ސްރީލަންކަންގެ ހިއްސާ ގަތުމަށް ލަންކާ މީހަކާއި ޖަޕާނުގެ ދެ އެއާލައިން ގުޅިގެން މަސައްކަތްކުރަނީ

ސްރީލަންކަން އެއާލައިންސްގެ ފްލައިޓެއް -- ފޮޓޯ/ އިވާން ކޮރްޔަކޯވް (ޕްލޭންސްޕޮޓާޒް)

ސްރީލަންކަން އެއާލައިންސްގެ 49 ޕަސަންޓު ހިއްސާ ގަތުމަށް، ޖަޕާނުގެ ދެ އެއާލައިނަކާ އެކު ސްރީލަންކާގެ ތަޖުރިބާކާރު ވިޔަފާރިވެރިއަކު މަސައްކަތް ކުރަމުން އެބަ ދެއެވެ.

ސްރީލަންކާގެ ފައިނޭންޝަލް ޓައިމްސް ނޫހުން ބުނި ގޮތުގައި، ލަންކާގެ ވިޔަފާރިވެރިޔާ ހެރީ ޖަޔަވަރުދަނަ ވަނީ ޖަޕާނުގެ ގައުމީ އެއާލައިން ޖަޕާން އެއާވޭސްއާއި، އެގައުމުގެ އިތުރު އެއާލައިނެއް ކަމުގައިވާ އޯލް ނިޕޯން އެއާވޭސް (އޭއެންއޭ)އާ ގުޅިގެން، ސްރީލަންކަންގެ 49 ޕަސަންޓު ހިއްސާއާއި، ސްރީލަންކަންގެ މެނޭޖްމެންޓްވެސް ހޯދުމަށް މަސައްކަތް ފަށައިފައެވެ.

ޑެއިލީ އެފްޓީން ބުނި ގޮތުގައި، ވިޔަފާރިވެރިޔާ ޖަޔަވަރުދަނައާއި ޖަޕާނުގެ ދެ އެއާލައިން ގުޅިގެން ވަނީ، ސްރީލަންކަންގެ ހިއްސާ ގަތުމަށް ޝައުގުވެރިކަން ފާޅުކޮށް، ޕްރޮޕޯސަލްއެއް ހުށަހަޅާފައެވެ.

ޖަޔަވަރުދަނަގެ ވިޔަފާރިތަކުގެ ތެރޭގައި އެންމެ ފާހަގަކޮށްލެވޭ އެއް ކުންފުންޏަކީ، ޓޫރިޒަމާއި އޭވިއޭޝަން ދާއިރާގައި ހަރަކާތްތެރިވާ އެއިޓްކެން ސްޕެންސް ކުންފުންޏެވެ. އޭގެ އިތުރުންވެސް ބައެއް އެހެން ނަން މަޝްހޫރު ވިޔަފާރިތައް ހިންގާ ވިޔަފާރިވެރިޔާ ވަނީ މީގެ ކުރިން ސްރީލަންކަންގެ ޗެއާމަންގެ މަގާމުވެސް ފުރުއްވައިފައެވެ.

ޖަޕާނުގެ އެންމެ ބޮޑު ދެ އެއާލައިނާ އެކު ޖަޔަވަރުދަނަ، ސްރީލަންކަންގެ ހިއްސާ ގަތުމުގެ މަސައްކަތް ކުރާ އިރު، މީގެ ކުރިން ސްރީލަންކަން އެއާލައިންސް މެނޭޖްކުރި ދުބާއީގެ އެމިރޭޓްސް އެއާލައިނުންވެސް ވަނީ، ސްރީލަންކަން އަލުން ހިންގުމަށް ޝައުގުވެރިކަން ފާޅުކޮށްފައެވެ.

comment ކޮމެންޓް