ނޭވާލާ ނިޒާމުގެ ބަލިތަކަށް ފަރުވާ ހޯދާ ވަރު ވަަރަށް ބޮޑަށް ދަށްވެއްޖެ: އޭޑީކޭ

މެއި 14، 2020: އޭޑީކޭ ހޮސްޕީޓަލް -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ނޭވާލާ ނިޒާމުގެ ބަލިތަކަށް ފަރުވާ ހޯދާ ވަރު ވަަރަށް ބޮޑަށް ދަށްވެއްޖެކަމަށް އޭޑިކޭ ހޮސްޕިޓަލުން ބުނެފިއެވެ.

އޭޑީކޭ ހޮސްޕިޓަލުން މިރޭ އާންމުކުރި ތަފާސް ހިސާބުތަކުގައި ވާގޮތުން މި އަހަރު ފެށުނު ފަހުން ނޭވާލާ ނިޒާމުގެ ބަލިތަކަށް ފަރުވާ އެންމެ މަދުން ހޯދައިފައިވަނީ މިމަހު އެކަންޏެވެ.

މިދިޔަ ފެބްރުއަރީ މަހުން ފެށިގެން މާޗް މަހުގެ ނިޔަލަށް ނޭވާލާ ނިޒާމުގެ ބަލިތަކަށް ފަރުވާ ދޭ މީހުންގެ އަދަދު ވަރަށް ބޮޑަށް އިތުރުވިއެެވެ. އަދި އޭޕްރީލް މަހު ކުރީކޮޅު އެ އަދަދު ދަށަށް ދިޔަ ނަމަވެސް މާލެ ފުރަބަންދުކުރިތަނާހެން ނޭވާލާ ނިޒާމުގެ ބަލިތަކަށް ފަރުވާ ހޯދާ މީހުންގެ އަދަދު އިތުރުވިއެެވެ.

ނަމަވެސް މިދިޔަ މަހު ނޭވާލާ ނިޒާމުގެ ބަލިތަކަށް ފަރުވާ ހޯދާ މީހުންގެ އަދަދު ދަށްވެފައިވާއިރު މި މަސް ފެށުނު ފަހުން ވަނީ އެ އަދަދު އަދި އިތުރަށް ވެއްޓިފައެވެ. މިމަހުގެ މިހާތަނަށް ނޭވާލާ ނިޒާމުގެ ބަލިތަަކަށް އޭޑީކޭއިން ފަރުވާ ހޯދައިފައިވަނީ 49 މީހުންނެވެ.

ކޮވިޑާ ގުޅިގެން އޭޑީކޭ ހޮސްޕިޓަލުން މިިދޔަ މާޗްމަހުން ފެށިގެން ދަނީ އޮންލައިން ފްލޫ ކްލިނިކެއްވެސް ހިންގަމުންނެވެ. އެ ކްލިނިކަށް މިހާތަނަށް 1404 މީހަކު ވަނީ ދައްކައިފައެެވެ. މާޗްމަހު 15 ގެ ފަހުން ފްލޫ ކްލިނިކަށް ދައްކާ މީހުން އިތުރުވި ނަމަވެސް އެ އަދަދު ދިޔައީ ދަށްވަމުންނެވެެ. ނަމަވެސް މިދިޔަ އޭޕްރީލް މަހުގެ 15 ވަނަ ދުވަހު ކޮވިޑް ޖެހިފައިވާ މީހަކު ފެނުމާއެކު އަނެއްކާވެސް ފްލޫ ކްލިނިކަށް ވަރަށް ބޮޑަށް ބާރުބޮޑުވިއެވެ.

މިދިޔަ ބުރާސްފަތި ދުވަހުން ފެށިގެން ފްލޫ ކްލިނިކަށް ކޮންމެ ދުވަހަކުވެސް ދައްކާފައިވަނީ އެންމެ މީހެކެވެ.

comment ކޮމެންޓް