ބްރޯޑްކާސްޓަރުންނަށް އެހީވުމަށް ބްރޮޑްކޮމް އިން ސަރުކާރުގައި އެދެފި

ބްރޮޑްކޮމްގެ މެންބަރުން ---

ކޮވިޑް19ގެ ސަބަބުން ސްރޮޑްކާސްޓަރުންނަށް ދިމާވެދައިވާ މާލީ ދަތިތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ބްރޮޑްކާސްޓިން ކޮމިޝަން (ބްރޮޑްކޮމް) އިން ސަރުކާރުގައި އެދެފި އެވެ.

ބްރޮޑްކޮމް އިން ވަނީ ކޮވިޑުގެ ހާލަތާ ގުޅިގެން ބްރޮޑްކާސްޓަރުންނަށް ދިމާވާ ދަތިތައް ދެނެގަނެ އެކަމާ ބެހޭ ރިޕޯޓެއް އެކުލަވާލައިފަ އެވެ. މި ރިޕޯޓާއެކު އެ ކޮމިޝަނުން ވަނީ ރައީސުލްޖުމްހޫރިއްޔާ އަށް ސިޓީއެއް ފޮނުވައިފަ އެވެ.

އެ ސިޓީގައި ބަޔާންކޮށްފައިވާ މުހިއްމު ނުކުތާތަކުގެ މައްޗަށް ކޮމިޝަނުން ނެރުނު ނޫސްބަޔާނެއްގައި ބުނީ ބްރޯޑްކާސްޓިން ދާއިރާއަކީ ރައްޔިތުންނަށް ހަބަރާއި މައުލޫމާތު ފެތުރުމުގައި އެންމެ ފުޅާ ދާއިރާއެއްގައި ބޭނުންކުރެވޭ މީޑިއާގެ ވަސީލަތްކަމުން، ބްރޯޑްކާސްޓަރުންގެ ހިދުމަތްތައް މެދުނުކެނޑި ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށް ދެވޭނޭ މަގުފަހިކުރުމަކީ ރާއްޖޭގެ ޑިމޮކްރަސީ ހަރުދަނާކުރުމަށް ކުރެވޭނޭ މުހިއްމު ކަމެއްކަމަށް ކޮމިޝަނުން ދެކޭ ކަމަށާއި މިއީ ސަރުކާރަށާއި ރައްޔިތުންނަށް އޭގެ ސަބަބުން ގިނަގުނަ ފައިދާތަކެއް ކުރާނޭ ކަމެއްކަމަށް ވެސް ފެންނަ ކަމަށެވެ.

ކޮވިޑް-19 އާ ގުޅިގެން ރާއްޖޭގެ ބްރޯޑްކާސްޓިން ސިނާޢަތަށް ދިމާވި ގޮންޖެހުންތައް ދެނެގަތުމުގެ ގޮތުން ބްރޯޑްކާސްޓަރުންނާއެކު ކުރެވުނު މުޢާމަލާތްތަކުގައި އެ ފަރާތްތަކުގެ މާލީ ހާލަތު ވަޒަންކުރުމަށް ސާވޭއެއްގެ ހިންގި ކަމަށާއި ބައެއް ބްރޯޑްކާސްޓަރުންނާއެކު ބައްދަލުވުމެއް ވަނީ ބޭއްވުނު ކަމަސް ބަޔާނުގައި ބުންޏެވެ.

ކޮވިޑް-19ގެ ހާލަތާ ގުޅިގެން މާލީ ގޮތުން ކުރިމަތިވި ގޮންޖެހުންތަކުގެ ސަބަބުން ބައެއް ސްޓޭޝަންތަކުގެ ހިންގުމަށް ބުރޫއަރައި އަދި މުވައްޒަފުންގެ މުސާރަ ދިނުމުގައި އަދި ތަނުގެ ކުލި ދެއްކުމުގައި ބޮޑެތި ދަތިތަކެއް އެ ފަރާތްތަކުން ތަޙައްމަލުކުރަން ޖެހިފައިވާކަން ފާހަގަ ކުރެވިފައިވާ ކަމަށާއި މިހ ހާލަތުން އަރައިގަތުމަށް ބްރޯޑްކާސްޓަރުންނަށް ސަރުކާރުގެ ފަރާތުންނާއި އެކި އިދާރާތަކާއި ކުންފުނިތަކުން އެހީތެރިކަން ބޭނުންވާ ކަން ފާހަގަ ކުރެވިފައިވާ ކަމަށް ބުނެފައިވެއެވެ.

"ވީމާ، ބްރޯޑްކާސްޓަރުންނަށް ދިމާވެފައިވާ މާލީ ދަތިކަމުން އަރައިގަތުމަށް އެހީތެރިވުމުގެ ގޮތުން ރިލީފް ޕެކެޖެއް ނުވަތަ ލުއި ލޯނުގެ ޕެކެޖެއް އެ ފަރާތްތަކަށް ލިބޭނޭ ގޮތެއް ސަރުކާރުން ހަމަޖައްސަވައިދެއްވާތޯ އެދި ދެންނެވީމެވެ." ރައީސަށް ފޮނުވި ސިޓީގައި ބްރޮޑްކޮމް އިން ބުނެފައިވެއެވެ.

އެ ކޮމިޝަނުން ބުނީ ބްރޯޑްކާސްޓަރުންނަށް މި ދަތި ހާލަތުން އަރައިގަތުމަށް ރައްޔިތުންގެ މަޖިލީސް މެދުވެރިކޮށް ކޮށްދެއްވިދާނޭ މަސައްކަތްތައް ކޮށްދެއްވުމަށް އެދި މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދަށްވެސް ކޮމިޝަނުން މިއަދު ސިޓީ ފޮނުވާފައިވާނެ ކަމަށެވެ.

އަދި ކޮވިޑް-19 ގެ ސަބަބުން ބްރޯޑްކާސްޓަރުންނަށް ދިމާވެފައިވާ މާލީ ދަތިކަމުން އަރައިގަތުމަށް އެހީތެރިވުމުގެ ގޮތުން އިޝްތިހާރުތަކާއި ސްޕޮންސާޝިޕް މެދުނުކެނޑި ހަމަހަމަކަމާއެކު ހުރިހާ ބްރޯޑްކާސްޓަރުންނަށް ލިބޭނޭ ގޮތް ހަމަޖައްސަވައި ދެއްވުމަށް އެދި ސަރުކާރު ހިއްސާވާ ކުންފުނިތަކަށްވެސް ސިޓީ ފޮނުވާފައިވާ ކަމަށްވެސް ކޮމިޝަނުން ބުންޏެވެ.

ކޮމިޝަނުން ބުނީ ކޮވިޑާ ގުޅިގެން ބްރޮޑްކާސްޓަރުންނަށް ދިމާވެފައިވާ ދަތިތަކާ ގުޅޭ ގޮތުން ކޮމިޝަނުން އެކުލަވާލި ރިޕޯޓުވެސް އެ ފަރާތްތަކާ ހިއްސާ ކޮށްފައި ވާނެ ކަމަށެވެ.

މި ރިޕޯޓުގައި ފާހަގަ ކޮށްފައިވާގޮތުން ބްރޮޑްކާސްޓަރުންނަށް އާމްދަނީ ލިބޭ މައިގަނޑު އެއް ވަސީލަތަކީ ސްޕޮންސާޝިޕްސް އާއި ޑޮނޭޝަންސް އަދި އިޝްތިހާރު ކަމަށާއި ނަމަވެސް ކޮޮވިޑާ ގުޅިގެން އިޝްތިހާރުތައް މެދުކަނޑާލާފައިވާތީ އާމްދަނީ އަށް ބޮޑު އަސަރެއް ވަނީ ކޮށްފައެވެ.

އަދި މުވައްޒަފުންގެ މުސާރައާއި އޮފީސްކުލި މީޑިއާތަކުގެ ޑިރެކްޓަރުންނާއި މަސްއޫލުވެރިންގެ ޖީބުން ދައްކަން ޖެހިފައިވާކަން ފާހަގަކޮށްފައިވެ އެވެ. މުވައްޒަފުން ވަކިނުކޮޮށް މުސާރަ އާއި ކުލި ދައްކައިގެން ތަން ހިންގަން ޖެހުމުން ބޮޑެތި ގެއްލުންތައް ވަމުންދާ ކަމަށާއި ބައެއް ޗެނަލްތަކުން ދައްކަންޖެހޭ ރައިޑިން ފީވެސް ނުދެއްކި ވާކަން ރިޕޯޓުގައި ވަނީ ފާހަގަ ކޮށްފައެވެ.

ގެއްލުންތައް ފޫ ބެއްދުމަށް ހަ މަސްދުވަހުގެ މާލި އެހީ ބޭނުންވާކަން ބްރޮޑްކާސްޓަރުން ފާހަގަކޮށްފައިވާ ކަމަށް ރިޕޯޓުގައި ބުނެފައިވެއެވެ.

އަދި ކުޑަ އިންޓްރެސްޓަކާއެކު ރަނިން ކެޕިޓަލްގެ ގޮތުގައި ލޯނު ހަމަޖައްސައިދިނުމަށް ބްރޮޑްކާސްޓަރުން ބޭނުންވާ ކަމަށާއި ބްރޮޑްކާސްޓަރުންގެ އަސާސީ ހިދުމަތްތައް ދިނުމަށް މާލީ އެހީތެރިކަން ހަމަޖައްސައިދިނުމަށް އެ ފަރާތްތަކުން އެދިފައިވާ ކަމަށް ބުނެފައިވެއެވެ.

ބްރޮޑްކާސްޓު ކުރުމުގެ ލައިސަންސް ލިބިގެން 16 ޓީވީ ޗެނަލަކާއި ފަސް ރޭޑިއޯ ޗެނަލެއް ރާއްޖޭގައި ހިންގައެވެ.

comment ކޮމެންޓް