އައްޑޫ މަގެއް މަތިން ހޮވި އެއްލައްކަ ރުފިޔާ ފުލުހާ ހަވާލުކުރީ ބިދޭސީއެއް

ބިދޭސީ މީހާއަށް ފައިސާ ފެނުމުން އެ ފައިސާ ވަނީ ފުލުހަށް ހަވާލުކޮށްފައި --- ފޮޓޯ : ޕޮލިސް މީޑިއާ

އައްޑޫ ސިޓީ ހިތަދޫގެ މަގެއް މަތީން، ބިދޭސީއަކަށް ފެނުނު އެއް ލައްކަ ރުފިޔާ، އޭނާ ފުލުހާ ހަވާލުކޮށްފި އެވެ.

ފުލުހުން ބުނީ މިދިޔަ ހުކުރު ދުވަހުގެ ހެނދުނުގެ ވަގުތެއްގައި ހިތަދޫ މަގެއްގެ މަތިން ބަންގްލަދޭޝަން މީހަކަށް، 100،000 ރުފިޔާ ފެނިގެން އެ ފައިސާ ވަނީ ފުލުހަށް ހަވާލުކޮށްފައި ކަމަށެވެ.

އަދި އެއާއެކު އެ ފައިސާގެ ވެރިޔަކު ހޯދަން މަސައްކަތް ކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ. އެގޮތުން، ހޮނިހިރު ދުވަހުގެ މެންދުރު 1:35 ހާއިރު އެ ފައިސާ، އޭގެ ވެރި ފަރާތާ ހަވާލުކޮށްފައިވާ ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.

އެ ފައިސާ ފެނުނީ ހިތަދޫ ކިހާ ހިސާބަކުން ކަމެއް ފުލުހުން ހާމަކޮށްފައެއް ނުވެ އެވެ.

ފުލުހުން ބުނެފައިވަނީ އެ ފައިސާ ފެނިގެން ހިތަދޫ ފުލުހަށް އެ ފައިސާ ހަވާލުކޮށްފައިވާ ބިދޭސީ މީހާއަށް ވަރަށް ބޮޑަށް ޝުކުރު އަދާކުރާ ކަމަށެވެ.

comment ކޮމެންޓް