާމްދަނީ ޓެކްސް ނަގަން ނިންމާފައި ވަނީ ފަސް ބްރެކެޓެއްގެ ދަށުންނެވެ. އެއީ؛

  • 60،000 ރުފިޔާ އިން ދަށުގެ އާމްދަނީ - 0 ޕަސެންޓު
  • 60،000 އާއި 100،000 ރުފިޔާއާ ދެމެދުގެ އާމްދަނީ: 5.5 ޕަސެންޓު
  • 100،00 އާއި 150،000 ރުފިޔާއާ ދެމެދުގެ އާމްދަނީ: އަށް ޕަސެންޓު.
  • 150،000 އާއި 200،000 ރުފިޔާއާ ދެމެދު އާމްދަނީ އިން 12 ޕަސެންޓު
  • 200،000 ރުފިޔާ އިން މަތީގެ އާމްދަނީ އިން 15 ޕަސެންޓު

މަހަކު އެއްފަހަރު ދައްކަން ޖެހޭ އެމްޕްލޯއީ ވިތުހޯލްޑިން ޓެކްސް ރިޓާން އަދި ޕޭމަންޓުގެ ސުންގަޑިއަކީ ކޮންމެ މަހެއްގެ ވެސް 15ވަނަ ދުވަހެވެ.

ނޮން ރެސިޑެންޓް ވިތުހޯލްޑިން ޓެކްސް ރިޓާން އަދި ޕޭމަންޓްގެ ސުންގަޑިއަކީ އެމީހަކަށް މުސާރަ ދޭ މަހާ ޖެހިގެން އަންނަ މަހުގެ 15 ވަނަ ދުވަހެވެ.

އިންޓެރިމް ރިޓާން އަދި އިންކަމް ޓެކްސް ރިޓާން ދައްކަން ޖެހެނީ ތިން ފަހަރެއްގެ މަތިންނެވެ. އެ ފައިސާ ދައްކަން ޖެހޭ ސުންގަޑިތަކަކީ؛

  • ފުރަތަމަ އިންޓެރިމް ރިޓާން އަދި ޕޭމަންޓް: 31 ޖުލައި 2020
  • ދެވަނަ އިންޓެރިމް ރިޓާން އަދި ޕޭމަންޓް: 31 ޖެނުއަރީ 2021
  • އިންކަމް ޓެކްސް ރިޓާން އަދި ފަހު ޕޭމަންޓް: 30 ޖޫން 2021
comment ކޮމެންޓް