ޒޫމްގެ އެހީގައި މުޅި ސްޓޭޑިއަމުގައި ފޯރި ހިއްޕާލައިފި

ޑެނިޝް ލީގު ކުޅެމުންދާއިރު ފަހަތުގައި ސަޕޯޓަރުން ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ސަޕޯޓް ކުރަނީ---

ދެމަސް ދުވަހުގެ މެދުކެނޑުމަކަށް ފަހު ޑެންމާކުގެ ލީގު އަލުން އަނބުރާ ފެށި އިރު އެތައް ހާސް ސަޕޯޓަރުންނެއް ޒޫމް އެޕްލިކޭޝަން މެދުވެރިކޮށް ދަނޑުގެ ފަޅުކަން ފިލުވައިދީފި އެވެ.

ހަލުވިކަމާ އެކު ފެތުރެމުންދާ ކޮރޯނާވައިރަހުން ރައްކާތެރިވުމަށް އަޅާފައިވާ ފިޔަވަޅުތަކާ އެކު ޔޫރަޕް ފުޓުބޯޅަ މެދުކަނޑާލީ މިދިޔަ މާޗު މަހުގެ ކުރީކޮޅު އެވެ. އެއަށް ފަހު ގައުމުތަކުގެ ލޮކްޑައުން މަހުން މަހަށް އިތުރުވަމުން ދިއުމާ ގުޅިގެން ބައެއް ގައުމުތަކުގެ ފުޓުބޯޅަ ސީޒަންތައް ވަނީ ކެންސަލް ކޮށްފަ އެވެ.

އޭގެ ތެރޭގައި ފްރާންސްގެ ލީގާއި، ބެލްޖިއަމްގެ ލީގު އަދި ޑަޗް ލީގުގެ އިތުރުން އާޖެންޓީނާގެ ލީގު ވެސް ވަނީ ނިންމާލައިފަ އެވެ.

ނަމަވެސް ސްޕެއިނާއި، އިޓަލީ އަދި އިނގިރޭސިވިލާތުގެ އިތުރުން ޖަރުމަން ފަދަ ޔޫރޮޕުގެ ނަން މަޝްހޫރު ގައުމުތަކުގެ ފުޓުބޯޅަ ސީޒަން ކުރިއަށް ގެންދާނެ ކަން މީގެ ކުރިން އިއުލާން ކޮށްފައިވާ އިރު އެންމެ ފުރަތަމަ ލީގު ފެށީ ޖަރުމަނުންނެވެ. އަދި އެހެންމެ ޑެންމާކުން ވެސް މިހާރު ވަނީ އެގައުމުގައި މެދުކަނޑާލާފައިވާ ލީގު އަލުން ފަށައިފަ އެވެ.

ލީގުތަކުގެ ކުޅުން އަލުން ފެށި ނަމަވެސް ހިތާމައަކީ ހޯމް ސްޓޭޑިއަމުގައި ކުޅޭ އިރު ވެސް އެކަން އިހުސާސް ނުކުރެވޭތީ ކަމަށް ގިނަ ކުޅުންތެރިންތަކެއް އަންނަނީ ބުނަމުންނެވެ. ސަބަބަކީ ލޮކްޑައުންގެ ގަވާއިދުތަކާ އެކު މެޗު ބެލުމަށް އެއްވެސް ސަޕޯޓަރަކު ދަނޑަށް ވަނުން މަނާކޮށްފައިވާތީ އެވެ. އެހެން ކަމުން ގިނަ މެޗުތައް ކުޅެމުންދާ އިރު ސަޕޯޓަރުންގެ ސްޓޭންޑްތައް ފެންނަނީ އެކީ އެކަށް ފަޅު ކޮންނެވެ.

މިކަމަށް ހައްލެއް ހޯދުމުގެ ގޮތުން ޑެނިޝް ލީގުގެ ސަޕޯޓަރުން ވަނީ މޮޅު ގޮތެއް ހޯދައިފަ އެވެ. މެޗު ކުޅެމުންދާ ގަޑީގައި އެއްފަހަރާ އެތައް ހާސް ބަޔަކު ޒޫމް ވީޑިއޯ އެޕްލިކޭޝަން މެދުވެރިކޮށް ސަޕޯޓް ކުރަން ވަނީ ފަށައިފަ އެވެ. އަދި ކުލަބުތަކުން ވަނީ މި ވީޑިއޯ ސްޓޭޑިއަމްތަކުގައި ފެންނަން ހުންނާނެ ގޮތަށް ބޮޑެތި ސްކްރީންތަކުގައި އަޅުވައިފަ އެވެ.

ކުލަބުތަކުގެ މަރުދޭ ސަޕޯޓަރުން ދަނޑަށް ނުވަދެވުނަސް ކުޅުންތެރިންނާ އެކު ތިބިކަން އަންގައިދިނުމުގެ ގޮތުން ޒޫމް ވީޑިއޯއަށް އަރަނީ ކުލަބުގެ ޖާޒީތައް ލައިގެންނެވެ. އަދި ގޯލެއް ޖެހުމުން އެންމެން އެއްފަހަރާ ކޮޅަށް ތެދުވެ ކުޅުންތެރިންނާ އެކު އެ ފޯރީގައި ބައިވެރިވެ އެވެ.

ޔޫރޮޕުގެ ބައެއް އެހެން ލީގުތަކުން ވެސް ދަނޑުގެ ފަޅު ފިލުވުމުގެ ގޮތުން މިކަހަލަ ކަންކަން އަންނަނީ ކުރަމުންނެވެ. އެގޮތުން ސަޕޯޓަރުންގެ ފޮޓޯތައް ގޮނޑިބަރިތަކުގައި ބެހެއްޓުމާއި، މީހުން ސިފައިގެ ބުދުތައް ސަޕޯޓަރުންގެ ސްޓޭންޑްތަކުގައި ބެހެއްޓުން ހިމެނެ އެވެ.

comment ކޮމެންޓް