ބުރުންޑީގެ ރައީސް އަވަހާރަވެއްޖެ

ބުރުންޑީގެ ރައީސް ޕިއޭރު އެންކުރުންޒީޒާ ވަނީ ކުއްލި ގޮތަކަށް އަވަހާރަވެފަ -- ފޮޓޯ: ރޮއިޓާސް

ގިޓެގާ (ޖޫން 10): ބުރުންޑީގެ ރައީސް ޕިއޭރު އެންކުރުންޒީޒާ ކުއްލި ގޮތަކަށް އަވަހާރަވެއްޖެ ކަމަށް އެގައުމުގެ ސަރުކާރުން ބުނެފި އެވެ.

ބުރުންޑީގެ ސަރުކާރުން އިއްޔެ ނެރުނު ބަޔާނެއްގައިވާ ގޮތުން މިދިޔަ ހޮނިހިރު އެންކުރުންޒީޒާ ވޮލީބޯޅަ މެޗަކަށް ވަޑައިގެންނެވި ފަހުން އާލާސްކަންފުޅާ އުޅުއްވާތީ ހޮސްޕިޓަލަށް ގެންދިޔަ އެވެ. އަދި އާދިއްތަ ދުވަހު ހާލުކޮޅު ރަނގަޅުވި ނަަމަވެސް ހޯމަ ދުވަހު އަނެއްކާ ވެސް ހާލުކޮޅު ދެރަވި އެވެ. އަދި އޭގެ ފަހުން ހިތްޕުޅު ހުއްޓިގެން ރައީސް އަވަހާރަވީ އެވެ.

އުމުރުފުޅުން 55 އަހަރުގެ އެންކުރުންޒީޒާ އަވަހާރަވީ ބުރުންޑީގެ އިރުމަތީގައި އޮންނަ ކަރޫޒީގެ ހޮސްޕިޓަލެއްގައި ފަރުވާ ދެމުން ދަނިކޮށެވެ.

ބުރުންޑީގެ ސަރުކާރުން ވަނީ ރައީސް އަވަހާރަވުމާ ގުޅިގެން އިއްޔެއިން ފެށިގެން އެގައުމުގައި ހަތް ދުވަހަށް ހިތާމަ ފާޅު ކުރާނެ ކަމަށާއި ދިދަތައް ބައިދަނޑިއަށް ތިރި ކުރާނެ ކަން އިއުލާންކޮށްފަ އެވެ.

ބުރުންޑީގެ ބައެއް މީހުން ވަނީ އެންކުރުންޒީޒާ އަވަހާރަވީ ކޮވިޑް-19 ޖެހިގެން ކަމަށް ސޯޝަލް މީޑިއާގައި ތުހުމަތުކޮށްފަ އެވެ. މީގެ ކުރިން އެގައުމުގައި ވަނީ ރައީސްގެ އަނބިކަނބަލުން ކޮރޯނާވައިރަހަށް ޕޮޒިޓިވްވެފައިވާ ކަމަށް ހަބަރު ފެތުރިފަ އެވެ. އެކަމަނާ ގެންދަވަނީ މިދިޔަ ހަފްތާއިން ފެށިގެން ކެންޔާގެ ހޮސްޕިޓަލަކުން ފަރުވާ ހޯއްދަވަމުންނެވެ.

ބުރުންޑީގެ ސަރުކާރުން ކޮރޯނާވައިރަސް ބަލިމަޑުކަމާ ކުރިމަތިލި ގޮތަށް ވަނީ ފާޑު ކިޔުން އަމާޒުވެފަ އެވެ. އެގައުމުގައި ވައިރަހަށް ވަރަށް މަދު ބަޔަކު ޓެސްޓުކޮށްފައިވާ އިރު، މިދިޔަ މަހު އެގައުމުގެ ރައީސާއި ގާނޫނު ހަދާ މަޖިލީހުގެ މެމްބަަރުން ހޮވުމަށް ބޭއްވި އިންތިހާބާ ދިމާކޮށް ބޮޑެތި އެއްވުންތައް ބާއްވާފައިވެ އެވެ. އަދި މިދިޔަ މަހު އެގައުމުން ވަނީ ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާގެ މެމްބަރުން އެގައުމުން ބޭރުކޮށްފަ އެވެ.

އެ އިންތިހާބުގައި ރައީސް ކަމަށް ހޮވުނު އެވަރިސްޓް ޑައިޝިމިޔޭ އަންނަ އޮގަސްޓު މަހު ވެރިކަމާ ހަވާލުވެވަޑައިގަންނަވާނެ އެވެ. އަދި އެގައުމުގެ ގާނޫނު އަސާސީގައި އޮންނަ ގޮތުގެ މަތިން އެހާތަނަށް ރައީސްކަމުގެ ޒިންމާތަކާ ހަވާލުވެވައިގަންނަވާނީ މަޖިލީހުގެ ރައީސް އެވެ.

comment ކޮމެންޓް