ހެލްމެޓާއި ބައިސްކަލުން ނަގާ ޑިއުޓީ ކަނޑާލަން ހުށަހަޅައިފި

ބައިސްކަލާއި އޭގެ ބައިތަކާއި، އަދި ހެލްމެޓުން މިހާރު ނަގާ އިމްޕޯޓު ޑިއުޓީ ކަނޑާލަން، ދިވެހިރާއްޖޭގެ އެކްސްޕޯޓް އިމްޕޯޓްގެ ގާނޫނަށް އިސްލާހު ހުށަހަޅައިފި އެވެ.

އެކްސްޕޯޓް އިމްޕޯޓްގެ ގާނޫނަށް އިސްލާހު ހުށަހެޅުއްވީ ގަމު ދާއިރާގެ މެންބަރު މުހައްމަދު ވިސާމް އެވެ.

މިހާރު އަމަލުކުރަމުން އަންނަ އެކްސްޕޯޓް އިމްޕޯޓްގެ ގާނޫނުގެ ދަށުން، ތޮތްޕާއި، ތާކިހަލާއި ހެލްމެޓުގެ އިތުރުން ވެސް މިބާވަތުގެ ތަކެއްޗާއި ތަކެތީގެ ބައިިތަކުން 15 ޕަސެންޓުގެ ޑިއުޓީ އެއް އަންނަނީ ނަގަމުންނެވެ.

އެހެން ނަމަވެސް މެމްބަރު ވިސާމް ހުށަހެޅުއްވި ބިލުގައި، ހެލްމެޓުން ނަގާ ޑިއުޓީ ކަނޑާލަން ވަނީ ހިމަނައިިފައެވެ. ނަމަވެސް އެބާވަތުގެ އެހެން ތަކެތިން ނަގާ ޑިއުޓީއަށް ބަދަލެއް ގެންނަން ހުށަހަޅާފައެއް ނުވެއެވެ.

ހެލްމެޓުގެ ޑިއުޓީ ކަނޑާލަން މެމްބަރު ހުށަހެޅުއްވިއިރު، މާލެ އާއި ހުޅުމާލެ ގުޅުވައިދޭ ސިނަމާލެ ބްރިޖާއި، ބްރިޖާ ގުޅިފައިވާ ހުޅުމާލެ ހައިވޭއަށް ސައިކަލުގައި އަރާ އެންމެން ހެލްމެޓް އެޅުން ވަނީ މަޖުބޫރުކޮށްފަ އެވެ.

ހެލްމެޓުގެ އިތުރުން ބައިސްކަލާއި އޭގެ ބައިތަކުން ނަގާ 15 ޕަސެންޓު ޑިއުޓީ ވެސް ކަނޑާލަން ބިލުގައި ހިމަނާފައިވެ އެވެ.

ވީލްބަރޯ އާއި އޭގެ ބައިތަކުން މިހާރު ނަގަމުން އަންނަ 25 ޕަސެންޓު ޑިއުޓީ ވެސް ކަނޑާލަން ވަނީ ހުށަހަޅާފަ އެވެ.

މެމްބަރު ވިސާމް ހުށަހެޅުއްވި ބިލުގައި ގިނަ އަދަދެއްގެ ތަކެތިން ޑިއުޓީ ކަނޑާލަން ހުށަހަޅާފައިިވާއިރު، ބައެއް ތަކެތީގެ ޑިއުޓީ ކުޑަކުރުމަށާއި، ބޮޑު ކުރުމަށް ވެސް ހުށަހަޅާފައިވެ އެވެ. އެގޮތުން ސިނގިރޭޓަކުން މިހާރު ޑިއުޓީއަށް ނަގާ އަދަދު ބޮޑުކޮށް ތިން ރުފިޔާއަށް ހަމަޖެއްސުމަށް ވަނީ ހުށަހަޅައިފަ އެވެ.

comment ކޮމެންޓް