"ސިޔާސީ އައްޑާއަކަށް" މަޖިލިސް ބޭނުންކުރާކަމަށް ބުނެ ނަޝީދުގެ އިސްތިއުފާއަށް ޑީއާރްޕީން ގޮވާލައިފި

މޭ، 26، 2020: "ނިއު ނޯމަލް"ގެ ދަށުން ރައްޔިތުން މަޖިލީހުގެ ތަޅުމުގައި ފުރަތަމަ ބޭއްވި ޖަލްސާ: އެޗްޕީއޭގެ ލަފާގެ މަތިން މެންބަރުން ތިއްބަވަނީ މާސްކް އަޅައިގެން އަދި ދުރުދުރުގައި -- ފޮޓޯ/ މަޖިލިސް އިދާރާ

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ސަރުކާރަށް ގޮންޖައްސަވައި، މަޖިލިސްކުރާ ގެ "ސިޔާސީ އައްޑާ"އަކަށް ބޭނުންކުރައްވަމުން ގެންދަވާ ކަމަށް ވިދާޅުވެ، މަޖިލިސް ރައީސްކަމުން ނަޝީދު އިސްތިއުފާ ދިނުމަށް ޑީއާރްޕީން ގޮވާލައިފިއެވެ.

ޑީޕާރްޕީގެ ލީޑަރު ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު، މަޖިލީހުގެ ރައީސް ނަޝީދަށް އެޑްރެސްކުރައްވައި ފޮނުއްވި ސިޓީއެއްގައި ވިދާޅުވީ، މާލެ ލޮކްޑައުން ކޮށްފައި އޮތް ދަނޑިވަޅު މަޖިލީހުގެ އިދާރާގައި ޖަލްސާ ބޭއްވުމަކީ މަޖިލީހުގެ މެމްބަރުން ވަރަށް ދަށު ދަރަޖައަކަށް ވައްޓާލުން ކަމަށެވެ.

"ކޮވިޑް-19އާ ގުޅިގެން ރާއްޖޭގައި ސިއްހީ ހާއްސަ ހާލަތު އިއުލާނުކޮށްފައިވަނިކޮށް އަދި މާލެ ފުރަބަންދުގެ ހާލަތުގައި އޮއްވައި ސަރުކާރަށް ގޮންޖައްސަވައި، މަޖިލިސްގެ އިދާރާގައި ޖަލްސާތައް ބާއްވަން ފެށުމަކީ ރައްޔިތުންނަށް ނަމޫނާ ދައްކަން ޖެހޭ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ވަރަށް ދަށު ދަރަޖައިގެ އަމަލެއްގެ ތެރެއަށް ވައްޓާލުންމަށް މަނިކުފާނު ހިންގެވި ޖަރީމާއެއް،" ޖާބިރު ލިޔުއްވިއެވެ.

އަދި ސަރުކާރަށް މަޖިލީހުގެ އެއްބާރުލުން އެންމެ ބޮޑަށް ލިބެންޖެހޭ ވަަގުތުގައި ރައީސް ނަޝީދު މަޖިލިސް ހިންގަވަމުން ގެންދަވަނީ ސިޔާސީ އައްޑާއެއްގެ ގޮތުގައި ކަމަށް ޖާބިރު ވިދާޅުވިއެވެ. އެހެންކަމުން މަގާމުގެ މަސްއޫލިއްޔަތު އަދާ ކުރުމުުގެ ގާބުލުކަން އެމަނިކުފާނުގެ ނެތް ކަމަށް ވިދާޅުވެ އިސްތިއުފާއަށް ގޮވާލެއްވިއެވެ.

"މަނިކުފާނުގެ އަމަލުތައް މިވަގުތު ހުރި ގޮތުން މަޖިލިސްގެ ރައީސްކަމުގެ މަގާމުގެ ޒިންމާއާއި މަސްއޫލިއްޔަތު އަދާކުރުމުގެ ގާބިލުކަން ހުރި ކަމަށް އަޅުގަނޑަށް ނުފެންނާތީ ވަގުތުން ވަގުތަށް ރައްޔިތުންގެ މަޖިލީހުގެ ރައީސްކަމުން އިސްތިއުފާ ދެއްވުމަށް ގޮވާލަމެވެ." ޖާބިރުގެ ސިޓީގައިވެއެވެ.

ރައީސް ނަޝީދު އިސްތިއުފާ ދެއްވުމަށް ގޮވާލާފައިވާއިރު، މިހާރު މަޖިލިސް ކުރާ ގޭގައި މަޖިލީހުގެ ޖަލްސާތައް ބާއްވަން ފަށާފައި ވަނީ ލޯކަލް ކައުންސިލްތަކުގެ އިންތިހާބު ފަސް ކުރުމުން މިހާރު ތިބި ކައުންސިލަރުންގެ މުއްދަތު އިތުރު ކުރަން ޖެހޭ މައްސަލައަށް ހައްލެއް ހޯދުމަށެވެ. އެކަން ކުރަން ނިންމާފައި ވަނީ ގާނޫނު އަސާސީގެ 231 ވަނަ މާއްދާއަށް އަކުރެއް އިތުރުކޮށްގެންނެވެ.

comment ކޮމެންޓް