ބަންގްލަދޭޝްގެ އިތުރު 200 މީހުން ފޮނުވާލައިފި

ބަންގްލަދޭޝް މީހުން އަނބުރާ ގައުމަށް ފޮނުވާލުން -- ފޮޓޯ/ އިމިގްރޭޝަން

ކޮވިޑް19 އާ ގުޅިގެން ރާއްޖޭގައި އުޅޭ ބިދޭސިން އެނބުރި ގައުމަށް ފުރުވާލުމަށް ކުރިއަށް ގެންދާ ޕްރޮގްރާމުގެ ތެރެއިން މިއަދު ބަންގްލަދޭޝްގެ އިތުރު 200 މީހަކު ގައުމަށް އަނބުރާ ފޮނުވާލައިފި އެވެ.

މިއަދު ފުރުވާލި މީހުންނާއެކު މިހާތަނަށް ރާއްޖޭގައި އުޅޭ ބަންގްލަދޭޝްގެ 1800 އަށް ވުރެ ގިނަ މީހުން ވަނީ ގައުމަށް ފުރުވާލައިފަ އެވެ.

ކޮވިޑް19 ގެ ހާލަތާ ގުޅިގެން ރާއްޖޭގައި ސައްހަ ލިޔެކިޔުން ނެތި އުޅޭ ބަންގްލަދޭޝްގެ ރައްޔިތުންނާއި އެނބުރި ގައުމަށް ދާން ބޭނުން އެ ގައުމުގެ ރައްޔިތުން ފޮނުވާލުމަށް ސަރުކާރުން ދަނީ ފްލައިޓުތައް ބާއްވަމުންނެވެ.

މީގެ ކުރިންވެސް އެކި ފަހަރު މަތިން ބަންގްލަދޭޝްގެ ރައްޔިތުން ގައުމަށް ގެންދިޔުމަށް މޯލްޑިވިއަން އިން ވަނީ އެގައުމަށް ޗާޓަރު ދަތުރުތައް ބާއްވައިފަ އެވެ.

މީގެ އިތުރުން ދިވެހި ސަރުކާރުން ޗާޓަރު ކުރި ބަންގްލަދޭޝްގެ އެއާލައިނެއްގެ ފްލައިޓެއްގައާއި އެގައުމުގެ އަސްކަރީ މަތިންދާބޯޓެއްގައި ދެ ފަހަރެއްގެ މަތިން މީހުން ގެންގޮސްފައިވެ އެވެ.

މީގެ ކުރިން ކަމާބެހޭ ފަރާތްތަކުން ހާމަކޮށްފައިވާ ގޮތުގައި ސައްހަ ލިޔެކިޔުންތެތި 63،000 އެއްހައި ބަންގްލަދޭޝް މީހުން ރާއްޖޭގައި އުޅޭނެ އެވެ.

ސަރުކާރުން ހާމަކޮށްފައިވާގޮތުން ކުރިއަށް އޮތް ތިން މަސްތެރޭ، ރާއްޖޭގައި ގަވައިދާ ހިލާފަށް އުޅޭ 5،000 ބިދޭސިން އަނބުރާ ގައުމަށް ފޮނުވާލެވޭނެ އެވެ.

ރާއްޖެއިން މިހާތަނަށް 1872 މީހުން ކޮވިޑަށް ޕޮޒިޓިވް ވެފައިވާއިރު އޭގެ ތެރޭގައި އެންމެ ގިނައީ ބަންގްލަދޭޝް މީހުންނެވެ. އެގައުމުގެ 1027 މީހަކު ބައްޔަށް ޕޮޒިޓިވް ވެފައިވާއިރު ރާއްޖެއިން ބަލީގައި މަރުވި އަށް މީހުންގެ ތެރޭގައި އެ ގައުމުގެ ހަތަރު މީހުން ހިމެނެ އެވެ.

comment ކޮމެންޓް