ރާއްޖޭގައި މަރުވާ މީހުންގެ 24 ޕަސެންޓަކީ ދުންފަތާ ގުޅުންހުރި މަރުތަައް

ދުންފަތުގެ އިސްތިއުމާލުކުރުމުން ދުރުހެލިވުމަށް ބާރުއެޅުމުގެ ގޮތުން ތައްޔާރުކޮށްފައިވާ ޕޯސްޓަރެއް --

ރާއްޖޭގައި އަހަރަކު މަރުވާ މީހުންގެ 24 ޕަސެންޓަކީ، ދުންފަތާ ގުޅުންހުރި މަރުތައް ކަމަށް ހެލްތު މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

ދުނިޔޭގެ ދުންފަތުގެ އިސްތިއުމާލު ނުކުރާ ދުވަހާ ގުޅިގެން ހެލްތު މިނިސްޓްރީން އާންމުކުރި ތަފާސްހިސާބުތަކުން ރާއްޖޭގެ ފިރިހެނުންގެ އާބާދީގެ 42 ޕަސެންޓު މީހުން ދުންފަތުގެ އިސްތިއުމާލު ކުރެއެވެ.

އަންހެނުންގެ އާބާދީގައި ދުންފަތުގެ އިސްތިއުމާލު ކުރަނީ ތިން ޕަސެންޓު މީހުންނެވެ.

ރާއްޖޭގައި ދުންފަތުގެ އިސްތިއުމާލުކުރަން ފަށާ އެންމެ ހަގު އުމުރުކަމުގައި ތަފާސްހިސާބުތަކުން ދައްކަނީ ނުވަ އަހަރެވެ.

ތަފާސްހިސާބުތައް ދައްކާގޮތުން އެވްރެޖުކޮށް ކޮންމެ އަހަރަކު ރާއްޖެއަށް 461 މިލިއަން ސިނގިރޭޓު އެތެރެކުރެއެވެ. އަދި އަހަރަކު އެތެރެކުރާ ސިނގިރޭޓުގެ އަގު 1.6 ބިލިއަން ރުފިޔާއަށް އަރައެވެ.

ދުންފަތުގެ އިސްތިއުމާލުކުރުން ހުއްޓުވުމަށް ސަރުކާރުން އަންނަނީ ފިޔަވަޅުތައް އަޅަމުންނެވެ. އެގޮތުން ކުޑަކުދިން އަދި ޒުވާނުން ދުންފަތުގެ އިސްތިއުމާލުކުރަން ފެށުމުން ދުރުހެލިވުމާއި ހުރިހާ އުމުރެއްގެ މީހުންނަށް ދުންފަތުގެ ނުރައްކަލާ ބެހޭގޮތުން ހޭލުންތެރިކަން އިތުރުކުރުމަށް ސަރުކާރުން ވަނީ ދުންފަތުން ބާވަތްތައް ޕެކެޓްކޮށް ލޭބަލް ޖެހުމާ ބެހޭ ގަވާއިދެއް އެކުލަވާލައި އެއަށް އަމަލުކުރަން ފަށައިފައެވެ.

އެ ގަވާއިދުގެ ދަށުން ވަކިން ސިނގިރޭޓް ވިއްކުމާއި ސިނގިރޭޓް ފޮށީގެ ބޭރުގައި ފޮޓޯ ޖެހި އިންޒާރާ ނުލައި ސިނގިރޭޓް ވިއްކުމަކީ މަނާކަމެކެވެ. އަދި ދުންފަތުން ނަގާ ޓެކްސް ބޮޑުކޮށް ވަކިން ސިނގިރޭޓް ވިއްކުން ވެސް ވަނީ މަނާކޮށްފައެވެ.

comment ކޮމެންޓް