އިންޑިއާ އަދި ބަންގްލަދޭޝްގެ 919 މީހުން ގައުމަށް ފުރުވާލައިފި

200 ބަންގްލަދޭޝް މީހުން އެނބުރި ގައުމަށް --ފޮޓޯ: މޯލްޑިވިއަން

ރާއްޖޭގައި އުޅޭ އިންޑިއާ އަދި ބަންގްލަދޭޝްގެ 900 އަށް ވުރެ ގިނަ މީހުން މިއަދު އެމީހުންގެ ގައުމަށް ފުރުވާލައިފިއެވެ.

މިއީ ކޮވިޑް19 އާ ގުޅިގެން ރާއްޖޭގައި އުޅޭބިދޭސިން އެނބުރި ގައުމަށް ފުރުވާލުމުގެ މަސައްކަތުގެ ތެރެއިން ދިވެހި ސަރުކާރާއި އިންޑިއާ ހައިކޮމިޝަނުން ކުރިއަށް ގެންދިޔަ ދެ އިވެކުއޭޝަން ޕްރޮގްރާމެވެ.

މިހާތަނަށް ބަންގްލަދޭޝްގެ 1600 މީހުން ފުރުވާލައިފި

ރާއްޖޭގައި އުޅޭ ބަންގްލަދޭޝްގެ 1600 އަށް ވުރެ ގިނަ މީހުން މިހާތަނަށް ވަނީ ގައުމަށް ފުރުވާލައިފަ އެވެ.

ކޮވިޑް19 ގެ ހާލަތާ ގުޅިގެން ރާއްޖޭގައި ސައްހަ ލިޔެކިޔުން ނެތި އުޅޭ ބަންގްލަދޭޝްގެ ރައްޔިތުންނާއި އެނބުރި ގައުމަށް ދާން ބޭނުން އެ ގައުމުގެ ރައްޔިތުން ފޮނުވާލުމަށް ސަރުކާރުން ދަނީ ފްލައިޓުތައް ބާއްވަމުންނެވެ. އެގޮތުން މިއަދުވެސް މޯލްޑިވިއަންގެ ފްލައިޓެއްގައި ބަންގްލަދޭޝްގެ 200 މީހުން ވަނީ ފުުރުވާލައިފައެވެ.

މީގެ ކުރިންވެސް އެކި ފަހަރު މަތިން ބަންގްލަދޭޝްގެ ރައްޔިތުން ގައުމަށް ގެންދިޔުމަށް މޯލްޑިވިއަން އިން ވަނީ އެގައުމަށް ޗާޓަރު ދަތުރުތައް ބާއްވައިފައެވެ.

މިހާތަނަށް 1633 އެއްހައި ބަންގްލަދޭޝް ރައްތުން އެނބުރި ގައުމަށް ފުރުވާލާފައިވެއެވެ.

އޭގެ ތެރޭގައި މޯލްޑިވިއަންގެ ފްްލައިޓުތަކުގައި ގެންދިޔަ މީހުންނާއި ދިވެހި ސަރުކާރުން ޗާޓަރު ކުރި ބަންގްލަދޭޝްގެ އެއާލައިނެއްގެ ފްލައިޓެއްގައި ގެންދިޔަ މީހުންގެ އިތުރުން އެގައުމުގެ އަސްކަރީ މަތިންދާބޯޓެއްގައި ދެ ފަހަރެއްގެ މަތިން ގެންދިޔަ މީހުން ހިމެނެއެވެ.

މީގެ ކުރިން ކަމާބެހޭ ފަރާތްތަކުން ހާމަކޮށްފައިވާ ގޮތުގައި ސައްހަ ލިޔެކިޔުންތެތި 63،000 އެއްހައި ބަންގްލަދޭޝް މީހުން ރާއްޖޭގައި އުޅޭނެއެވެ.

ސަރުކާރުން ހާމަކޮށްފައިވާގޮތުން ކުރިއަށް އޮތް ތިން މަސްތެރޭ، ރާއްޖޭގައި ގަވައިދާ ހިލާފަށް އުޅޭ 5،000 ބިދޭސިން އަނބުރާ ގައުމަށް ފޮނުވާލެވޭނެ އެވެ.

ރާއްޖެއިން މިހާތަނަށް 1872 މީހުން ކޮވިޑަށް ޕޮޒިޓިވް ވެފައިވާއިރު އޭގެ ތެރޭގައި އެންމެ ގިނައީ ބަންގްލަދޭޝް މީހުންނެވެ. އެގައުމުގެ 1015 މީހަކު ބައްޔަށް ޕޮޒިޓިވް ވެފައިވާއިރު ރާއްޖެއިން ބަލީގައި މަރުވި ހަތް މީހުންގެ ތެރޭގައި އެ ގައުމުގެ ތިން މީހުން ހިމެނެއެވެ.

އިންޑިއާގެ 2500 އަށް ވުރެ ގިނަ މީހުން އެނބުރި ގައުމަށް

ރާއްޖޭގައި އުޅޭ އިންޑިއާ ރައްޔިތުންގެ ތެރެއިން 2500 އަށް ވުރެ ގިނަ މީހުން މިހާތަނަށް ވަނީ އެނބުރި ގައުމަށް ފުރުވާލައިފައެވެ.

ރާއްޖޭގައި އުޅޭ އިންޑިއާ ރައްޔިތުންގެ ތެރެއިން އެނބުރި ގައުމަށް ދާން ބޭނުންވާ މީހުން ފުރުވާލުމަށް ހަތަރު ފަހަރެއްގެ މަތިން އިންޑިއާ އަސްކަރިއްޔާގެ މަނަވަރެއް ވަނީ އައިސްފައެވެ. މީގެ އިތުރުން އެއާ އިންޑިއާގެ ޗާޓަރު ބޯޓުތަކުގައިވެސް ބައެއް މީހުން ވަނީ ފުރުވާލައިފައެވެ.

އިންޑިއާ އަސްކަރިއްޔާގެ މަނަވަރުގެ ހަތަރުވަނަ ދަތުރު މިއަދުކޮށްފައިވާއިރު މިއަދުގެ ދަތުރުގައި 719 މީހުން ވަނީ ފުރުވާލައިފައެވެ. މީގެ ތެރޭގައި ހިމެނެނީ ޓަމިލްނާޑޫ އަށް ނިސްބަތްވާ މީހުންނެވެ. މި މީހުން އެނބުރި ދާނީ ޓުޓިކޮރިން ބަނދަރަށެވެ.

https://twitter.com/HCIMaldives/status/1268833077469405185
އިންޑިއާ އިން ރާއްޖެ އަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ސަންޖޭ ސުދީރު ވިދާޅުވީ އެކި ގައުމުތަކުގައި އުޅޭ އިންޑިއާ ރައްޔިތުން އެނބުރި ގައުމަށް ގެންދިޔުމަށް އެ ގައުމުގެ ސަރުކާރުން ފަށާފައިވާ "ވަންދޭ ބާރަތު" މިޝަންގެ އަދި އޮޕަރޭޝަން ސަމުންދަރުސެޓޫގެ ދަށުން ކަނޑުމަގުން އެކަނިވެސް ރާއްޖޭގައި އުޅޭ 2000 އަށް ވުރެ އިންޑިއާ ރައްޔިތުން އެނބުރި ގައުމަށް ގެންގޮސްފައިވާ ކަމަށެވެ.

"މިއަދާއި ހަމައަށް 2500 އަށް ވުރެ ގިނަ މީހުން އެނބުރި ހިނގައްޖެ. މީގެ ތެރޭގައި އެއާ އިންޑިއާ އަދި ޕްރައިވެޓް ޗާޓާ ތަކުން ދިޔަ މީހުންވެސް ހިމެނޭ،" ސަންޖޭ ވިދާޅުވިއެވެ.

ރާއްޖޭގައ އުޅޭ އިންޑިއާގެ ރައްޔިތުން އެނބުރި ގައުމަށް ގެންދިޔުމަށް އިންޑިގޯ އިން ވަނީ އިއްޔެ ޗާޓާޑު ދަތުރެެއް ކޮށްފައެވެ. މިދަތުރުގައި 300 އަށް ވުރެ ގިނަ މީހުން އެނބުރި ގޮސްފައިވެއެވެ.

https://twitter.com/HCIMaldives/status/1268475081665073153
ސަފީރު ވިދާޅުވީ ކުރިއަށް އޮތްތަނުގައި އެއާ އިންޑިއާ އިން ނިއުދިއްލީ އަދި ޓްރެވިންޑްރަމް އަށް ދަތުރުތައް ކުރާނެ ކަމަށެވެ. މީގެ އިތުރުން ޗާޓާޑް ދަތުރުތައްވެސް ބާއްވާނެ ކަމަށް ސަފީރު ވިދާޅުވިއެވެ.

"އުއްމީދަކީ ރާއްޖޭގައި އުޅޭ އިންޑިއާ ރައްޔިތުންގެ ތެރެއިން ވހާވެސް ގިނަ ބަޔަކަށް އެނބުރި އާއިލާތަކާއި ހަމައަށް ދެވެނެ ގޮތް ފަހިވުން. އަދި މި ހާލަތުން އަރައިގަނެވުމާއެކު އެނބުރި ރާއްޖެ އައިސް އެމީހުންގެ މަސައްކަތަށް އެނބުރި ދިޔުން،" ސަފީރު ވިދާޅުވިއެވެ.

ރާއްޖޭގައި އެކި މަސައްކަތްތަކުގައި 27،000 އެއްހައި އިންޑިއާ ރައްޔިތުން އުޅެއެވެ.

ރާއްޖެއިން މިހާތަނަށް 1872 މީހަކު ކޮވިޑަށް ޕޮޒިޓިވް ވެފައިވާއިރު އޭގެ ތެރޭގައި އިންޑިއާގެ 190 މީހުން ހިމެނެއެވެ.

comment ކޮމެންޓް