ފުރަބަންދު ވޯކްއައުޓް: ރަނާ ކިޔައިދެނީ ޕެލްވިކް ފްލޯ އެކްސްސައިޒްކުރާނެ ގޮތް

އެންމެންގެ ސަލާމަތާއި ރައްކާތެރިކަން އަދިވެސް އޮތީ ގޭގައި ތިބުމެވެ. ގޭގައި ތިބުމަކީ މީހާގެ ހެލިފެލިވުމާއި ދުޅަހެޔޮކަމަށް ބޭނުންވާ ކަސްރަތު ހަށިގަނޑަށް ނުލިބޭންވީ ސަބަބެއް ނޫންތާ އެވެ؟ "ސަން" އިން މި ފަށާ އާ ސެގްމަންޓެއްކަމުގައިވާ 'ފުރަބަންދު ވޯކްއައުޓް' އަކީ ގެޓް ފިޓް ވިތް ރަން ޓީމާއި އެކު ފަށާ ފިޓްނަސް ސެގްމަންޓެކެވެ.

ޖުމްލަ 10 އެޕިސޯޑު ހިމެނޭ މި ސީރީޒްގައި ގެނެސްދެވޭނީ ގޭގައި ތިބެގެން ކުރެވިދާނޭ ބައެއް މުހިންމު ކަސްރަތުތަކެކެވެ.

މިއަދުގެ އެޕިސޯޑު މިގެނެސްދެނީ ގެޓް ފިޓް ވިތް ރަން ހިންގާ ޑރ. ރަނާ އަހުމަދު ހަމީދުއެވެ. ބިޒްނަސް އެޑްމިނިސްޓްރޭޝަންގެ ދާއިރާއިން ޕީއެޗްޑީއަކާއި އެކު އޭނާއަކީ ބަމްޕް އެންޑް ބިޔޯންޑް ޓްރެއިނާއެކެވެ. އަދި ހަމައެހެންމެ ސެޓިފައިޑް ނިރްވާނާ އިންސްޓްރަކްޓާ އެއްވެސް މެއެވެ. މިގޮތުން އޭނާ މިއަދު ކިޔާދެނީ ޕެލްވިކް . އެކްސަސައިޒްތައް ކުރާނެ ގޮތެވެ.

ޑރ.ރަނާ ބުނާގޮތުން އާންމުކޮށް ކުރެވޭ އެހެން ކަސްރަތުތަކާޢި ޚިލާފަށް ޕެލްވިކް އާއި ކެގަލް ފަދަ ކަސްރަތުތަކަކީ ހަށިގަނޑުގައި ފެންނަން ނުހުންނަ މަސްތަކަކާއި ދިމާތަކަށް ލިބިދޭ ކަސްރަތަކަށްވުމުން ވަރަށް ގިނަބަޔަކަށް މިކަމުގައި ފަރުވާ ކުޑަކުރެވެއެވެ.

މިކަސްރަތަކީ ދެ ޖިންސުންގެ މީހުންނަށްވެސް އަދި ކޮންމެ އުމުރެއްގެ މީހަކަށްވެސް ކުރެވިދާނެ ކަސްރަތަކެވެ. އަދި ހާއްސަކޮށް މާބަނޑު ދުވަސްވަރާއި އުމުރުން ދުވަސްވީ މީހުންނަށް ކެއްސާ ކިނބިހި އާޅާއިރު ނުވަތަ މާ ބޮޑަށް ހީ، ފުންމާ ހަދާއިރު ކުޑަކަމުދިޔުން ހިފަހައްޓައިދީ ޕެލްވިކް މަސަލްސް ވަރުގަދަކޮށްދޭނެ ކަސްރަތެކެވެ. އަދި މިއީ ދެމަފިރިކަމުގެ ގުޅުމަށްވެސް މުހިންމު ކަސްރަތެކެވެ.

މި ކަސްރަތު އަލަށް ފަށާޢިރު، ކޮންޓްރެކްޓްސް ދަސްކުރުމަށްޓަކައި 2-3 ސިކުންތު ހިފަހައްޓާލެވިދާނެ އެވެ. އިށީދެ އިނދެގެން އަދި އޮށޯވެގެންވެސް ކުރެވޭ މި ކަސްރަތުތައްކުރާއިރު ވަގުތު ބެލުމަކީ މުހިންމުކަމެކެވެ. އެހެންކަމުން ސްޓޮޕްވޮޗް ނުވަތަ މިކަމަށް ހާއްސަ އެޕްތައްވެސް ބޭނުންކުރެވިދާނެއެވެ.

ގެޓް ފިޓް ވިތް ރަންއަކީ އަންހެނުންނަށް އެކި ކަސްރަތު ޕްރޮގްރާމްތައް ހިންގަމުންއަންނަ ފިޓްނަސްޓީމެކެވެ. އިންޑޯ އަދި އައުޓްޑޯ ކަސްރަތުތައްވެސް މި ޓީމުން ނަގާދޭއިރު، އެންމެ ހާއްސައީ މާބަނޑު އިރުއާއި އަދި ވިހައިގެން ކުރަންޖެހޭ ކަސްރަތުތަކަށެވެ. ކަސްރަތާއި އެކު އެންމެ މުހިންމުކަމަކީ ދުޅަހެޔޮކޮށް ކެއުން ކަމުގައިވާއިރު މި ޓީމުން އެމީހަކަށް އެކަށީގެންވާ ޑައިޓް ޕްލޭނެއް އެކުލަވާލުމަށްޓަކައިވެސް އެހީތެރިވެދެއެވެ. .

comment ކޮމެންޓް