މައިނޯރިޓީގެ އަޑެއްނެތި މަޖިލީސް ހިންގަވަން އުޅުމަކީ ކަންބޮޑުވުމެއް: ނާޒިމް

ދަނގެތި ދާއިރާގެ މެންބަރު ކާނަލް ރިޓަޔާޑް މުހައްމަދު ނާޒިމް

ރައްޔިތުންގެ މަޖިލީހުގައި މައިނޯރިޓީގެ އަޑުނެތި މަޖިލިސް ހިންގަވަން، މަޖިލީހުގެ ރައީސް މަސައްކަތް ކުރައްވަން އުޅޭ ކަމަށް ވިދާޅުވެ އެކަމާމެދު މަޖިލީހުގެ ދަނގެތި ދާއިރާގެ މެންބަރު ކާނަލް ރިޓަޔާޑް މުހައްމަދު ނާޒިމް ކަންބޮޑުވުން ފާޅުކުރައްވައިފި އެވެ.

މެންބަރު ނާޒިމް މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ މައިނޯރިޓީގެ އަޑުނެތި ރައްޔިތުންގެ މަޖިލިސް ހިންގަވަން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އުޅުއްވުމަކީ ވަރަށްބޮޑު ކަންބޮޑުވުމެއް ކަމަށެވެ.

ނާޒިމް މިހެން ވިދާޅުވެ ޓުވީޓު ކުރެއްވި އިރު، މަޖިލީހުގެ މިއަދުގެ ޖަލްސާގައި މަޖިލިސް ރައީސް، ނަޝީދު ވިދާޅުވީ މަޖިލީހުގައި އިދިކޮޅު ޕީޕީއެމް،ޕީއެންސީ މެމްބަރުން ނެތްކަން ފާހަގަނުކުރެވޭ ކަމަށެވެ.

މީގެެ އިތުރުން ޖޭޕީ އިންވެސް މިއަދުގެ ޖަލްސާ ބޯއިކޮޓް ކޮށްފައިވާކަން ފާހަގަވާކަމަށް ރައީސް ނަޝީދު ވިދާޅުވި އެވެ.

ހެނދުނު ސައިގެ ވަގުތަށް ޖަލްސާ މެދު ކަނޑާލުމުގެ ކުރިން ރައީސް ނަޝީދު ވަނީ ޖޭޕީގެ އެއްވެސް މެންބަރަކު ޖަލްސާއަށް ހާޒިރުވެފައިނުވާ ފަދަ މޭރުމަކުން ވާހަކަ ދައްކަވާފަ އެވެ.

"އަޅުގަނޑު ތަޅުމަށް ބަލާލާ އިރު އަދި މިއަދުގެ ހާޒިރީއަށް ބަލާލާއިރުގައި ޖުމްހޫރީ ޕާޓީ ބޮއިކޮޓްގައި ތިބި ކަމަށް އެބަފާހަގަވޭ،" ރައީސް ނަޝީދު ވިދާޅުވި އެވެ.

ނަމަވެސް އެކަން ޖޭޕީން ވަނީ ދޮގުކޮށްފަ އެވެ. އެޕާޓީގެ ޗީފް ސްޕޯކްސް ޕާސަން އަލީ ސޯލިހް ވިދާޅުވީ، ޖޭޕީން މަޖިލީހުގެ ޖަލްސާ ބޮއިކޮޓް ކޮށްފައިވާ ކަމަށް ވިދާޅުވުމަކީ ކަނޑައެޅިގެން ދޮގެއް ކަމަށެވެ. އަދި އެކަން ޖޭޕީގެ ޕީޖީ ގްރޫޕް މެންބަރުން ދޮގު ކުރައްވާ ކަން ވެސް އަލީ ސޯލިހު ވިދާޅުވި އެވެ.

އެގޮތުން މަޖިލީހުގެ ވޯޓު ގަޑީގައި ޖޭޕީގެ ޕާލަމެންޓްރީ ގްރޫޕުގެ ޑެޕިޔުޓީ ލީޑަރު މުހައްމަދު ނާޒިމް މަޖިލީހުގެ ވޯޓު ގަޑީގައި ބައިވެރިވެ ވަޑައިގެންނެވިކަން އެޕާޓީ އިން ވަނީ ފާހަގަ ކޮށްފަ އެވެ.

މި މަހުގެ ފުރަތަމަ ދުވަހުގެ ރޭ ދަންވަރު ބޭއްވި ޖަލްސާގައި ނައިފަރު ދާއިރާގެ މެމްބަރު، އަހްމަދު ޝިޔާމު ތަޅުމުން ބޭރުކުރުމަށް އެމްޑީޕީގެ ބައެއް މެމްބަރުން އަމަލުކުރި ގޮތުން، މަޖިލީހުގައި އިދިކޮޅު މެމްބަރުންނަށް ސަލާމަތާއި ރައްކާތެރިކަމާއެކު، ގާނޫނީ ޒިންމާ އަދާކުރެވޭނެ މާހައުލެއް އޮތްކަމަށް ނުފެންނާތީ، އިއްޔެގެ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި، އިދިކޮޅު ޕީޕީއެމް/ޕީއެންސީ ކޯލިޝަންގެ މެމްބަރުން ބައިވެރި ނުވާނެކަން އެންގިއެވެ.

އަދި ކުރިއަށް އޮތް ތަނުގައި، ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތަކުގައި ބައިވެރިވުމާ ގުޅޭ ގޮތުން ޖޮއިންޓް ޕާޓީގެ ނިންމުން ވަރަށް އަވަހަށް އާންމު ކުރާނެ ކަމަށް ބުނެފައިވެ އެވެ.

comment ކޮމެންޓް