މިވަގުތަކީ ރާއްޖޭގެ ޕޮލިސް ސާވިސް ރިފޯމް ކުރުމާއި ފުލުހުން ޖަވާބުދާރީކުރެވޭ ނިޒާމު އިސްލާހުކުރުމުގެ މައުޟޫއަށް ބަހުސް ކުރުމަށް އެންމެ އެކަށީގެންވާ ވަގުތު ކަމަށް ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު ވިދާޅުވެއްޖެ އެވެ.
އެމެރިކާގައި އަނިޔާވެރިގޮތަކަށް ފުލުހެއް، އެގައުމުގެ ކަޅު ނަސްލުގެ މީހެއް ކަމަށްވާ ޖޯޖް ފްލޮއިޑް މަރާލުމާ ގުޅިގެން މުޅި ދުނިޔޭގައި ފުލުހުންގެ ފަރާތުން ލިބޭ އަނިޔާތަކާ ދެކޮޅަށް އަޑު އުފުލަން ވަނީ ފަށާފައެވެ. އަދި ފުލުހުންގެ ޔުނީފޯމުގައި ތިބެ އިންސާނީ ހައްގުތަކަށް އަރައިގަންނަ ފަދަ އަމަލުތައް ފެންމަތިކުރުވަމުންދާތީ ފުލުހުން ޒިންމާދާރުކުރުވުމާ ގުޅޭގޮތުން ވަނީ ބޮޑެތި ސުވާލުތަކެއް މުޅި ދުނިޔޭގައިވެސް އުފެދިފައެވެ.
ދިވެހި ފުލުހުންގެ ހިދުމަތުގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް އަލުން ކަނޑައަޅައި، ފުލުހުން ޖަވާބުދާރީކުރެވޭ ނިޒާމު އިސްލާހުކުރުމަށްޓަކައި ފުލުހުންގެ ހިދުމަތުގެ ބިލެއް ވަނީ މަޖިލީހަށް ހުށަހަޅާފައެވެ.
މިރޭ ކުރެއްވި ޓްވީޓެއްގައި ހަމީދު ވިދާޅުވީ ޕޮލިސް ސާވިސް ބިލެއް ހެދުމުން ފެނިގެންދަނީ ރާއްޖޭގެ ޕޮލިސް ސާވިސް ޑިމޮކްރަޓައިޒްކޮށް ޒަމާނާ އެއްގޮތަށް ފެއްތުމަށް ބޮޑު އަހައްމިއްޔަތެއް ދޭކަން ކަމަށެވެ.
ފުލުހުންގެ ހިދުމަތުގެ ބިލެއް ސަރުކާރުން ހުށަހަޅަން ނިންމީ، ދިވެހި ފުލުހުންގެ ހިދުމަތުގެ އެންމެހައި ކަންކަމަކީ ގާނޫނު އަސާސީ އާއި ގާނޫނު އަސާސީގައި ބަޔާންކޮށްފައިވާ ދުސްތޫރީ ހަމަތަކާއި، އިންސާނީ ހައްގުތަކަށް އިހްތިރާމުކުރުމާއެކު ގާނޫނުގެ ހުކޫމަތުގެ ތެރެއިން ދެވޭ ހިދުމަތެއްކަން ކަށަވަރުކުރުމަށްޓަކައެވެ.
އަދި މިހާރު އަމަލުކުރަމުންދާ ފުލުހުންގެ ގާނޫނުގެ ބަދަލުގައި އާ ގާނޫނެއް ތައާރަފުކޮށް، ފުލުހުންގެ ހިދުމަތް ގާއިމުކުރެވިގެންވާ ގޮތާއި، ފުލުހުންގެ ހިދުމަތް ފޯރުކޮށްދިނުމުގެ މައިގަނޑު އަސާސްތަކާއި އުސޫލުތަކާއި، ފުލުހުންގެ ހިދުމަތުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި، ބާރުތަކާއި، އެ ހިދުމަތާގުޅޭ އެނޫންވެސް ކަންކަން އެ ގާނޫނު މެދުވެރިކޮށް އަލުން ކަނޑެޅުމަކީވެސް އެ ބިލު ހުށަހެޅުމުގެ ބޭނުމެވެ.