ރާއްޖެއިން ބުުރުންޑީއާއެކު ސިޔާސީ ގުޅުން ގާއިމުކޮށްފި

ރާއްޖެއިން ބުރުންޑީއާއެކު ސިޔާސީ ގުޅުން ގާއިމުކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން --- ފޮޓޯ/ ފޮރިން މިނިސްޓްރީ

އެފްރިކާގެ ގައުމެއް ކަމުގައިވާ ބުރުންޑީއާއެކު ރާއްޖެއިން އިއްޔެ ސިޔާސީ ގުޅުން ގާއިމުކޮށްފިއެވެ.

ދެ ގައުމުގެ ދެމެދު ގުޅުން ގާއިމު ކުރުމުގެ އެއްބަސްވުމުގައި ރާއްޖޭގެ ފަރާތުން ސޮއިކުރެއްވީ ރާއްޖެއިން އދ.އަށް ކަނޑައަޅާފައި ހުންނަ ދާއިމީ މަންދޫބު ތިލްމީޒާ ހުސައިނެވެ. ބުރުންޑީގެ ފަރާތުން ސޮއިކުރެއްވީ އެގައުމުގެ ފަރާތުން އދ.އަށް ކަނޑައަޅާފައި ހުންނަ ދާއިމީ މަންދޫބު ޒޭފީރިން މަނިރަޓަންގާއެވެ.

މި އެއްބަސްވުމުގައި ސޮއިކުރުމުގެ ރަސްމިއްޔާތު އޮތީ ނިއުޔޯކުގައި ހުންނަ ރާއްޖޭގެ ދާއިމީ މިޝަންގައެވެ.

ފޮރިން މިނިސްޓްރީން ބުނީ ކުދި ގައުމުތަކުގެ ހައިސިއްޔަތުން ބައިނަލްއަގުވާމީ މައިދާނުގައި އެކުވެރިވުމަކީ މުހިއްމު ކަމެއް ކަމަށެވެ. އަދި މިއީ ދެ ގައުމުގެ މަސްލަހަތު އޮންނަ ކަންކަމުގައި އެކުގައި މަސައްކަތް ކުރުމަށް ފަހިވާ މަގެއް ކަމުގައި ވެސް އެ މިނިސްޓްރީން ބުންޏެވެ.

އެކުވެރި ގައުމުތަކާއެކު މާނަވީ ގުޅުމެއް ގާއިމުކުރުމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ހާރިޖީ ސިޔާސަތުގެ މުހިއްމު އަސާސެއް ކަމަށް ވެސް ފޮރިން މިނިސްޓްރީން ބުންޏެވެ.

މިއާއެކު ރާއްޖެއިން ސިޔާސީ ގުޅުން ގާއިމުކޮށްފައިވާ ގައުމުތަކުގެ އަދަދު 179އަކަށް މިވަނީ އަރާފައެވެ.

ވަށައިގެން ބިން އޮންނަ ބުރުންޑީ އަކީ އެފްރިކާގެ އެންމެ ކުދި ގައުމުތަކުގެ ތެރޭގައި ހިމެނޭ ގައުމެކެވެ. އެގައުމުގެ އިގްތިސޯދު އެންމެ ބޮޑަށް ބިނާވެފައިވަނީ ދަނޑުވެރިކަމުގެ މައްޗަށެވެ. ބުރުންޑީ މިނިވަންވެފައިވަނީ 1962ވަނަ އަހަރުއެވެ.

comment ކޮމެންޓް