މިއީ އެންމެ އަގުހެޔޮކޮށް ޕެރިޝެބްލްސް ވިއްކި އަހަރު: އެސްޓީއޯ

އެސްޓީއޯ އިން އެތެރެކުރި ފިޔާ ބިސް އަދި އަލުވި އަތޮޅުތެރެއަށް ފޮނުވުމުގެ މަސައްކަތް ކުރަނީ -- ފޮޓޯ: އެސްޓީއޯ

ކޮންމެ އަހަރެއްގެ ވެސް ރޯދަ މަހާ ދިމާކޮށް އެސްޓީއޯ އިން ފިޔާ، ބިސް އަދި އަލުވި ރާއްޖެ ގެނެސް އަގުހެޔޮކޮށް ރައްޔިތުންނަށް އެ ތަކެތި ލިބޭނެ މަގު ފަހިކޮށްދެއެވެ. އެހެން އަހަރުތަކެކޭ ވެސް އެއްފަދައިން މިއަހަރު ވެސް އެސްޓީއޯ އިން ވަނީ ރަމަޟާން މަހާ ދިމާކޮށް މި ތަކެތި ރާއްޖެ އެތެރެކޮށް ވިއްކައިފަ އެވެ.

އެހެން އަހަރުތަކާ ހިލާފަށް މިއަހަރުގެ ރޯދަ މަސް ދިމާވީ ބަލިމަޑުކަމެއްގެ ތެރޭގައި އުޅެންޖެހުނު އަހަރަކަށެވެ. ނަމަވެސް ރައްޔިތުންނަށް ބޭނުންވާ މި ޒަރޫރީ ތަކެތި ފޯރުކޮށްދިނުމަށް އެސްޓީއޯ އިން ވަނީ ރާއްޖެ އަށް މިތަކެތި އެތެރެކޮށް ހެޔޮ އަގުގައި ވިއްކައިފަ އެވެ.

އެގޮތުން އެސްޓީއޯ އިން ރޯދަ މަހުގެ މެދު ތެރޭ ބިސް ވިއްކާފައި ވަނީ ކޭހެއް 240 ރުފިޔާ އަށް އަދި ފިޔާ ބަސްތާއެއް 175 ރުފިޔާ އަށެވެ.

ރޯދަ މަސް ފެށުނު އިރު ވެސް އެސްޓީއޯ އިން ފިޔާ ކިލޯއެއް ވިއްކާފައި ވަނީ 11 ރުފިޔާ އަށެވެ. ބިހެއް ދޮޅު ރުފިޔާ އަށް ވިއްކި އިރު އަލުވި ކިލޯ އެއް 12 ރުފިޔާ އަށް ވިއްކިއެވެ. އަލުވި ބަސްތާއެއް ވިއްކީ 250 ރުފިޔާ އަށެވެ.

އެސްޓީއޯ އިން އެތެރެކުރި ފިޔާ ބިސް އަދި އަލުވި އަތޮޅުތެރެއަށް ފޮނުވުމުގެ މަސައްކަތް ކުރަނީ -- ފޮޓޯ: އެސްޓީއޯ

އެސްޓީއޯ އިން ވަނީ ބަލިމަޑުކަމުގެ ތެރޭގައި ވެސް ރައްޔިތުންނަށް ދަތި ނުވެ ލިބޭނެ މިންވަރަކަށް ފިޔާ، ބިސް އަދި އަލުވި ރާއްޖެ އެތެރެކޮށްފަ އެވެ.

މިއީ ފަސޭހައިން ނުވަތަ އަވަހަށް ހަލާކުވާ ބާވަތްތައް ކަމުން، އަބަދުވެސް ކުނިވާ ތަކެތި އުކާލާ، ފިޔާ، އަލުވި ސާފުކުރާ ކަމަށް އެސްޓީއޯ އިން ބުންޏެވެ.

އެސްޓީއޯ އިން ރޯދަ އަށް ގެނައި ގިނަ އަދަދެއްގެ ފިޔާ، ބިސް އަދި އަލުވި ކުނިވެގެން އުކާލަމުންދާ ކަމަށް ބައެއް މީޑިއާތަކުގައި ރިޕޯޓުކޮށްފައިވާތީ، އެކަމާ ގުޅިގެން "ސަން" އާ ވާހަކަ ދައްކަމުން އެސްޓީއޯގެ މީޑިއާ އޮފިސަރު އަބްދުﷲ މުހައްމަދު (އަބޯ) ވިދާޅުވީ ފިޔާ، ބިސް އަލުވީގެ ސްޓޮކްގައި ހަލާކުވެފައި ހުންނަ ނުވަތަ ކުނިވެފައި ހުންނަ އެއްޗެހި ހުރޭތޯ އަބަދުވެސް ބަލާ ކަމަށެވެ.

"މިއި ޕެރިޝެބްލްސް ދެއްތޯ. އަވަހަށް ހަލާކުވާ ޒާތުގެ އެއްޗެހި. އެސްޓީއޯގެ ގުދަންތަކުގައި ހުންނަ ސްޓޮކު އަބަދުވެސް ސާފުކޮށް ބަލަހައްޓާ. ފިޔާ އެއްޗެހިވެސް އެކަތި ކުނި ވެފަ އިނދެއްޖެއްޔާ، ދެންހުރި އެއްޗެއްސަށްވެސް އޭގެ އަސަރު ކުރާނެ. އެހެންވީމާ އަބަދުވެސް ގުދަންތަކުގައި ހުންނަ އެއްޗެހި ސާފު ކުރަން،" އޭނާ ވިދާޅުވިއެވެ.

އަބޯ ވިދާޅުވީ ކޮވިޑް19 އާއި ގުޅިގެން އެސްޓީއޯގެ ގިނަ އަދަދެއްގެ މުވައްޒަފުން ކަރަންޓީނު ކުރުމުން ކުރިން ކުރިގޮތަށް ސާފުކުުރުމުގެ މަސައްކަތް ކުރިއަށް ނުގެންދެވުނު ކަމަށެވެ. ނަމަވެސް އަލުން މަސައްކަތް ފަށައިގަނެ، ގުދަންތަކުގައި ހުރި ޕެރިޝެބްލްސްގެ ތެރެއިން ހަލާކުވާ ތަކެތި އުކާލާ ކަމަށް އޭނާ ވިދާޅުވި އެވެ.

މިތަކެތި އަގުބޮޑުކޮށް ނުވިއްކާ ކަމަށާއި އެތަކެތި ވިއްކާ އަގު އާންމުކޮށްފައިވާނެ ކަމަށް އަބޯ ވިދާޅުވި އެވެ.

"ދެން ހަލާކުވާ އެއްޗެހި އެެއް ކޮށްފައި ބަސްތާ އަށް އަޅާފައި މި އުކާލަނީ. ބޮޑު ސްޓޮކެއް އެއްކޮށް އުކާލަނީ އެއް ނޫން. ޕެރިޝެބްލްސް ވީމާ ހަލާކުވާ އެއްޗެހި ހުންނާނެ. އެތަކެތި މި އުކާލަނީ،" އެސްޓީއޯ އިން ބުންޏެވެ.

އެސްޓީއޯ އިން މިހާރު ވެސް މާލެ ތެރެއަށާއި ރަށްރަށުގެ ދޯނިތަކަށް ކާޑުގެ އިތުރުން ފިޔާ ބިސް އަދި އަލުވި ސަޕްލައި ކޮށްދެމުންނެވެ.

comment ކޮމެންޓް