ސާމްޕަލް ނަގާވަރު މަދެއް ނުކުރަން: އެންއީއޯސީ

ޖޫން 6، 2020: މާލޭގައި މީހުންގެ ރެންޑަމް ސާމްޕަލް ނެގުމުގައި އާރް އާރް ޓީމް ހަރަކާތްތެރިވަނީ -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ކޮވިޑް19 އަށް ޓެސްޓު ކުރުމަށް ސާމްޕަލް ނަގާ މިންވަރު މަދު ނުކުރާކަމަށް ނެޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރުން ބުނެފިއެވެ.

އެންއީއޯސީ އިން މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވަހަކަ ދައްކަވަމުން އެ ސެންޓަރުގެ ތަރުޖަމާނު މުހައްމަދު މަބްރޫކު އަޒީޒު ވިދާޅުވީ ރާއްޖެއިން ޕޮސިޓިވްވާ މީހުންގެ އަދަދު މަދުކަމަށް ދެއްކުމަށް ސާމްޕަލް ނަގާ މިންވަރު މަދުކޮށްފައިވާ ކަމަށް ބުނާ ވަހަކައަކީ ހަގީގަތެއް ނޫން ކަމަށެވެ.

މަބްރޫކު ވިދާޅުވީ ލޮކްޑައުން އަށް ދިން ލުޔާއެކު ގިނަ ބަޔަކު ޕޮޒިޓިވްވާކަން ނުވަތަ ނޫންކަން އެނގޭނީ ދުވަސްކޮޅެއް ފަހުން ކަމަށެވެ.

މިދިޔަ މަހުގެ 31 އިން މިރޭ އިރުއޮއްސި 18:00 އަށް ޖުމްލަ 5734 ސާމްޕަލް ނަގާފައިވާ ކަމަށާއި އޭގެ ތެރެިން ޕޮޒިޓިވް ވެފައިވަނީ 260 މީހުން ކަމަށް މަބްރޫކު ވިދާޅުވިއެވެ.

މާލޭގެ މަގުމަތީގައި ރެންޑަމް ސާމްޕަލް ނެގުމަށް އާރްއާރްޓީ އިން ހަރަކާތްތެރިވެއެވެ.

ކޮވިޑަށް ޓެސްޓު ކުރުމަށް އައިޖީއެމްއެޗުގައި ގެންގުޅޭ ދެ އެކްސްޓްރެކްޝަން މެޝިނުގެ ތެރެއިން އެއް މެޝިން ހަލާކުވެފައިވާ ކަމަށް މަބްރޫކު މިރޭ ވިދާޅުވިއެވެ. މީގެެ ސަބަބުން މީގެ ކުރިން އެ ހޮސްޕިޓަލުން ދުވާލެއްގެ މައްޗަށް 700 ޓެސްޓު ހެދުނު ނަމަވެސް، މިއަދަދު 500 އާއި 450 އާއި ދެމެދުގެ އަދަދަކަށް މަދުވެފައިވާ ކަމަށް މަބްރޫކު ވިދާޅުވިއެވެ.

"މެޝިން މަރާމާތު ކުރުމަށް ބޭނުންވާ ތަކެތި ގެނައުމުގެ މަސައްކަތް އައިޖީއެމްއެޗުން ކުރަމުންދަނީ،" އެންއީއޯސީގެެ ތަރުޖަމާނު ވިދާޅުވިއެވެ.

ރާއްޖެއިން ކޮވިޑަށް ޕޮޒިޓިވް ވީ މީހުންގެ ޖުމްލަ ވަނީ 1901 އަށް އަރައިފައެވެ.

މީގެ ތެރޭގައި ހިމެނެނީ ބަންގްލަދޭޝްގެ 1021 މީހުންނާއި 636 ދިވެހިންނެވެ. މީގެ އިތުރުން 190 އިންޑިއާ މީހުންނާއި 24 ނޭޕާލް މީހުން، އިޓަލީގެ 11 މީހުން، ލަންކާގެ 10 މީހުން ޕާކިސްތާނުގެ ތިންމީހުން އަދި އެހެން ގައުމުތަކުގެ ހަތަރު މީހުން ހިމެނެ އެވެ.

ރާއްޖެއިން މިހާތަނަށް އަށް މީހަކު ބަލީގައި މަރުވެފައިވާއިރު އޭގެ ތެރޭ ހިމެނެނީ ހަތަރު ދިވެހިންނާއި ބަންގްލަދޭޝްގެ ހަތަރު މީހުންނެވެ.

މިހާތަނަށް ރާއްޖެއިން ބަލިން ރަނގަޅުވި މީހުންގެ ޖުމްލަ ވަނީ 763 އަށް އަރައިފައެވެ.

comment ކޮމެންޓް