ވޫހާންގެ "10 ދުވަހުން ޓެސްޓު ކުރާ ކެމްޕެއިން" ތެރޭ 9 މިލިއަން މީހުން ޓެސްޓުކޮށްފި

ވޫހާން އިން ވަނީ 10 ދުވަސް ތެރޭ ނުވަ މިލިއަން މީހުން ޓެސްޓުކޮށްފަ -- ފޮޓޯ: ޒިންހުއާ

ވޫހާން (ޖޫން 3): އާ ކޮރޯނާވައިރަސް ފުރަތަމަ ފެނުނު ޗައިނާގެ ވޫހާންގައި ދިރިއުޅޭ ނުވަ މިލިއަން މީހަކު އެ ސިޓީން 19 ދުވަސް ތެރޭ ވައިރަހަށް ޓެސްޓުކޮށްފި އެވެ.

މިދިޔަ އޭޕްރިލް މަހު ވޫހާންގެ ފުރަބަންދު އުވާލި ފަހުން އެސިޓީން ފުޅާ ދާއިރާއެއްގައި ވައިރަހަށް ޓެސްޓު ކުރަން ފެށީ މިދިޔަ މަހުގެ ނުވައަކާއި 10ގައި އެސިޓީގެ ހަ މީހަކު ވައިރަހަށް ޕޮޒިޓިވްވި ފަހުންނެވެ. ވޫހާންގެ އެންޓި ވައިރަސް ޑިޕާޓްމެންޓުން އެންގީ އެ ސިޓީގެ ކޮންމެ ޑިސްޓުރިކްޓަކުން ވެސް 10 ދުވަސް ތެރޭ އެ ޑިސްޓުރިކްޓުގައި ދިރިއުޅޭ އެންމެން ޓެސްޓު ކުރުމަށެވެ.

ވޫހާންގެ ސަރުކާރުން ވަނީ އެ ކެމްޕެއިންގެ ދަށުން އެކި ޑިސްޓުރިކްޓުތަކުން ވައިރަހަށް ޓެސްޓު ކުރަން ފެށީ އެކި ދުވަސްތަކުގައި ކަމަށް ބުނެފަ އެވެ.

ވޫހާންގެ ހުއަޖޮން ޔުނިވާސިޓީ އޮފް ސައިންސް އެންޑް ޓެކްނޮލޮޖީގެ ޕްރޮފެސަރު ލޫ ޒޫޝަންއާ ހަވާލާދީ ގްލޯބަލް ޓައިމްސްގައިވާ ގޮތުން އެ ކެމްޕެއިން ފެށި ފަހުން މިދިޔަ މަހުގެ 14އިން ފެށިގެން އިއްޔެއާ ހަމަޔަށް އެ ސިޓީން ވަނީ 9.89 މިލިއަން މީހުން ޓެސްޓުކޮށްފަ އެވެ. އޭގެ ތެރެއިން 300 މީހަކު ވައިރަހަށް ޕޮޒިޓިވްވެފައިވާ އިރު އެއްވެސް މީހެއްގެ ފަރާތުން ބަލީގެ އަލާމާތެއް ނުފެންނަ ކަމަށް އެނޫހުގައިވެ އެވެ.

ވޫހާންގެ ޑެޕިއުޓީ މޭޔަރު ހޫ ޔަބޯ ވިދާޅުވި ގޮތުގައި އެ ޓެސްޓުތަކަށް ސިޓީން ވަނީ ގާތްގަނޑަކަށް 900 މިލިއަން ޔުއާން (126 މިލިއަން ޑޮލަރު) ހަރަދުކޮށްފަ އެވެ. އަދި އެ ފައިސާ ދައްކާނީ ސިޓީގެ ސަރުކާރުންނެވެ.

އެ މަސައްކަތް ކުރުމަށްޓަކައި ވޫހާންއިން ވަނީ ކޮރޯނާވައިރަހުގެ ޖެނެޓިކް މެޓީރިއަލް ހުރިތޯ ބަލާ ޕީސީއާރު ޓެސްޓު ހަދާ އިންސްޓިޓިއުޓުތައް 23އިން 63އަށް އިތުރުކޮށްފަ އެވެ. އަދި އެސިޓީގައި ކޮންމެ ދުވަހަކު ޓެސްޓު ކުރެވޭ މިންވަރު 300،000އިން އެއް މިލިއަނަށް އިތުރުކޮށްފަ އެވެ.

ޗައިނާގެ އެޕިޑެމިއޮލޮޖިސްޓް ލީ ލަންޖުއަން ވިދާޅުވި ގޮތުގައި ވޫހާންގައި މިހާތަނަށް ޓެސްޓު ކުރި މީހުންގެ އަދަދު މިހާރު ވަނީ 10.9 މިލިއަނަށް އަރާފަ އެވެ. އަދި އެއީ ސިޓީގެ އާބާދީގެ 99 ޕަސެންޓު މީހުންނެވެ.

މިދިޔަ ޑިސެމްބަރު މަހު ވޫހާންއިން ކޮރޯނާވައިރަސް ފެނުނު ފަހުން ޗައިނާއިން 84،159 މީހަކަށް ބަލި ޖެހިފައިވާ އިރު އޭގެ ތެރޭގައި ވޫހާންގެ 50،000އަށް ވުރެ ގިނަ މީހުން ހިމެނެ އެވެ. އަދި އެގައުމުން މިހާތަނަށް 79،399 މީހުންގެ ބަލި ރަނގަޅުވެފައިވާ އިރު 4،738 މީހަކު ވަނީ ބަލީގައި މަރުވެފަ އެވެ.

comment ކޮމެންޓް