ކޮވިޑް ޖެހިގެން އެކަހެރިކޮށްފައި ހުރި 89 އަހަރުގެ އަންހެނަކު މަރުވެއްޖެ

ޖޫން 1، 2020: ނިއު ނޯމަލްގެ ފުރަތަމަ މަރުހަލާ ފެށުމާއިއެކު މާލޭ މަގުތަށް ބާރުބޮޑުުން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ކޮވިޑް-19 ޖެހިގެން ހުޅުމާލޭ އައިސޮލޭޝަން ފެސިލިޓީގައި އެކަހެރިކޮށްފައި ހުރި 89 އަހަރުގެ ދިވެހި އަންހެނަކު މަރުވެއްޖެ އެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީން ބުނެފައި ވަނީ، އޭނާ މަރުވެފައި ވަނީ މިއަދު ހެނދުނު 6:20 ގައި ކަމަށެވެ.

މިއީ ކޮވިޑް19 ގައި ރާއްޖެއިން މަރުވެ ހަތް ވަނަ މީހާ އެވެ. މިއީ މި ރޯގާގައި މަރުވި ހަތަރު ވަނަ ދިވެހި މީހާ އެވެ.

ޓްރީ ޓޮޕް ހޮސްޕިޓަލުގައި އެޑްމިޓް ކޮށްގެން ފަރުވާ ދެމުން ދަނިކޮށް އިއްޔެ ވަނީ އުމުރުން 54 އަހަރުގެ ބަންގްލަދޭޝް ފިރިހެނަކު ވެސް މަރުވެފަ އެވެ.

މިހާތަނަށް ރާއްޖެއިން ކޮވިޑް ޖެހިގެން ހަތް މީހަކު މަރުވި އިރު އޭގެ ތެރޭގައި ހިމެނެނީ ހަތަރު ދިވެހީންނާއި ބަންގްލަދޭޝްގެ ތިން މީހުންނެވެ.

ރާއްޖެއިން މިހާތަނަށް ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ ޖުމްލަ އަކީ 1829 އެވެ.

އޭގެ ތެރޭގައި ހިމެނެނީ ބަންގްލަދޭޝްގެ 1003 މީހުންނާއި 590 ދިވެހިންގެ އިތުރުން އިންޑިއާގެެ 186 މީހުންނާއި ނޭޕާލްގެ 23 މީހެއް އަދި އިޓަލީގެ 11 މީހަކާއި ސްރީލަންކާގެ ނުވަމީހެއްގެ އިތުރުން ޕާކިސްތަނުގެ ތިން މީހަކާއި އެހެން ގައުމުތަކަށް ނިސްބަތްވާ ހަތަރު މީހެކެވެ.

ރާއްޖެއިން މިހާތަނަށް 488 މީހަކު ވަނީ ބަލިން ރަނގަޅުވެފަ އެވެ.

comment ކޮމެންޓް