ކޮވިޑް-19ގެ ޓެސްޓުގެ ނަތީޖާ ލިބުނުލެއް ލަސްވުމުން، ހަދަން ޖެހޭ ސްކޭނެއް ނެހެދި، ފަރުވާ ދެވުން ލަސްވުމުގެ ސަބަބުން މަޝްހޫރު ދުވުންތެރިޔާ ޑރ. ހުސައިން ހަލީމް (ކުޑަހުސެން)ގެ ދަރިފުޅުގެ ގުނަވަނެއް ނަގަން ޖެހުނު ކަމަށް ބުނާ މައްސަލަ ބަލަމުންދާ ކަމަށް އައިޖީއެމްއެޗްއިން ބުނެފި އެވެ.
ހުސެއިން ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައި ބުނެފައި ވަނީ، މިދިޔަ މަހުގެ ފަހުކޮޅު އޭނާގެ ދަރިފުޅުގެ ހާލު ގޯސްވެގެން އައިޖީއެމްއެޗްއަށް ގެންދިޔުމުން ފަރުވާ ދިނުމުގެ ކުރިން ހަދަން ޖެހޭ ސްކޭން ނެހެދި ލަސްވި ކަމަށެވެ. އެއީ ކޮވިޑް-19ގެ ޓެސްޓުގެ ނަތީޖާ ލިބުން ލަސްވެގެން ކަމަށް އޭނާ ބުންޏެވެ. އައިޖީއެމްއެޗުން މިހާރު ސްކޭން ކުރުން ފަދަ ކަންކަން ކުރެވެނީ ކޮވިޑް-19 އަށް ޓެސްޓުކޮށް ނަތީޖާ ލިބުމުންނެވެ.
އެކަމާ ގުޅިގެން އައިޖީއެމްއެޗްގެ މީޑިއާ އޮފިޝަލަކު "ސަން"އަށް ވިދާޅުވީ، އާއިލާގެ ފަރާތުން އެ މައްސަލަ ހޮސްޕިޓަލަށް ޖައްސާފައި ނުވާ ކަމަށެވެ. ނަމަވެސް އެ ހޮސްޕިޓަލުގެ ކޮލިޓީ އިމްޕްރޫވްމަންޓް ޑިޕާޓްމެންޓަށް އެކަމުގެ މައުލޫމާތު ލިބިގެން އެކަން ހިނގައިދިޔަ ގޮތް ބަލަމުންދާ ކަމަށް އޮފިޝަލު ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައ،ި އެ މައްސަލައާ ގުޅިގެން އައިޖީއެމްއެޗްއަށް ކުރެވެމުންދާ ތުހުމަތުތަކާ މެދު ވަކި އެއްޗެއް އެ ހޮސްޕިޓަލުން ބުނާނީ އެ މައްސަލަ ބެލުމަށް ފަހު އެވެ.
ހުސެއިން ފޭސްބުކްގައި ކިޔައިދިން ގޮތުގައި، އެންމެ ފުރަތަމަ ދަރިފުޅު ހޮސްޕިޓަލަށް ގެންދިޔައީ މެއި 27 ވަނަ ދުވަހު އެެވެ. އެ ވަގުތު ޑިއުޓީގައި ހުރި ޖެނެރަލް ޑޮކްޓަރު އޭނާގެ ދަރިފުޅު ބަލާފައި ހާސްވާން ޖެހޭ ކަމެއް ނެތް ކަމަށް ބުނެ، ބޭސް ދީފައި ފޮނުވާލީ ކަމަށް ހުސެއިން ބުންޏެވެ. އޭރުވެސް ހާސްވާން ޖެހޭ ކަމެއް ނެތްތޯ ޔަގީން ކުރަން އެއް ފަހަރަށް ވުރެ ގިނައިން ޑޮކްޓަރު ގާތުގައި ސުވާލު ކުރި ކަމަށް އޭނާ ބުންޏެވެ.
ނަމަވެސް، އަނެއްކާވެސް ގުނަވަން ދުޅަވެ، ދިމާވި މައްސަލަ ގޯސްވާތީ 29 ވަނަ ދުވަހުގެ ރޭ މެންދަމު 2:30ގައި އައިޖީއެމްއެޗްއަށް ދިޔަ ކަމަށް ހުސެއިން ބުންޏެވެ. އަދި އެފަހަރު އިމަޖެންސީ ރޫމްގައި ހުރި ޑޮކްޓަރު ކުއްޖާ ބަލާފައި، ވަރަށް ކަންބޮޑުވި ކަމަށް ބުންޏެވެ. އަދި ވީހާވެސް އަވަހަށް ސްކޭން ކުރަން ޖެހޭ ކަމަށް ބުނި ކަަމަށް ހުސެއިން ކިޔައިދިނެވެ.
ހުސެއިން ބުނީ، އެހެންވެ، ކޮވިޑް-19 ޓެސްޓު ހަދަން ސާމްޕަލް ނެގި ކަމަށެވެ. އަދި ސާމްޕަލް ނަގާފައި ނަތީޖާ ނުލިބެނީސް ކުއްޖާގެ ސްކޭން ހެދޭނެ ގޮތެއްވޭތޯ ބަލާނެ ކަަމަށް ޑޮކްޓަރު ބުނި ކަމަށެވެ.
ނަމަވެސް ހުސެއިން ބުނި ގޮތުގައި، ޓެސްޓްގެ ނަތީޖާ ލިބެންދެން 6-7 ގަޑިއިރު ހޮސްޕިޓަލުގެ އިމަޖެންސީ ރޫމްގައި މަޑުކުރުމަށް ނޫނީ ގެއަށް ގޮސް، ނިދައި، އަރާމުކޮށް، ނަތީޖާ އަނބުރާ އަންނަހާ އިރަށް ހޮސްޕިޓަލަށް އައުމަށް ޑޮކްޓަރު ފަހުން އެދުނެވެ. އެހެންވެ، އެ އާއިލާ ނިންމީ ގެއަށް ގޮސްފައި 6-7 ގަޑިއިރުކޮށްލާފައި އަނބުރާ އަންނާށެވެ. އެހާއިރުކޮށްލާފައި، 30 މެއިގެ ހެނދުނު 9:30ގައި ހޮސްޕިޓަލަށް ދިޔުމުން، ކޮވިޑް ޓެސްޓުގެ ނަތީޖާ ނުލިބޭތީ ސްކޭން ނެހެދޭނެކަން ހޮސްޕިޓަލުން އެންގި ކަމަށް ހުސެއިން ބުންޏެވެ. ނަތީޖާ ނުލިބުނަސް ސްކޭން ކޮށްދޭން ތަކުރާރުކޮށް އެދުމުންވެސް އެކަން ނުކޮށްނުދިން ކަމަށް އޭނާ ބުންޏެވެ.
އޭނާ ބުނި ގޮތުގައި ކޮވިޑް ޓެސްޓުގެ ނަތީޖާ ލިބުނީ 30 ވަނަ ދުވަހުގެ ރޭ 8:00 ގަ އެވެ. އަދި ސްކޭން ކުރެވުނީ އޭގެ އަނެއް ދުވަހު އެވެ. އޭރު ގުނަވަނަށް އޮތީ މާ ބޮޑަށް ގެއްލުންވެ، އޮޕަރޭޓު ކުރާ ހިސާބަށް ގޮސްފައި ކަމަށް އޭނަ ބުންޏެވެ. އަދި އޮޕަރޭޝަންކޮށްގެން ޖެހުނީ ގުނަވަން ނަގަން ކަމަށް އޭނާ ބުންޏެވެ.
ފުރަތަމަ ޑޮކްޓަރަށް ދެއްކި ދުވަހުވެސް، ޖެނެރަލް ޑޮކްޓަރު ވަގުތުން ސްޕެޝަލިސްޓަކު ގެނެސްގެން ދަރިފުޅުގެ ގުނަވަން ދެއްކި ނަމަ، ނުވަތަ ކޮވިޑް ލިބުމުގެ ކުރިން ސްކޭންކޮށްދިން ނަމަ އެ ގުނަވަން ސަލާމަތް ކުރެވުނީސް ކަމަށް ހުސެއިން ބުނެ އެވެ. އަދި އެކަމުގައި އައިޖީއެމްއެޗްއިން އިހުމާލުވެފައިވާ ކަމަށް އޭނާ ތުހުމަތު ކުރެ އެވެ.
މިދިޔަ މަހުގެ ފަހުކޮޅުވެސް އައިޖީއެމްއެޗްގައި ބޮޔޮޕްސީ ޓެސްޓެއް ނުހެދި ލަސްވެފައި ވަނިކޮށް، ކެންސަރު ޖެހިފައިވާ މީހަކު މަރުވެފައިވާ ކަމަށް އެ މީހާގެ އާއިލާއިން ވަނީ ތުހުމަތުވެފަ އެވެ. އެ އާއިލާއިން ކުރާ އިހުމާލުގެ ތުހުމަތު އައިޖީއެމްއެޗްއިން ވަނީ ދޮގުކޮށްފަ އެވެ.