ރ. އަތޮޅުގައި އެއާޕޯޓެއް އެޅުމަށް ޕްލޭން ކުރެވިފައެއް ނެތް: ޓްރާންސްޕޯޓް މިނިސްޓްރީ

މީގެ ކުރިން އެއާޕޯޓް އަޅަން ނިންމި ރ. ފައިނު -- ފޮޓޯ/ އަހުމަދު ނައުޝާދު

ރ. އަތޮޅުގައި އެއާޕޯޓެއް އެޅުމަށް ޕްލޭން ކުރެވިގައި ނެތް ކަމަށް ޓްރާންސްޕޯޓް މިނިސްޓްރީން ބުނެފިއެވެ.

ޓްރާންސްޕޯޓް މިނިސްޓްރީގެ ފަރާތުން މިހެން ބުނެފައިވަނީ މިރޭ ރައްޔިތުންގެ މަޖިލީހުގެ ސަރުކާރު މަސްއޫލިއްޔަތު އަދާކުރާ މިންވަރުބަލާ ކޮމިޓީން ބޭއްވި ބައްދަލުވުމުގައި މަޑުއްވަރީ ދާއިރާ މެމްބަރު އާދަމް ޝަރީފު ކުރެއްވި ސުވާލަށް ޖަވާބުދެއްވައެވެ.

ކޮމިޓީގައި އާދަމް ޝަރީފު ވިދާޅުވީ، މިދިޔަ އަހަރުގެ މަޖިލިސް އިންތިހާބުގެ ކެމްޕެއިންގައި ރައީސް އިބްރާޙިމް މުހައްމަދު ސޯލިހް ރ. އަތޮޅުގެ ދެކުނުގައި އެއާޕޯޓެއް އާޅާނެ ކަމަށް ވައުދުވެވަޑައިގެންފައިވާ ކަމަށެވެ. އަދި އެއާޕޯޓު އެޅުއްވަން ނިންމެވީ ކޮން ރަށެއްގައިތޯއާއި ޕްލޭން ކުރުމުގެ މަސައްކަތް ކިހާ ހިސާބަކަށް ގޮސްފައިވޭތޯ އޭނާ ސުވާލު ކުރެއްވިއެވެ.

އެ ސުވާލަކަށް ޖަވާބު ދެއްވައި، ޓްރާންސްޕޯޓް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަހްމަދު ޒުހައިރު ވިދާޅުވީ، ސަރުކާރުން އެކުލަވާލައިވާ ނޭޝަނަލް އެއާކަނެކްޓިވިޓީ ޕްލޭންގައި އެއާޕޯޓު އަޅާނެ ސަރަހައްދުތައް ކަނޑައަޅާފައިވާ ކަމަށާއި އެ ޕްލޭންގައި ރ. އަތޮޅުގައި އެއާޕޯޓެއް އެޅުމަށް ހިމަނާފައި ނުވާ ކަމަށެވެ.

"އޭގައި [އެ ޕްލޭންގައި[ ރ. އަތޮޅުގައި އެއާޕޯޓެއް އިންތަނެއް އަޅުގަނޑަކަށް ނުފެނޭ. އަޅުގަނޑަށް ހީވަނީ ރ. އަތޮޅަކީ ފުދޭވަރަކަށް ބޮޑަށް ސީޕްލޭން އިން ކަވާ ކޮށްފައި ހުރި ސަރަހައްދެއްހެން އެހާ ގިނަ ރިސޯޓު ހުރުމުން. [ރ. އަތޮޅުގައި]،" އާދަމް ޝަރީފުގެ ސުވާލަށް ޖަވާބު ދެއްވަމުން ސްޓޭޓް މިނިސްޓަރު ޒުހައި ވިދާޅުވިއެވެ.

އެ ސަރަހައްދުގައި އަޅާ އެއާޕޯޓު ހިންގާނީ ކޮންބައެއްތޯ އާދަމް ޝަރީފު ކުރި ސުވާލަށް ޖަވާބު ދެއްމުން ޒުހައިރު ވިދާޅުވީ، ސަރުކާރުން އެ ސަރަހައްދުގައި އެއާޕޯޓެއް އެޅުމަށް ނިންމަވައި، ސަރުކާރުން އަޅާނަމަ، އެތަން ހިންގާނީ ރީޖަނަލް އެއާޕޯޓުން ކަމަށެވެ. އަދި އަމިއްލަ ބަޔަކު އަޅާނަމަ، ހިންގާނީ އަމިއްލަ ބަޔަކު ކަމަށެވެ.

މިދިޔަ ސަރުކާރުގައި ރ. ފައިނުގައި އެއާޕޯޓެއް އެޅުމަށް އައިލެންޑް އޭވިއޭޝަންއާ ހަވާލު ކުރިއެވެ. ނަމަވެސް ތިމާވެއްޓެއް ބޮޑެތި ގެއްލުންތަކެއް ލިބޭތީ އެ ރަށުގައި އެއާޕޯޓު ނާޅަން މިސަރުކާރުން ފަހުން ވަނީ ނިންމަވާފައެވެ. ފައިނު އެއާޕޯޓު އެޅުމުގެ މަސައްކަތް ކުރިއަށް ގެންދިޔުމަށް ހެދި އެންވަޔަރަމެންޓް އިމްޕެކްޓް އެސެސްމެންޓް (އީއައިއޭ) ގައި ބުނީ އެއާޕޯޓު އެޅުމަށް އެ ރަށުން 5792 ރުއްގަސް ކަނޑަންޖެހޭކަމަށެވެ.

https://sun.mv/118145

comment ކޮމެންޓް