ބައެއް ފިޔަވަޅުތަކާއެކު ލަންކާއިން އަންނަ އޮގަސްޓް މަހު ޓޫރިޒަމަށް ހުޅުވާލަނީ

ސްރީލަންކާ-- ފޮޓޯ: ރޮއިޓާސް

ބައެއް ފިޔަވަޅުތަކާއެކު ސްރީލަންކާއިން އަންނަ އޮގަސްޓް މަހު ޓޫރިޒަމަށް ހުޅުވާލަން ނިންމައިފި އެވެ.

ސްރީލަންކާގެ ޓޫރިޒަމް ޕްރޮމޯޝަން ބިއުރޯގެ ޗެއާމަން ކިމަލީ ފެނާންޑޯ ވިދާޅުވީ އަންނަ ޖޫން މަހު މެދުތުރޭ ފަތުރުވެރިކަމަށް ހުޅުވާނުލާނެ ކަމަށެވެ.

އޮގަސްޓް މަހު ފަތުރުވެރިކަމަށް ހުޅުވާލިނަމަވެސް ހުއްދަ ދޭނީ މަދުބަޔަކަށް ކަމަށާއި އެމީހުން ތިބެން ޖެހޭނީ ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅާފައިވާ ފައިވް ސްޓާ މަދު ހޮޓާތަކެއްގައި ކަމަށްވެސް ފެނާންޑޯ ރޮއިޓާސް ނިއުސް އޭޖެންސީއަށް މައުލޫމާތު ދެއްވަމުން ވިދާޅުވި އެވެ. އަދި ވިދާޅުވީ ވަކިވަކިން އަންނަ ފަތުރުވެރިންނަށް ހުއްދަ ނުދޭނެ ކަމަށެވެ.

ފެނާންޑޯ ވިދާޅުވީ އެގޮތަށް ނިންމާފައިވަނީ އެގައުމުގެ ރައީސް ގޮތަބަޔާ ރާޖަޕަކްސާއާއި ފަތުރުވެރިކަމުގެ ދާއިރާގެ ބޭފުޅުންނާ މަޝްވަރާކުރެއްވުމަށް ފަހު ކަމަށެވެ.

ސްރީލަންކާގެ ހެލްތު މިނިސްޓްރީގެ ސެކެޓްރީ ވިދާޅުވީ ފަތުރުވެރިންގެ ގައިގައި ކޮވިޑް ނެތްތޯ ބަލަން އެގައުމަށް ވަންނަ ހިސާބުން ޓެސްޓްކުރާނެ ކަމަށެެވެ.

ލަންކާގެ އުފެއްދުންތެރިކަމުގެ 11 ޕަސެންޓް ފަތުރުވެރިކަން ހިއްސާކުރާއިރު މިދިޔަ އަހަރު އެކަނިވެސް ދެ މިލިއަން ފަތުރުވެރިން އެގައުމަށް ޒިޔާރަތްކުރިއެެވެ.

ލަންކާގެ ފަތުރުވެރިކަމުގެ ސީޒަން އާންމުކޮށް ފެށެނީ ނޮވެމްބަރު މަހު ހިސާބުގައެވެ.

ފަތުރުވެރިކަމަށް ހުޅުވާލާއިރު ފަތުރުވެރިންގެ މެދުގައި މަގްބޫލް ނެޝެނަލް ޕާކުތަކާއި ބައެއް "ބީޗް" ތައް ހުޅުވާލައި އެތަންތަނުގައި ގަވައިދުން މީހުންގެ ފިނިހޫނުމިން ބަލާނެކަމަށްވެސް ފެނާންޑޯ ވިދާޅުވި އެވެ.

comment ކޮމެންޓް