މާދަމާ ރޭ ހަނދުކޭތަ ނަމާދު ކުރާނެ: އިސްލާމިކް މިނިސްޓްރީ

27 ޖުލައި 2018: އިސްލާމީ މަރުކަޒިގައި ކުރި ކޭތަ ނަމާދުގެ ތެރެއިން --- ސަން ފޮޓޯ: މުހައްމަދު އަފްރާހް

މާދަމާ ރޭ ރާއްޖޭގެ މިސްކިތްތަކުގައި ހަނދުކާތަ ނަމާދު ކުރާނެކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފިއެވެ.

އިސްލާމިކް މިނިސްޓްރީން މިރޭ ނެރުނު ސާކިއުލާއެއްގައި ބުނީ މާދަމާ ރާއްޖޭގެ ގަޑިން 22:45 އިން ފެށިގެން ފަނޑުހިޔަނީގެ ހަނދުކޭތައެއް ހިފާނެ ކަމަށެވެ.

އެ ހަނދުކޭތަ އެންމެ ބޮޑަށް ފެންނާނީ 22:45 އިން ފެށިގެން މެންދަމު 00:24 އާ ހަމައަށް ކަމަށްވެސް މިނިސްޓްރީން ބުންޏެވެ.

މިއީ ފަނޑުހިޔަނީގެ ކޭތައަކަށް ވުމުން ކޭތަ ފާޅުވާނީ ވަރަށް ކުޑަކޮށް ކަމަށާއި އެ ކޭތައާ ގުޅިގެން ކޮންމެ ރަށެއްގައިވެސް ހުންނަ އެންމެ ބޮޑު މިސްކިތްތަކުގައި ހޮނިހިރު ވިލޭރޭގެ މެންދަމު 12:15 ގައި ކޭތަ ނަމާދު ކުރުން އޮންނާނެ ކަމަށްވެސް މިނިސްޓްރީން ބުންޏެވެ.

މާދަމާ ރޭ ރާއްޖޭގައި މީހުން ދިރުއުޅޭ ރަށްރަށުގައި ހުންނަ އެންމެ ބޮޑު މިސްކިތުގައި ކޭތަ ނަމާދު ކުރެވޭނެ އިންތިޒާމް ކައުންސިލް އިދާރާއިން ހަމަޖައްސައި ދިނުމަށް ކައުންސިލްތަކަށް މިނިސްޓްރީން މިހާރު ވަނީ އަންގައިފައެވެ.

ކޭތަ ނަމާދުކުރަން ނިންމިއިރު މާލޭގައި އަދިވެސް ޖަމާއަތުގައި ނަމާދު ކުރުން އޮތީ މެދުކަނޑާލައިފައެވެ.

އިސްލާމިކް މިނިސްޓްރީން ބުނީ ހަތް ރަށެއް ފިޔަވައި ހުރިހާ ރަށެއްގައިވެސް ނަމާދުކުރާނެ ކަމަށެވެ. އަދި ނަމާދުކުރާނީ ކައިރިކައިރީގައި ތިބެގެން ކަމަށްވެސް ބުންޏެވެ.

comment ކޮމެންޓް