މޭ މަހުގެ އެލަވަންސަށް އެދުމުގެ މުއްދަތު އިތުރުކޮށްފި

އިކޮނޮމިކް މިނިސްޓަރު ފައްޔާޒު --- ފޮޓޯ: އެންއީއޯސީ

ކޮވިޑް19ގެ ސަބަބުން ދިމާވެފައިވާ އިގްތިސޯދީ ގެއްލުމުގެ ސަބަބުން ވަޒީފާ އަށް އަސަރުކޮށްފައިވާ ފަރާތްތަކުގެ ތެރެއިން ހުސްވި މޭ މަހުގެ އިންކަމް ސަޕޯޓް އެލަވަންސަށް އެދި ހުށަހެޅުމުގެ މުއްދަތު އިތުރުކޮށްދީފިއެވެ.

އިންކަމް ސަޕޯޓް އެލަވެންސް އަކީ ރާއްޖޭގައި މަސައްކަތްކުރާ ފަރާތްތަކުގެ އާމްދަނީ އަށް ކޮވިޑް19 ގެ ސަބަބުން އައިސްފައިވާ ނުރަނގަޅު އަސަރުގެ ސަބަބުން އެ ފަރާތްތަކުގެ ޒަރޫރީ ބޭނުންތައް ފުއްދުމަށް ސަރުކާރުން ދޭ އެލަވެންސެކެވެ.

މި އެލަވަންސް ދޭނީ މާޗް 1، 2020 ގެ ފަހުން، ކޮވިޑް19 ސަބަބުން ވަޒީފާއިން ވަކިކޮށްފައިވާ ނުވަތަ ވަޒީފާ އިން ސަސްޕެންޑްކޮށްފައިވާ ފަރާތްތަކަށާއި މުސާރަ ނުލިބޭގޮތަށް ނޯޕޭ ލީވް އަށް ފޮނުވާލާފައިވާ ފަރާތްތަކަށް އަދި މުސާރައިގެ ގޮތުގައި ލިބޭ އެއްޗަކުން ބަޔެއް އުނިކޮށްފައިވާ ފަރާތްތަކަށެވެ.

މި އުސޫލުގެ ދަށުން އެލަވެންސް ދިނުމަށް ހަމަޖެހިފައި ވަނީ މި އަހަރުގެ އޭޕްރީލް މަހާއި، މޭ މަހާއި އަދި ޖޫން މަހަށެވެ.

މިދިޔަ މަހުގެ 18 ވަނަ ދުވަހު އިކޮނޮމިކް މިނިސްޓްރީން ވަނީ އިންކަމް ސަޕޯޓު އެލަވަންސަށް އެދި ފޯމު ހުށަހެޅުމަށް ސުންގަޑިތަކެއް ކަނޑައަޅައި އާންމުކޮށްފައެވެ.

އެގޮތުން މެއި 1 ން 30 މެއިގެ ނިޔަލަށް އާމްދަނީއަށް ނުރަނގަޅު އަސަރުކޮށްފައިވާ ފަރާތްތަކުން ފޯމު ހުށަހެޅުމުގެ ސުންގަޑި އަކީ އިއްޔެއެވެ.

އެހެން ނަމަވެސް އިކޮނޮމިކް މިނިސްޓްރީން އިއްޔެ ކުރި އިއުލާނެއްގައި ބުނީ، އެ ސުންގަޑި އިތުރުކޮށްދޭން ނިންމާފައިވާ ކަަމަށެވެ.

ފޯމު ހުށަހަޅަން އިތުރު ވަގުތު ދޭން ނިންމީ ވީހާވެސް ގިނަ ބަޔަކަށް ފުރުސަތު ދިނުމަށް ކަމަށާއި އެހެންކަމުން މޭ މަހުގެ އެލަވަންސަށް އެދިފައި ނުވާ ފަރާތްތަކުން ފޯމު ފުރިހަމަ ކުރުމަށްފަހު ހުށަހެޅުމަށް ވަނީ އަންގައިފައެވެ.

އިންކަމް ސަޕޯޓު އެލަވަންސަށް ހުށަހެޅުމަށް ހަމަޖެހިފައިވަނީ ޖޮބް ސެންޓަރު ޕޯޓަލް މެދުވެރިކޮށް އޮންލައިންކޮށެވެ. ނަމަވެސް އޮންލައިންކޮށް ފޯމު ހުށަހެޅުމަށް އުޒުރުވެރިވާ ފަރާތްތަކަށް، އެޕްލިކޭޝަން ފޯމް ފުރުމަށްފަހު، އީމެއިލްގެ ޒަރިއްޔާއިން ފޮނުވޭނެ އިންތިޒާމްވެސް ވަނީ ހަމަޖައްސާފައެވެ.

އިންކަމް ސަޕޯޓު އެލަވަންސްގެ ގޮތުގައި މީހަކަށް ދިނުމަށް ނިންމާފައި ވަނީ މަހެއްގެ މައްޗަށް 5000 ރުފިޔާއެވެ. މި މަހުގެ ތިން ވަނަ ދުވަހު ފިނޭންސް މިނިސްޓްރީ އިން ބުނެފައި ވަނީ މިހާތަނަށް 255 މީހުންނަށް އެލަވެންސް ދީފައިިވާ ކަމަށެވެ.

comment ކޮމެންޓް