އިނާޒާ ބައްދަލު ކުރެއްވީ
އޭނާ އެދިވަޑައިގަތުމުން: ޔާމީން

ފިނޭންސް މިނިސްޓަރު އިނާޒާ ބައްދަލު ކުރެއްވެވީ ބަޖެޓާ ބެހޭ ގޮތުން ފިނޭންސް މިނިސްޓަރު އަހުމަދު އިނާޒް މަޝްވަރާކޮށްލަވަން ބޭނުންފުޅުވާތީ ކަމަށް ޕީޕީއެމްގެ ޕާލަމެންޓްރީ ގްރޫޕްގެ ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެ އެވެ.

ޔާމީން ވިދާޅުވީ އިނާޒާ ބައްދަލުކުރެއްވީ އިނާޒު އެދިވަޑައިގަތުމުގެ މަތިން ކަމަށާއި އެއީ ބަޖެޓުގައި އެމަނިކުފާނަށް ހުރި ދަތިތަކާ ބެހޭ ގޮތުން މަޝްވަރާކޮށްލައްވަން ބޭނުންފުޅު ވާތީ ކަމަށެވެ. އެމްޑީޕީ މެންބަރުން އިނާޒާ ދޭތެރޭ ކަންތައްކުރެއްވި ގޮތާ މެދު އޭނާ ވަރަށް ހިތާމަކުރައްވާ ކަމަށް ވެސް ޔާމީން ވިދާޅުވި އެވެ.

"އިނާޒް ވަޑައިގަތީ ވަރަށް އިޚުލާސްތެރިކަމާއެކީ ބަޖެޓްގެ މަސައްކަތްތަކުގެ ވާހަކަތަކެއް ދައްކަވަން. [ވިދާޅުވީ] އޭގަ ޔާމީން އެހީތެރިވެ ދީފާނަންތޯ؟ އެހެންވީމާ އެމްޑީޕީގެ އެކްޓިވިސްޓުންތަކެއް އައިސް އިނާޒާ ދޭތެރޭގައި ވަރަށް އިހާނާތްތެރިކޮށް ކަންތައް ކުރީމާ ވަރަށް ދެރަވޭ. އެއީ ވަރަށް ވިޔާނުދާކޮށް ހިންގި ކަމެއް ކަމަށް ދެކެނީ،" ޔާމީން ވިދާޅުވި އެވެ.

ކުރިން ޓްރޭޑް މިނިސްޓަރުކަން ވެސް ކުރައްވާފައިވާ އިގްތިސޯދީ މާހިރު ވިދާޅުވީ ބަޖެޓާ ބެހޭ ގޮތުން މަޝްވަރާ ކުރެއްވުމަށް އިނާޒު ބައްދަލުކުރެއްވެވީ ހަމައެކަނި އޭނާއާ ނޫން ކަމަށެވެ. ބަޖެޓާ ބެހޭ ގޮތުން އިދިކޮޅު ވަރަށް ގިނަ ފަރާތްތަކުގެ އިނާޒު މަޝްވަރާ ހޯއްދަވަމުން ގެންދަވާ ކަމަށް އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕްގެ އިސް މެންބަރުންތަކެއް ވެސް މިއަދު އޭނާ އަރިހު ވިދާޅުވެފައިވާ ކަމަށެވެ.

ޔާމީން ވިދާޅުވީ ރައީސް ނަޝީދު އެދިވަޑައިގެންފި ނަމަ ބަޖެޓްގައި ހުރި ކަންތައްތަކާ ބެހޭ ގޮތުން މަޝްވަރާ ކުރުމަށް ޕީޕީއެމް ތައްޔާރަށް އޮތް ކަމަށް އިނާޒްގެ އަރިހު ދަންނަވާފައިވާނެ ކަމަށެވެ. އަދި ވިދާޅުވީ އެ މަޝްވަރާތަކުގައި ޑީއާރްޕީގެ ލީޑަރު އަހުމަދު ތަސްމީން އަލީ ބައިވެރި ކުރެއްވުމަށް ވެސް އިނާޒްގެ އަރިހު ދަންނަވާފައިވާނެ ކަމަށެވެ.

"އަޅުގަނޑު ދެންނެވިން މައްސަލައެއް ނެތޭ އަޅުގަނޑުމެން މިތިބީ ތައްޔާރަށޭ. އެކަމަކު ތިކަމުގައި ފުރަތަމަ ރައީސް ނަޝީދު އެބަ ޖެހޭތާއޭ ވިދާޅުވާން. ރައީސް ނަޝީދު އެބަޖެހެޔޭ ތިޔަ ވާހަކަ ދައްކަވަން. ޕީޕީއެމްގެ މީހުންނާ ވެސް ދައްކަވާށޭ. ޑީއާރްޕީގެ ލީޑަރު ތަސްމީނަށް ވެސް ދަންނަވާށޭ. އޭގެ ފަހުން އިށީނދެ ވަޑައިގަންނަވާށޭ އަޅުގަނޑުމެންނާ އެކީ ވާހަކަ ދައްކަވަން،" ޔާމީން ވިދާޅުވި އެވެ.

ޔާމީނާ ބައްދަލު ކުރައްވާފައި ވާތީ ފިނޭންސް މިނިސްޓަރު އިނާޒު އެ ޕާޓީގެ ހަރުގެ ތެރެއަށް ގަދަކަމުން ވައްދައި އެމްޑީޕީގެ ގިނަ އަދަދެއްގެ އެކްޓިވިސްޓުން ރޭ ވަނީ އެމަނިކުފާނަށް "ގޯނާ" ކޮށްފަ އެވެ.

ލިޔުމާ ގުޅޭ އޯޑިއޯ

Abdhullah Yameen (mp3)

Abdhullah Yameen (mp3)
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު