ގުޅިފަޅު ހިއްކުން ނޫން ގޮތެއް ހަމަ ނެތީތަ؟

ގުޅިފަޅު ހިއްކުމުގެ މަސައްކަތް ކުރަނީ --

ތިމާވެށި ހިމާޔަތް ކުރުމަށް އެތައް ވައުދެއްވެގެން އައި ސަރުކާރަކުން، މިހާތަނަށް ރާއްޖޭގައި ހިއްކާނެ އެންމެ ފުން ފަޅު ގުޅިފަޅު ހިއްކުމުގެ މަސައްކަތްތައް ފަށާފައިވާއިރު އެ މަޝްރޫއާ މެދު އެތައް ބައެއްގެ ހިޔާލު ތަފާތުވުން އެބަ އޮތެވެ. އެންމެ ބޮޑު އެއް ސުވާލަކީ ކައިރީގައި އޮތް، ތިލަފުށި ހިއްކަން ހަރަދު ކުޑަވާއިރު، އެކަން ނުކޮށް މާބޮޑު، ހަރަދެއްކޮށްގެން ގުޅިފަޅު ހިއްކަނީ ކީއްވެބާއެވެ؟ އަދި ތިލަފުށި ހިއްކައިގެން ތިމާވެއްޓަށް ލިބޭނެ ގެއްލުން ކުޑަވާއިރު އެ އެ މަގުން ސަރުކާރު ނުހިނގީ ކީއްވެ ހެއްޔެވެ؟

އިދިކޮޅު ފަރާތްތަކުން ތުހުމަތު ކުރަނީ ގުޅިފަޅު ހިއްކުމުގެ މަޝްރޫއުގެ ތެރޭގައި އަޑި ނޭނގޭ ކަންތައްތަކެއް ހިނގަމުން ދާ ކަމަށެވެ. އަދި ކުރީ ސަރުކާރުން ތިލަފުއްޓަށް ޕޯޓް ބަދަލު ކުރަން ނިންމާފައި އޮތުމުން، މި ސަރުކާރުން އެކަން ތަފާތު ކޮށްލުމުގެ ބޭނުމުގައި ގުޅީފަޅުގައި ޕޯޓް ހަދަން ނިންމީ ކަމަށް ވެސް ބައެއް ފަރާތްތަކުން ތުހުމަތުކުރެ އެވެ.

މާލެ އިން ޕޯޓް ބަދަލު ކުރަންޖެހޭ!

މި މަޝްރޫއާ މެދު ހިޔާލު ތަފާތުނުވެވި އެންމެންނަށް ކަހަލަ ގޮތަކަށް އެއްބަސްވެވޭ އެއް ކަމެއް އެބައޮތެވެ. ތޮއްޖެހި ފިތިބާރުވެފައިވާ ވެރި ރަށް މާލެ އިން ސިނާއީ މަސައްކަތް ކުރާ ތަންތަނާއި މައި ޕޯޓް އެހެން ތަނަކަށް ބަދަލުކުރަންޖެހެ އެވެ. ސަބަަބަކަށް ވަނީ މާލޭގެ ޕޯޓް މިހާރު އޮތް ސަރަހައްދުގެ ގޮތުން އެ ޕޯޓް އިތުރަށް ތަރައްގީ ކުރާނެ ޖާގައެއް މިހާރު ލިބެން ނެތުމެވެ. އެއީ މާލެއަށް އޮތް ތޮއްޖެހުމަށް ކޮންމެވެސް ވަރެއްގެ ލުއިކަމެއް ގެނުވާނެ ކަމެކެވެ. އަދި މާލޭގެ ޕޯޓަކީ ޒަމާނީ ވަސީލަތްތަކާ އެކު ތަރައްގީ ކުރަން ވެސް ޖެހިފައި އޮތް ޕޯޓެކެވެ.

"މާލޭގެ މިހާރު އޮތް ޕޯޓްގެ ދަތިކަން ހުރިހާ ބޭފުޅުންނަށް ވެސް އިހްސާސް ކުރެވޭނެ. އެހެންވީމަ އެކަމަށް ހައްލެއް ހޯދުން އެއީ މުހިންމު ކަމެއް. އެކަން ކުރިއަށް މި ދަނީ،" ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމް ވިދާޅުވި އެވެ.

މާލޭގައި ޕޯޓް ހިންގަމުން އަންނަ ސަރަހައްދު -- ސަން ފައިލް ފޮޓޯ/ ފަޔާޒް މޫސާ

ސުވާލަކީ މާލެ އިން ޕޯޓް ބަދަލު ކުރަން ޖެހޭއިރު އެތަން މޫވް ކުރާނެ ތަނަކާއި މެދު އުފެދިފައިވާ ދެބަސް ވުމެވެ. މި ސަރުކާރުން އެންމެ ފުރަތަމަ ވެސް ނިންމާފައި އޮތީ ގުޅީފަޅު ހިއްކައި އެތަނަށް ޕޯޓް ބަދަލު ކުރުމަށެވެ. އެކަމަށް ހުށަހެޅީ ޕްލޭނިން މިނިސްޓްރީންނެވެ. ރައިސްލްޖުމްހޫރިއްޔާގެ އާ ބަސް އެކަމަށް އޮތީ ލިބިފަ އެވެ.

"ގުޅިފަޅަށް މި މަޝްރޫއު ނިންމުމަށް ހުށަހެޅުނު ސަބަބު ތަކަކީ މާލޭ ސަރަހައްދުގައި ގްރޭޓަރ މާލޭ އޭރީއާގައި ރާއްޖޭގައި މިހާރު އޮތް އިންޓަނޭޝަނަލް ޕޯޓް ކުޑަވެ ޕޯޓްގެ ޖާގަ ބޮޑު ކުރަން އަޅުގަނޑުމެނަށް ޖެހިފައިވާ މި ދަނޑިވަޅުގައި މާލެ ކައިރިން އެކަން ކުރެވޭނެ އެންމެ ރަނގަޅު ތަނަކަށް ފެނުނީ ގުޅީފޅު ކަމުގައިވުން،" މިނިސްޓަރު އަސްލަމް ވިދާޅުވި އެވެ.

ތިލަފުށީގެ ބަދަލުގައި ގުޅީފަޅު ހިއްކަނީ ކީއްވެ؟

މީގެ ކުރިން ވެސް ތިލަފުއްޓަށް ޕޯޓް ބަދަލު ކުރާ ވާހަކަ ދެއްކި ނަމަވެސް އެކަމަށް އަމަލީ ސިފައެއް ނުގެނެވުމުގެ މައިގަނޑު ސަބަބު މިނިސްޓަރު އަސްލަމް ކިޔައި ދެއްވި އެވެ.

"ތިލަފުށީގައި އެކަން ނުކުރާ ސަބަބަކީ ތިލަފުއްޓަކީ ކުނި ނައްތާލާ ތަނަކަށް ވެފައި ޒަމާނުއްސުރެން އެތަނުގައި ކުނި ނައްތާލުމުގެ މަސައްކަތް ކުރިއަށް ގެންގޮސްފައި އޮތީ. އެތަނުގެ މާހައުލަކީ ޕޯޓެއް ކަހަލަ ތަަނަކަށް އެކަށީގެންވާ ތަނެއް ނޫން. ޕޯޓަކީ ހަމަ އެކަނި ދަނގަޑާއި ލަކުޑިއާ ބާލާ ތަނެއް ނޫން. ކާބޯތަކެތި އިމްޕޯޓް އެކްސްޕޯޓް ވެސް ކުރާ ތަނެއް،" މިނިސްޓަރު އަސްލަމް ވިދާޅުވި އެވެ.

ގުޅީފަޅު ހިއްކުމުގެ މަސައްކަތް ކުރިއަށްދާއިރު، ކަނޑަށް ވެއްޔާއި ކިސަޑު ފެތުރިގެންދާ ގޮތް އީޕީއޭއިން ދަނީ ބަލަމުން -- ފޮޓޯ/ އީޕީއޭ

ރާއްޖޭގެ އެހެން ސަރަހައްދުތަކުގައި ވެސް ޕޯޓްތައް ހުރެ އެވެ. އެހެން ކަމުން މާލޭގައި އޮތް ޕޯޓް މާލެ ސަރަހައްދުން އެހެން ސަރަހައްދަށް ގެންދިއުމުގެ ވިސްނުމެއް ސަރުކާރުގައެއް ނެތެވެ. އެހެން ކަމުން މި ސަރުކާރުން ދެކޭ ގޮތުގައި ތިލަފުއްޓަކީ ޕޯޓް ބަދަލު ކުރުމަށް އެންމެ އެކަށޭނެ ތަނަށް ނުވުމުން ދެން އެކަން ކުރާނެ ތަނެއް ހޯދުމަށް ކުރި މަސައްކަތުން ދުރުމިއަށް އެރީ ގުޅީފަޅެވެ. އަދި އެ ޕޯޓް މާލެއާ ގުޅުވާލަން ފަސޭހަ ވަނީވެސް އެގޮތަށް ކަމަށް ވުމަކީ ސަބަބެކެވެ.

ޕޯޓް ބަދަލު ކުރަން ނިންމީ މިދިޔަ ސަރުކާރުން!

ނިމިގެން ދިޔަ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން އޮތީ ތިން ފޭސް އަކަށް ބަހާލައިގެން ތިލަފުއްޓަށް، މާލޭގައި އޮތް ޕޯޓް ބަދަލު ކުރަން ނިންމާފައި ކަމަށް، އޭރުގެ އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދާއި ހައުސިން މިނިސްޓަރު މުހައްމަދު މުއިއްޒު ވަނީ ވިދާޅުވެފަ އެވެ.

ނަމަވެސް އެކަމުގައި އެ ފަރާތްތަކުން އިސްކަން ދިނީ ތިމާވެށި ހިމާޔަތް ކުރުމަށް ކަމެއް ނޭނގެ އެވެ. ސަބަބަކީ އެ ޕްލޭންގައި ވެސް ގުޅީފަޅު ހިއްކަން ވަނީ ހިމަނާފަ އެވެ. އަދި އެ ސަރުކާރުގެ ވިސްނުން ހުރީ ގުޅީފަޅު ހިއްކައި އެތަނުގައި މީހުން އާބާދު ކުރުމަށެވެ. އެއަށްފަހު ވަށް ބުރެއްގެ ސިފައިގައި ގުޅީފަޅު - ވިލިމާލެ - މާލެ - ހުޅުމާލެ ގުޅާލުމަށެވެ.

ތިލަފުއްޓަށް ޕޯޓް ބަަދަލު ކުރަން ނިންމާފައި ވަނީ އެއީ އިންޑަސްޓްރިއަލް މަސައްކަތް މިހާރު ވެސް ކުރަމުންދާ ރަށަކަށް ވުމުން ކަމަށް އެ ސަރުކާރުގެ އިކޮނަމިކް މިނިސްޓަރު އަދި މިހާރު މާވަށު ދާއިރާގެ މެންބަރު މުހައްމަދު ސައީދު ވިދާޅުވި އެވެ.

"ހުޅަނގު އުތުރަށް ނުހިއްކާ ތިލަފުށީގައި ވަރަށް ބޮޑު ބައެއް އޮންނާނެ. ގާތް ގަނޑަކަށް ދެ ކިލޯ މީޓަރު. އެއަށް ވުރެން ވެސް ދިގުވާނީ. ދެން މެދުގައި އިންނާނީ ނުހިއްކައި ތަންކޮޅެއް ފުންތަންކޮޅެއް،" ސައީދު ވިދާޅުވި އެވެ.

އެ ސަރަހައްދަށް ޕޯޓް ބަދަލުކުރަނީ ބޮޑެތި ބޯޓް ފަހަރުން ފަސޭހަ ކަމާއި އެކު އެތަނަށް ގާތްކޮށް ކޮންޓޭނާތައް އަރުވައި ބާލައި ހެނދޭނެތީކަން ސައީދު ފާހަގަކުރެއްވި އެވެ. އޭނާ ދެކެވަޑައިގަންވާ ގޮތުގައި، ތިލަފުށީގައި އިންޑަސްޓްރިއަލް މަސައްކަތް ކުރާ ކަމަށް ބުނެ، އެތަނުގައި ޕޯޓް ނަހަދަން މި ސަރުކާރުން ދައްކާ "ބަހަނާ"ގައި އެއްވެސް އަސްލެއްނެތެވެ.

ސަރުކާރުން ހާމަކޮށްފައިވާ ގޮތުގައި ގުޅީފަޅު ހިއްކުމާއި ރިވެޓްމަންޓް ޖެހުމުގެ މަސައްކަތަށް، 53 މިލިއަން ޑޮލަރު (817 މިލިއަން ރުފިޔާ) އަރަ އެވެ. އެ މަޝްރޫއު ހަވާލުކޮށްފައި އޮތީ، ނެދަލެންޑްސްގެ، ބޮސްކާލިސްއާ އެވެ. މަޝްރޫއު ނިމޭއިރު، ގުޅިފަޅުން ގާތްގަނޑަކަށް 75 ހެކްޓަރުގެ ބިން ހިއްކާނެ އެވެ.

ސައީދު ވިދާޅުވޫީ އިގްތިސާދީ ގޮތުން މިހާ ދަތި ދަނޑިވަޅެއްގައި މިވަރުގެ ބޮޑު އަދަދެއް ހަރަދުނުކޮށް އެ މަޝްރޫއު ކުރިއަށް ގެންދެވެން އޮތް އިރު ސަރުކާރުން ހަރަދުބޮޑުގޮތް އިހުތިޔާރު ކުރީ ކީއްވެ ހެއްޔެވެ؟ ސައީދު ތުހުމަތު ކުރައްވާ ގޮތުގައި އެ މަޝްރޫއުގެ ތެރޭގައި އަޑި ނޭނގޭ ކަންތައްގަނޑެއް އުޅޭ ކަމަށް އޭނާ ތުހުމަތު ކުރައްވަނީ އެހެންވެ އެވެ.

ތިލަފުށީގައި ކުނި އަންދައި، އެހެން ވެސް ސިނާއީ މަސައްކަތް ކުރުމަކީ އެތަނުގައި ޕޯޓް ނެހެދެންވީ ސަބަބެއް ނޫން ކަމަށް އޭނާ ގަބޫލެއް ނުކުރައްވަ އެވެ. ސަބަބަކަށް ވަނީ ތިލަފުށީގައި މިހާރު ހިއްކާފައިވާ ސަރަހައްދުގެ އިތުރަށް އަދިވެސް ނުހިއްކާ ބޮޑު ސަރަހައްދެއް އެ ރަށުގެ ފަޅުގައި އޮތުމެވެ.

"ރައީސް ޔާމީންގެ ސަރުކާރުން ތިލަފުށީގައި ޕޯޓް އަޅަން ނިންމި ސަރަހައްދާއި ކުނި އަންދާ ސަރަހައްދާ 3،369 މީޓަރުގެ ދުރުމިން ހުރޭ. ކުނި އަންދާ ސަރަހައްދާ ގުޅިފަޅާ ހުރި ދުރުމިނަކީ 365 މީޓަރު،" ސައީދު ވިދާޅުވި އެވެ. "އެހެން ވީމާ ތިލަފުށީގައި ކުނި އަންދާތީއެއް މި އުޅެނީ އެތާ ޕޯޓެއް ނުހެދިގެން،"

ގެއްލުން ބޮޑު، ކަންބޮޑުވުން އިންތިހާއަށް!

ގުޅިފަޅުގައި ބިން ހިއްކުމަށް އެވްރެޖްކޮށް އަށް މީޓަރަށް ފަސް އަޅަން ޖެހޭނެ އެވެ. އެތަނުގެ ފުންމިން ތިން މީޓަރާއި 12 މީޓަރާ ދޭތެރޭ ހުންނާނެ ކަމަށް ތަޖުރިބާކާރުން ބުނެ އެވެ. އެހާ ފުންތަނެއް މީގެ ކުރިން ރާއްޖޭގައި ހިއްކާފައެއް ވެސް ނެތެވެ. ރާއްޖޭއިން ބޭރުގައި ވެސް އެހާ ފުން ތަންތަން ހިއްކާފައި ހުރިލެއް މަދުކަމަށް ތަޖުރިބާކާރުން ބުނެ އެވެ.

ގުޅީފަޅު ހިއްކުމުގެ މަޝްރޫއަށް ފަޅު ތެރެއިން: އީޕީއޭއިން ބުނަނީ އަދި ހިއްކުމުގެ އަސަރު ވިލިމާލޭ ފަރަށް ނުކުރާ ކަމަށް -- ފޮޓޯ/ އީޕީއޭ

ގުޅިފަޅު ހިއްކުމުގެ ކަންބޮޑުވުން އެންމެ ބޮޑަށް ފާޅުކޮށްފައިވަނީ ތިމާވެށި ހިމާޔަތް ކުރުމަށް މަސައްކަތް ކުރާ ފަރާތްތަކާއި ޓުއަރިޒަމް ދާއިރާގައި ހަރަކާތްތެރިންނާއި ޑައިވަރުންނެވެ. އޭގެ އިތުރުން މަސްވެރިން ވެސް އެކަމުގެ ކަންބޮޑުވުން ފާޅުކޮށްފައިވެ އެވެ. އެއީ އެކަމުގެ ސަބަބުން އެންވެރިކަން ދަށްވާ ކަމަށް ބުނެ އެވެ.

ގުޅިފަޅުގެ ބޮޑު ބައެއް ހިއްކުމުގެ މަސައްކަތް ކުރަމުންދާއިރު އޭގެ ސަބަބުން ތިމާވެށްޓަށް ނުރައްކާތެރި އަސަރުތައް ކުރަމުންދާ ކަމަށް ބުނެ މަސައްކަތް ހުއްޓާލުމަށް ގޮވާލަމުން ދިޔަ ނަމަވެސް، މިހާތަނަށް ކޮށްފައިވާ ދިރާސާތަކަށް ބަލާނަމަ އެ މައްސަކަތް ހުއްޓާލަން ޖެހޭ ކަމަށް ގަބޫލު ނުކުރާ ކަމަށް އެންވަޔަރަންމެންޓް ޕްރޮޓެކްޝަން އޭޖެންސީ އީޕީއޭ އިން ވެސް ވަނީ ބުނެފަ އެވެ.

އެ މަޝްރޫއުގެ އެންވާރުމަންޓް އިމްޕެކްޓް އެސެސްމަންޓް ރިޕޯޓް (އީއައިއޭ)ގައި ބުނެފައިވާ ގޮތުގައި، މި މަޝްރޫއުގެ ސަބަބުން ކަނޑުގެ ވެއްޓަށް ނޭދެވޭ އަސަރު ކުރާނެ އެވެ. އެގޮތުން އޮތް އެންމެ ބޮޑު ނުރައްކަލަކީ ގުޅީފަޅާ ކައިރި ފަރުތަކަށް ވެލި އެޅުމުގެ ސަބަބުން ފަރުތަކާއި މުރަކަތައް މަރުވުމާއި، ވެލީގެ ސަބަބުން ފެން ކިލަނބުވުމެވެ.

އެގޮތުން އެކަމުގެ ނުރައްކާ 30 ހަކަށް ފަރަށް އެބަ އޮތް ކަމަށް ވެސް ވަނީ ލަފާކުރެވިފަ އެވެ. ނަމަވެސް އީޕީއޭއިން ބުނަނީ އެ މަޝްރޫއުގެ ކަންކަން ދުވަހުން ދުވަހަށް ބަލަމުން އަންނަ ކަމަށާއި ވިލިމާލެ ފަރަށް މާބޮޑު ގެއްލުމެއް ނުވާ ކަމަށެވެ.

އެގޮތުން ގެއްލުން ކުޑަކުރުމުގެ ގޮތުން ގުޅީފަޅުން ހިއްކާ ސަރަހްދުގައި ހުރި މުރަކަތައް މިހާރު ވަނީ އެހެން ތަނަކަށް ބަދަލުކުރަން ވެސް ފަށައިފަ އެވެ.

ކޮންމެ ބިން ހިއްކުމަކުން ގެއްލުންތަކެއް ތިމާވެއްޓަށް ވާނެ އެވެ. އެއީ ޔަގީންކަމެކެވެ. ތިލަފުށީގައި ޕޯޓް ހެދި ނަމަވެސް ގުޅީފަޅު ކޮންމެވެސް ދުވަހަކު ވެސް ހިއްކަން ވެސް ޖެހެ އެވެ. އަދި މީގެ ކުރިން ވެސް އޮތީ އެކަން ކޮށްފަ އެވެ. އަހަރުމެންގެ ކުރިމަތީގައި އޮތް މަގަކީ، ތިމާވެއްޓާއި ތަރައްގީ އެއް ހަމަވާނެ ގޮތަކަށް ކުރިއަށް ދިޔުމެވެ. ތަރައްގީގެ މަޝްރޫއުތަކުން ތިމާވެއްޓަށް ވަމުން އަންނަ ގެއްލުން ވީހާވެސް ކުޑަކޮށް ފަރުވާ ބަހައްޓައިގެން މަސައްކަތް ކުރިއަށް ގެންދިޔުމަކީ އޮތް ހައްލެވެ. އަދި އެއާ އެއްހަމަވާނެ ގޮތަށް، އަތޮޅުތަކުގެ ތަރައްގީވެސް ކުރިއަށް ގެންދިޔުމަކީ ވަށާޖެހޭނެ ތަރައްގީގެ ސިޔާސަތެވެ.

comment ކޮމެންޓް